ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ހއ. އަތޮޅު ފައިނަލަށް ހޯރަފުށި ދަތުރު ކުރި އިރު، ހދ، އަތޮޅު ފައިނަލުގެ ފުރަތަމަ ޖާގަ ނާވައިދޫ، އަދި ށ. އަތޮޅު ފައިނަލްގެ ފުރަތަމަ ޖާގަ މިލަންދޫން ހޯދައިފިއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ފުރަތަމަ ކުޅެމުން އަންނަނީ ހދ، ހއ އަދި ށ. އަތޮޅުގެ މެޗުތަކެވެ. އޭގެން ކޮންމެ އަތޮޅެއްގައިވެސް ހަ ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވެފައިވުމުން މެޗުތައް ކުޅެމުން އަންނަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ އަތޮޅަކުންވެސް ދެޓީމު ޒޯން ބުރަށްދާ އިރު، އަތޮޅު ޗެމްޕިއަން ހޮވަން ފައިނަލެއްވެސް ކުޅޭނެއެވެ.
ފައިނަލުގައި ވާދަކުރާނީ ދެ ގްރޫޕުގެ އެއްވަނަ ނަގައި ދެޓީމެވެ. ފައިނަލަށް ދާ ދެޓީމުވެސް ޒޯން ބުރަށް ކޮލިފައިވާނެއެވެ.
މުބާރާތުގައި ރޭ ކުޅެފައި ވަނީ ހއ، ހދ އަދި ށ. އަތޮޅުގެ ގުރޫޕް އެކެއްގެ ފަހު މެޗުތަކެވެ.
ހއ. އަތޮޅުގެ ފައިނަލަށް ހޯރަފުށި ދަތުރު ކުރީ ރޭ ކުޅުނު މެޗުގައި 4-4 އިން ދިއްދޫއާ އެއްވަރު ކޮށްގެންނެވެ. ރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެން ފައިނަލްގެ ފުރުސަތު ޔަގީން ކުރެވެން ހޯރަފުއްޓަށް އޮތް އިރު، އެ ގުރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ވަށަފަރާއި މާރަންދޫ އެއްވަރުވީ 3-3ގެ ނަތީޖާއަކުންނެވެ.
ރޭގެ ނަތީޖާއާއެކު ހޯރަފުއްޓަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ގުރޫޕުގައި ދެން އޮތް ދިއްދުއާއި މާރަންދުއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ގުރޫޕްގެ ފުލުގައި އޮތީ މާރަންދުއެވެ.
ރޭ މެޗުގައި ހޯރަފުށީގެ ގޯލުތައް ޖަހައިދިނީ އަލީ ޒިޔާދު މުހައްމަދާއި މުހައްމަދު ރިޝާން އަދި އަބްދުﷲ ޔާމީން (ޔާން)އެވެ. މެޗުގައި ރިޝާން ވަނީ ހޯރަފުއްޓަށް ދެ ގޯލު ޖަހައިދީފައެވެ. ދިއްދޫގެ ގޯލުތައް ޖަހައިދިނީ ހިޝާމް ހަސަންގެ އިތުރުން އާދަމް ނަސީމް އަދި މުހައްމަދު އަޝްރަފެވެ. އާދަމް ނަސީމްވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ހދ. އަތޮޅުގެ ގުރޫޕް އޭގެ ފަހު ދެމެޗުގައިވެސް ގިނަ ގޯލުތަކެއް ފެނުނެވެ. ފަހު މެޗުތަކަށް ނުކުތް އިރު، ފުރުސަތު އޮތީ ނާވައިދޫ އަދި ނޭކުރެންދޫއަށެވެ. އެ ދެޓީމަށްވެސް ފައިނަލް ޔަގީން ކުރަން އޮތް ގޮތަކީ ގިނަ ގޯލުތަކެއް ޖަހައި ފައިދާ ގޯލުގެ ފަރަގު ބޮޑުކުރުމެވެ.
ރޭ ނާވައިދޫން 22-2ގެ ނަތީޖާއަކުން ކުމުންދޫ ބަލިކުރި އިރު، އެ ވަގުތު ކުޅުނު ގުރޫޕުގެ އަނެއް މެޗުގައި ނޭކުރެންދޫން ވަނީ ފިނޭ ކޮޅަށްވެސް 10 ގޯލު ޖަހައިފައެވެ. ނޭކުރެންދޫ މެޗު ކާމިޔާބުކުރީ 10-0 އިންނެވެ. ރޭގެ ނަތީޖާތަކާއެކު ނޭކުރެންދުއާއި ނާވައިދުއަށްވެސް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ނާވައިދުއަށް ފައިނަލް ޔަގީން ވަނީ ފައިދާ 22 ގޯލާއެކުގައެވެ. ނޭކުރެންދުއަށް ލިބިފައި ވަނީ ހަތް ޕޮއިންޓާއެކު ފައިދާ 13 ގޯލެވެ.
ރޭގެ މެޗުގައި ނާވައިދޫގެ ގޯލުތައް ޖަހައިދިނީ އަހުމަދު ހަމީދާއި އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ އިތުރުން އަބްދުﷲ ވިސާމް، މުހައްމަދު ޝާއިން، ހުސައިން މައިޝަން އަދި އާދަމް ވަހީދު ހުސައިންނެވެ. މެޗުގައި ޝާއްޕެ ފަސް ގޯލު ޖެހި އިރު، އަހުމަދު ހަމީދު ވަނީ ހަތް ގޯލު ޖަހައިފައެވެ. ވިސާމްގެ ހަ ގޯލާއެކު ނާވައިދޫގެ މައިޝާންވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ކުމުންދޫގެ ދެ ގޯލުވެސް ޖެހީ މުހައްމަދު އާދަމްއެވެ.
ރޭ ކުޅުނު މެޗުގައި ނޭކުރެންދޫގެ ގޯލުތައް ޖެހީ މުހައްމަދު ވިލްފާއި އަލީ އިފާޒްގެ އިތުރުން އަހުމަދު އިމާޒް (އާއްކޮ) އާއި ހުސައިން ޝިފާއު ޔޫސުފް (ކްރޯ) އެވެ. އާއްކޮ ފަސް ގޯލު ޖެހި އިރު، ކްރޯ ވަނީ ހެޓްރިކް ހަދައިފައެވެ.
ށ. އަތޮޅުގެ ފައިނަލްގެ ޖާގަ މިލަންދޫން ޔަގީންކުރީ ރޭ ކުޅުނު މެޗުގައި 2-0ގެ ނަތީޖާއަކުން ފޯކައިދޫ ބަލިކޮށްގެންނެވެ. ރޭގެ މެޗަށް ނުކުތްއިރު، ފައިނަލްގެ ފުރުސަތު އެ ދެޓީމަށްވެސް އޮތެވެ. މިލަންދޫން ފޯކައިދޫ ބަލިކުރީ މުހައްމަދު ނާޖިހުގެ ގޯލުގެ އިތުރުން ފޯކައިދޫގެ އިބްރާހީމް މުޝީރު އަތުން ބައިކޮޅަށް ވަން ގޯލާއެކުގައެވެ.
މިލަންދުއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ފޯކައިދުއަށް ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. ރޭ ށ. އަތޮޅު ގުރޫޕް އެކެއްގައި ބިލެއްފަހިން ވަނީ 5-4 އިން ކޮމަންޑޫވެސް ބަލިކޮށްފައެވެ.
މުބާރާތުގައި މިރޭވެސް ހަ މެޗު އޮންނާނެއެވެ. މިރޭ ކުޅޭނީ ހދ، ހއ އަދި ށ. އަތޮޅު ގުރޫޕްގެ ދޭއްގެ ފަހު މެޗުތަކެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
- ހއ. އަތޮޅު (ގްރޫޕް 2)
20:15 ކެލާ - ބާރަށް
20:15 އިހަވަންދޫ - މުރައިދޫ
- ށ. އަތޮޅު (ގްރޫޕް 2)
21:15 ގޮއިދޫ - މަރޮށި
21:15 ކަނޑިތީމު - ފީވަށް
- ހދ. އަތޮޅު (ގްރޫޕް 2)
22:15 މަކުނުދޫ - ކުޅުދުއްފުށި
22:15 ވައިކަރަދޫ - ނެއްލައިދޫ
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު