އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް ޔުނައިޓެޑް ބަލިކުރީ 6-0ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މެޗުގެ ގޯލުތައް މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ، ޖޯލް މަޓިޕް އަދި ވާޖިލް ވެންޑައިކް ޖަހައިދިން އިރު، މާނޭއާއި ސަލާހު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.
މޮޅަކަށްފަހު މޮޅެއް ހޯދައި ލިވަޕޫލުން އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ތިން ޕޮއިންޓަށް ގާތް ކޮށްފައިވާ އިރު، ލިވަޕޫލް ސިޓީއާ އެހާ ގާތަށް ޖެހިލީ މީގެ ދެ ހަފުތާއެއް ކުރިން ބޮޑު ފަރަގެއްގައި އޮތުމަށްފަހުއެވެ. ސިޓީ މިވަގުތު އެއްވަނައިގައި އޮތީ 26 މެޗުން 63 ޕޮއިންޓާ އެކުގައެވެ. ރޭގެ މޮޅާއެކު ލިވަޕޫލް ދެ ވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އެހާ ގާތުގައި ލިވަޕޫލް އޮތް ނަމަވެސް ކޯޗު ޔާގަން ކްލޮޕް ބުނީ ސިޓީ އަތުލުމަކީ އުނދަގޫވާނެ ކަމެއް ކަމަށެވެ.
"ޔަގީނުންވެސް އަންނަ ހަފުތާއާ ހަމަށް އޮތީ ތިން ޕޮއިންޓްގެ ފަރަގެއް. ދެން އެ ހަފުތާގެ މެޗުން ސިޓީ މޮޅުވެ، އަނެއްކާވެސް ހަ ޕޮއިންޓަށް ލީޑު ފުޅާކުރާނެ ކަމަށް ބެލެވެނީ. ސިޓީ އަތުވާން އޮތީ ވަރަށް ގިނަ މެޗުތަކަކުން ލިވަޕޫލް މޮޅުވެގެން. އެއީ އުނދަގޫވާނެ ކަމެއް. އެކަމަކު ކިރިޔާވެސް ފުރުސަތެއް އޮތީ ވަރަށް ގިނަ މެޗުތަކަކުން މޮޅު ވެވިގެން،" ކްލޮޕް ބުންޏެވެ.
ގިނަ ތަޖުރިބާކާރުން ބުނެފައި ވަނީ ކްލޮޕް ގެންގުޅޭ ވިސްނުމަކީ ބޮޑު "މައިންޑް ގޭމް"އެކެވެ. ލިވަޕޫލް އޯވާ ކޮންފިޑެންސް ވިޔަ ނުދީ ހިފަހައްޓަން ކްލޮޕް އަބަދުވެސް އަމިއްލަ ކްލަބަށް ފުރުސަތު ނެތް ވާހަކަ ދައްކާ އިރު، ސިޓީއަށް ލީގު ޔަގީންވި ކަމަށްވެސް ކުރިން ފަހަރު ބުންޏެވެ. އެއީ ސިޓީން ލީގަށް ދޭ ސަމާލުކަން ކުޑަކުރަން ކްލޮޕް ދައްކާ ވާހަކަ ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.
"ވިހި ތިރީސް ޕޮއިންޓްގެ ފަރަގެއްގައި ސިޓީ ލީގުގެ އެއްވަނައިގައި އޮތުމަކީ ސަޕޯޓަރުންނަށް އެހާ ޝައުގުވެރި ކުރުވަނި ކަމަކަށް ނުވާނެ. އެހެންވީމަ މިހާރު އޮތް ގޮތުން ލީގު ފޯރި ގަދަވެ، ބަލާ ހިތްވާނެ ކަމަށް ދެކެން. އެކަމަކު އަދިވެސް ބުނަން ބޭނުންވަނީ ސިޓީ އަތުލުމަކީ ވަރަށް އުނދަގޫވާނެ ކަމެއް. އެއީ ވުމަށްވުރެ ނުވުން ގާތްވެސް ކަމެއް. އެކަމަކު މަސައްކަތް ކުރާނަން،" ކްލޮޕް ބުންޏެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު