މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހޯދި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަތުކުރި ބައެއް މީހުންގެ ފޯނު ހުޅުވަން ކުރިމިނަލް ކޯޓުން އަމުރު ނެރެ ނުދިނީ ގޯސްކޮށް ކަމަށްވުމުން، ހައި ކޯޓުން އެ އަމުރު ބާތިލުކޮށް އެ މީހުންގެ ފޯނު ހުޅުވުމުގެ އަމުރު ފުލުހުންނަށް މިއަދު ދީފިއެވެ.

ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ)، ގދ. ހޯނޑެއްދޫ، އަލޯރާ، އަހްމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (25އ) ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މުޖާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް ޒުބައިރު އާއި ސުނައިނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށް ލިޔެކިޔުންތަކުން ފެންނަން އޮތީ ކޯޓު އަމުރަކާ ނުލައި، ކުށުގެ ވެށިން ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފޯނުގެ ލޮކް ކޯޑާއި ޕާސްވޯޑު ދިނުމަށް ފުލުހުން ޒުބައިރުއާއި ސުނައިނުއަށް އެންގުމުން އެ މީހުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެހެންވެ އެ ދެ މީހުންގެ ފޯނުގެ ލޮކް ކޯޑާއި ޕާސްވޯޑު ހޯދުމުގެ އަމުރަކަށް ފުލުހުން ކުރިމިނަލް ކޯޓުގައި އެދުނެވެ. ކުރިމިނަލް އަމުރުކުރީ އެ ދެ މީހުންގެ ފޯނުގެ ލޮކް ކޯޑާއި ޕާސްވޯޑު ހޯދުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެ ހުކުމާ މެދު ހިތްހަމަ ނުޖެހުމުގެ ސަބަބުން ހައި ކޯޓުގައި ކުރިމިނަލް ކޯޓުގެ އެ ހުކުމް ވަނީ އިސްތިއުނާފުކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ދެ ކަމެއް ފާހަގަކޮށެވެ. ހައި ކޯޓުގައި އެކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުން ވިދާޅުވެފައިވަނީ ވަނީ ކުރިމިނަލް ކޯޓުން އަމުރު ނެރެނުދޭން ނިންމިއިރު، އެ ނިންމުން ބިނާކުރި ސަބަބު ސާފުކޮށް ބަޔާންކޮށްފައި ނުވާކަމަށާއި އެކަމަކީ ސުޕްރީމް ކޯޓުން ސަބަބު ބަޔާންކުރުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް އަމުރަށް އެދި ހުށަހެޅި ފޯމުތަކާ ގުޅިގެން އަޑުއެހުމެއް ބާއްވައިދިނުމަށް އެދުނުނަމަވެސް އެފަދައިން އަޑުއެހުމެއް ބާއްވާފައި ނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މަގުސަދާ ހިލާފުކަމެއް ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ޒުބައިރު އާއި މުޖާހިދު އަދި ސުނައިނުގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ، ފޯނުގެ ލޮކް ކޯޑާއި ޕާސްވޯޑު ދިނުމަށް އިންކާރުކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަވެފައިވާތީ ފޯނުގެ ލޮކް ކޯޑާއި ޕާސްވޯޑް ހަނދާނުގައި ނެތް ކަމަށެވެ. އަދި މުޖާހިދު އިތުރަށް ބުނެފައިވަނީ ފޯނުގެ ލޮކް ކޯޑު ހޯދުމަށް ފުލުހުން ނޭދޭކަމަށެވެ. މީގެ އިތުރުން ފާހަގަކުރާނެ ކަމެއް ނެތް ކަމަށް އެ މީހުން ބުންޏެވެ.

ދެ ފަރާތުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު ހައި ކޯޓުން ހުކުމްކުރީ ކުރިމިނަލް ކޯޓުގެ އަމުރު ގޯސްކަމަށްވުމުން އެ އަމުރު ބާތިލުކޮށް ފޯނުގެ ލޮކް ކޯޑާއި ޕަސްވޯޑު ހޯދުމުގެ އަމުރު ނެރެދިނުމަށެވެ.

އެގޮތަށް ހުކުމްކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އިލެކްޓްރޯނިކް ޑިވައިސްއެއް ހުޅުވައި އޭގައިވާ މައުލޫމާތަށް ވާސިލްވުމަށްޓަކައި ބަލައިފާސްކުރުމުގެ އަމުރުފިޔަވައި އެހެން ކޯޓު އަމުރެއް ބޭނުން ނުވާނެކަމަށް ބަޔާންކޮށްފައިވާތީއެވެ. އަދި މަތީ މަރުހަލާ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު އެގާނޫނާ ހިލާފަށް ނެރެފައިވާ އަމުރަކަށްވުމުން ކަމަށެވެ.

ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގައި ހެކީގެ ގޮތުގައި ބޭނުންކުރުމަށް ހޯދަން ބޭނުންވާ އެއްޗަކީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ މައުލޫމާތެއް ނަމަ، އެ މައުލޫމާތު ހޯދޭނީ ގާނޫނީގޮތުން އެނޫންގޮތަކަށް ބަޔާންކޮށްފައި ނެތްހަލަތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެހެންކަމުން ފުލުހުން އެދުނު ގޮތަށް އަމުރެ ނެރެދޭން ކުރިމިނަލް ކޯޓުން ޖެހޭކަމަށް ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.

އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން އެ ކުރިމިނަލް ކޯޓުގެ އެ ނިންމުން ގޯސްކަމަށް ހައި ކޯޓުން ހުކުމްކުރީއެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން މަޒީދު އެވެ.

މި މަސްތުވާތެކި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދު (26އ) ވަނީ އެތަކެތި އަތުލައިގަތުމުގެ އެއްރޭ ކުރިން ރާއްޖެއިން ބޭރަށް ފުރައިފައެވެ. 119 ކިލޯގެ އެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ވަނީ މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލެއް ބަލައި ފާސްކޮށްފައެވެ. ނަމަވެސް ޑުރަގް ފެނުނީ މާލެއިން ހުއްޓުވި ޓެކްސީއެއްގެ ތެރެއިންނާއި ސައިކަލެއްގެ މަޑިދަށުންނާއި ހުޅުމާލެއިން ހުއްޓުވި ކާރެއްގެ ތެރެއިންނެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އަރުޝަދަކީ ޑްރަގު ނެޓްވޯކު ހިންގާ މީހެކެވެ.