ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކު ދަރީންނޭވެ. ފުވައްމުލައް ދަސްކުރާށެވެ! އަޅުގަނޑުމެންގެ މަސްވެރިކަމުގެ މާޒީ - 2

މުނީރު ހަސަން، ޏ. ފުވައްމުލައް

(5 ފެބުރުއަރީގެ އަދަދާ ގުޅޭ)

އަޅުގަނޑުމެން މިރޭ މަހަށް ދާނީ އަނބުލުން ނިކުމެގެން ރަށުގެ އުތުރު ކޮޅުން (ކެޑެވަރި) ވަށާލާފައެވެ. މިގޮތަށް ދާއިރު ރަށުން ހަމަވާ ހިސާބެއްގެ ނަން ކިޔަމުންދާނެއެވެ. މިތާނގައި ބައެއް ނަންތައް ކިޔައިދޭނަމެވެ. އަޅުގަޑު މި ދަންނަވާ ގޮތާ މި ރަށުގެ ގިނަ ބަޔަކު ދަންނަ މަޝްހޫރު "ރަށުވެށި" އާ ފަހަރެއްގައި ތަފާތު ވެދާނެއެވެ.

އަނބުލުން ނިކުމެގެން އުތުރަށް ފުރަތަ ކިޔަނީ ރައްފަޅަ، އާރިކަޑެ، ތަންގަނޑި މީހުންގެ ރުއްގަނޑު، ކަދީދަ ރުއްގަނޑު، ހަވިއްތަ ފަންނު، ގަލްގޯނި، މަލްވިނަ، ވެޑިފެޑި، ހުދު މިއީ ރަށުގެ އުތުރު ކޮޅެވެ. ހުދަށް ވައްޓާލާ އެއްޗެއް އެއްވެސް އޮއިވަރެއްގައި ރަށަށް ނުލައްގާނެ ކަމަށް މުސްކުޅިން ބުނެއެވެ. ހުދު ފަހަނަޅާ ފުރަތަމަ ހަމަވާނީ އައްޔަނިގަލާއެވެ. މި ގަލަކި ރަށުގެ އުތުރު ފަރާތު ހުރަހުގެ ފުރަތަމަ ހޭނެވެ. އައްޔަނިގަލް ފަސްދީ ކުރިއަރާއިރު ފުރަތަމަ ދެން ހަމަވާނީ އެއް ފަޅައާއެވެ. ދެން ދެ ފަޅައެވެ. ނަމަވެސް މިހާރު މިއިން ރުކެއް ނެތެވެ. ދެ ފަޅަ ފަސްދީ ހުރަހުން ދެން ހަމަވާނި ގެންމިސްކިތް ފަންނާއެވެ. ގެން މިސްކަތް ފަންނޮ އޮމާގަނޑާ ދެމެދު ވެޑިވަޑި ކެޑެ، ބޮޑޮމަގި ކެޑެ އޮވެއެވެ. މި ބޮޑު މަގަކީ ރަށްވެހިކަމުގެ ދުވަސްވަރު ރަށުގެ އެއް ކޮޅުން އަނެއް ކޮޅަށް ހެދި މަގެވެ. ދެން ހަމަވާނީ އޮމާގަނޑާއެވެ. މިހިސާބުން ރަނިއަ ތުނޑީގެ ކޮޅު ފެންނަން ފަށާނެއެވެ. މި ތަނަކީ ހުޅަނގު އޮއިވަރު ރަށާ ހަމަވެފައި ރަށުގެ ދެ ކޮޅަށް ދަމައިގެން ދާއިރު ހުރަހަށް ވާ ގޮތަށް އޮންނަ (ހެރަހަ ފަރޮގަނޑޮ) ގެ ނިވަލުގައި އޮންނަ އޮޔާއި ރާޅު ވެސް މަޑު ހިސާބެކެވެ. (ނަގަނަމަގޮ) މި ތަނަކީ ކުރީގައި ބަޔާންކުރި ފަރުގެ ބޭރު ހެއި ފަށާ ރަށުގެ ފަރާ ދެމެދު އޮންނަ ގަދަ ތަނެކެވެ. ހުޅަނގު މޫސުމުގައި ވަދު ދޯނިފަހަރު ވަރަށް ގިނަ ފަހަރު މިތަނަށް ފެތި ބަންޑުންވުން ފަދަ ހާދިސާތައް ހިނގައެވެ. ކުޗި ފަސްދީ ބަޑިޔައި ދަޑިމުލި އާއި ހަމަވާއިރު ނެރެގަނޑު ފެންނަން އޮވެއެވެ. ދެން ހަމަވާނީ ތާށިމޭށި މިސްކިތް ފަންނާއެވެ. އެއީ ކުރީގައި މީހުން ނަމާދު ކުރި މިސްކިތެއްގެ ފެހުރި ތަނެވެ. ނެރެގަނޑާއި ހަމަވާއިރު އުއްސަންފައި މުލި ފެންނާނެއެވެ. ނެރެގަނޑު މުލި ފަސްދިނުމުން އޮއި ފައްސިޔަވީއެވެ. އަދި ރަށުގެ ބިއްތަރުން ބޮޑު ބައެއް ފެންނަން ފަށާނެއެވެ. އާދަމުގެ ފަންނާއި ނަޔާގޭ ފަންނޮ ފަސްދީ ދަޑިމަގު ފަންނާ ހަމަވެ ބޮޑޮވެޅުލްގަޑާއި ހަމަވާއިރު ދަޑިމަގު ތިލަވެސް އޮވެއެވެ. ކަޅޮމާބެއަގެ ފަންނާއި މުހަންމަދުބެއަގެ ފަންނޮ ފަސްދީ އުއްސަންފައި މުލި ފަސްދިނުމުން ދެން ހަމަވާނީ ގެރަގަނޑޮފަންނު، މަރިޔާގެފަންނު، ފަސްދީ އަރުއްފަންނާ ދޮންމުހައްމަދު ކަލޭގެފަންނާއެކު ފީދި ފަންނާއި މާނޭރެ ފެންނާނެއެވެ. މާނޭރެ ގޮނިއަށް ވަނުމަށްފަހު ދެންހަމަވަނީ ފުޅޭފެ ގޮނިއާއެވެ. މިސްކިއްފަންނާއި، ކަދުވަލިފަންނު ފަސްދީ ކިނބިބާލާއި ހަމަވާއިރު މާރުއްގަޑު މަތި ވެސް ކިޔާނެ އެވެ. މާރުއްގަޑުން ފެށިގެން ރާޒަވާ ފަރުގަޑާއި މަޑިސީލަ ތިލަޔާއި ދޭތެރެއަކީ ކުރީގެ ބަނދަރު ސަރަހައްދެވެ. މި ހިސާބަށް ދެން ކިޔަނީ މާޑިއެވެ. އެއީ ރާޒަވާ ކަނެވެ. އެހިސާބުން ރަށު ފަރު ހުސްވީއެވެ. ފައްކޮޑި އޮންނަނީ މަޑިސީލަ ތިލައިން ފެށިގެން ބިޅިފޭށާ ދެމެދުގައެވެ. މިގޮތަށް ރަށާ ދުރަށް ދާނަމަ ދެންހަމަވާނީ ޅޮހޮ އާއެވެ. ޅޮހޮ އޮންނާނީ ބިޅިފޭށިން ހުރަސް ފަރުގަނޑުގެ ކޮޅާ ހަމައަށެވެ. ދަށިއަޑިއަކީ ވެސް ރަށް އޮތްތަން ދެނެގަތުމުގައި ބޭނުންކުރާ ހޭހަނެކެވެ. ދަށިއަޑި އޮންނަނީ ހުރަސް ފަރުގަނޑާއި މެރިކާ ފަޅައާ ދެމެދުގައެވެ. މިހިސާބުން ގަންބިއް ހާސާވެ ވަރުވާ ތުނޑި (ވަރިންމަ ތުނޑި) ފެންނާން ފަށާނެއެވެ. މިހާރު ދޯނި ހުންނާނީ ފަރުކޮޅުން ނެއްޓި ރަށުގެ އުތުރު ފަރާތަށް ދެވިފައެވެ.

ކުރީގެ ހޭހަންތައް އިތުރަށް ތަފްސީލު ކޮށްދޭނަމެވެ. މާރުއްގަނޑު މަތީގައި ތިބޭއިރު ރަށުން ފެންނާނީ ހުޅަނގު ބިތެވެ. މާޑީގައި އިންނައިރު ރަށު ކޮޅުން ކެނޑި ހުރަހުން ބޯރުއްގަނޑެއް ފެނެއެވެ. ފައްކޮޑިއަށްވާއިރު ކުރިން ދެންނެވި ރުއްގަނޑުގެ ކޮޅުން ވަށްކޮށް ހުންނަ ގަހެއް (ބޮށި) ފެނެއެވެ. ޅޮހަށްވާއިރު ކުރިން ދެންނެވި ބޮށި ގަސް ނިވާވެ ރަށުގެ ކޮޅުން އުސް ރުއްގަނޑެއް ފެންނައިރު ހުންނާނީ ވަކަރު ކޮށަން ބޭނުންކުރާ ކަބިޅިއެއް ގޮތަށް މެދަށް އަޑި ކޮށެވެ. ދަށިއަޑިއަށްވާއިރު ރަށުގެ އުތުރު ބިތުގައި ހުންނަ ދޮންރުކެއް ފެންނާނެއެވެ. އެއީ މިހާރު ބަނދަރުގެ އުތުރު ކޮޅެވެ. ބިޅިފޭށާ ހަމަވާއިރު ބިޅިފޭށެ މައިހުދު ފެންނާނެއެވެ.

ފައްކޮޑި ހުދާ ޅޮހޮ ހުދު، ދަށިއަޑިއެ ތިން ހުދު، ގަންބިތެ ހުދުތައް، އެނގުމަކީ ފަރުގެ ރާޅުން ސަލާމަތުން ފަރު ހުރަސް ކުރުމަށް ވަރަށް ފަސޭހަ ކަމެކެވެ. މި ހުދު ތަކަކީ އަސްލު ފަރަށްވުރެ ފުންތަނަށް ވުމުން ފަރަށް މުގުރާ ހުރިހާ ރާޅެއް މިހިސާބުން ބުރިވާނެއެވެ. ބިޅިފޭށެ ހުދު އޮންނާނީ ފަރުގެ ތިންބައިކުޅަ އެއްބައިގައި ފަރުގެ އުތުރުގައެވެ. މިހިސާބުން ރަށުގެ އުތުރު ފަރާތުން ވަރުވާ ތުނޑި (ވަރިންމަތުނޑި) ފެންނާނެއެވެ. އިރުވައި މޫސުމުގައި ވެސް ރަށުގެ މުސްކުޅި މަސްވެރިން ރަށް ދެނެގަތުމަށް ހޭހަންތަކެއް ކިޔައެވެ. އެ ބައިތައް އިރާދަކުރެއްވިއްޔާ ފަހުން ކިޔައިދޭނަމެވެ.

މަސް ބާނަން ގެންގުޅެނީ އޮނު ކަނޑައި ހިއްކައިގެން ތައްޔާރުކުރާ ދަނޑިއެވެ. އެ ދަނޑިތަކަށް ވެސް ނަންތަކެއް ކިޔާނެއެވެ. ފޯރޮއާދަނޑި، އެއީ ދެ ބުމަ ބައިގެ ދަނޑިއެވެ. މަސް ބާނާ ދަނޑި މިއީ ދެ ބުމަ ދަނޑިއެވެ. ދެން އޮންނަނީ އަސާގަނޑާއި ދަޑިބުރިއެވެ. މިއީ އެއް ބުމަ ދޮޅު ބުމައިގެ ދަނޑިއެވެ. މަސްއައިނަށް އަރާ ފުރަތަމަ ކެއުޅު މީހާ ފޯރޮއާ ދަނޑި ހިފައިގެން ތެދުވެ ހުވަނި މޫދަށް ވައްޓާލައިގެން ބައެއް ފަހަރު ކޮނޑު އަޅައިގެން ބައެއް ފަހަރު ފާވަޑުލައިގެން މަސް ބަލަން ހުންނާނެއެވެ. އޭރު އެންކެޔޮޅު ހުންނާނީ ތަލު ތެރޭގައި އެން އުކަން ތައްޔާރުވެގެންނެވެ. ކެޔޮޅު މީހާ އެން އެއްލަން ބުނުމުން އެންކެޔޮޅު އެން އެއްލުމުން މަސް އެން ކާން ފެށުމުން ކެޔޮޅު "ކައޭކައޭ" ބުނެ މަސްއައިން ކައްވާށޭ ބުނާނެއެވެ. މަސްއައިން އަރައިގެން އައިސް ދެސާރިމަތި ފައްޔާ ހިސާބަށް މަސްއައިން އެރުމުން ކެޔޮޅު އެންދޯނި ކަހާލާށޭ ބުނާނެއެވެ. އެހިސާބަށް ދާއިރު ކެޔޮޅު ގެންގުޅުނު ދަނޑި ވެސް އޮންނާނީ އަސާ ގަނޑަށް ނުވަތަ ދަނޑި ބުރިއަށް ބަދަލުވެފައެވެ. މަސްއައިން ކައިގެން އައުމުން އެންމެ އިސްކަންދޭ އެއް ކަމަކީ ދެން ކައިރި ކުރާ ދޯންޏަކަށް މަސް އައިން ކެއްވުނަ ނުދީ މަސްއައިން ހިފެހެއްޓުމެވެ. ދަނޑީގައި އޮންނާނީ ކުރީގައި އުއިން އަޅާފައިވާ ނަނުގެ ބަޔަކާއި ރުވާއިން އަޅާފައިވާ ހިމަ ބައެކެވެ. މިބަޔަށް ކިޔަނީ މޭވާލިއެވެ. ހުވަނި އައްސަނީ އެ ހިމަ ފަށުގައެވެ. މަތީގައި ހުންނަ ބަޔަށް ކިއަނީ ކިރޭލިއެވެ.

މަސް ބާނާއިރު ދޮށި ދިގަސް، ކުރަސް، ބާނާ މަސް ގޮސް ދޯނީގައި ޖެހޭނީ އެއް ތަނެއްގައެވެ. ފުވައްމުލަކު މީހުން އެ ތަނަށް ކިޔަނީ "މާހިއެ ކަން" މި ގޮތަށެވެ. އެއީ ކާހައް ފަލީގެ ކުރުމަތީގައި ހުންނަ ފަށްފަށެވެ. މަހާއެކު ހުވަނި ދޯންޏާ ހަޔަމަކަށް ނާންނާނެއެވެ. މަސް މަތީގައި ހުއްޓާ މަހުގެ އަނގައިން ހުވަނި ނައްޓާލުމަކީ މަސް ބާނާ ކެޔޮޅުންނަށް އުނދަގޫ ކަމެއް ނޫނެވެ. މެދެހެއި ފުރެން ފެށުމުން ދެން މަސް އަޅާނީ ދިރުބާކޮޅު ވައްވަތަށެވެ. އެންމެފަހުން އަޅާނީ އެން ހުންނަ ވަތަށެވެ. އެތަނަށް ކިޔަނީ ތަލިތެރެއެވެ.

ދެއަކެޑެތައް

ފުރަތަމަ ކިޔަނީ ފަށަވަރޮ އަދި ފަށަވަރޮބުރި ފަށަވަރަކީ ދިއްކަނޑަށްވުރެ ގަދަކޮށް ހޭ ފެންނަ ހިސާބުން ފެށިގެން ބޭރަށް އޮންނަ ހިސާބެވެ. ރަށުގެ އެއްގަމުގައި ތިބޭއިރު މިތަން ފެންނާނެއެވެ. އެއީ ގާތްގަނޑަކަށް ރަށާ ބައިމޭލު ހިސާބު ދުރެވެ. އެއިގެ ފަހުން އޮންނަނީ އައްސަރިޔާ އެވެ. އައްސަރިޔާ އަކީ ތިން މޭލާއި ހަތަރު މޭލާއި ދެމެދެވެ. މިހިސާބުން ފަރު ގެއްލޭނެއެވެ. ބޯދާ ބަޑޮވެލި އެހިސާބުގައި ތިބޭއިރު ކަނޑު އޮންނާނީ ރަށުގައި ޖެހިފައެވެ. މޭލުން ބަލާއިރު އެއީ ފަސް މޭލު ވަރެވެ. ބަޑޮވެލި އޮންނަނީ ހަ މޭލުގައެވެ. އެހިސާބުން ވިނަގަނޑާއި ވެލިގަނޑު އެއްވާނެއެވެ. ބޭރަށް އިތުރަށް ދުއްވާލުމުން ނިކުމެވެނީ ވެލިފަށަށެވެ. އެއީ ހަތް މޭލެވެ. އެހިސާބުން ވެސް ރީތިކޮށް ވެލި ފެންނާނެއެވެ. އަށް މޭލުގައި ބަނަ އޮންނައިރު ނުވަ މޭލުގައި ބޮށިބަނަ އޮވެއެވެ. އެހިސާބުގައި ތިބޭއިރު ރަށުގެ ތިރިން ބައެއް ހިސާބުން އުސް ގަސް ފެނެއެވެ. ރުއްކުރި ފެނުޖެހުނު ހިސާބު އޮންނަނީ އެގާރަ މޭލުގައެވެ. އެހިސާބުން ރަށް ފެންނާނީ އެކި ހިސާބުންންނެވެ.

މަސްބެހުން ހިޔައަކުން ދޭތި

މަސް ބަހާއިރު ބައެއް ފަހަރު މަސްގަނޑުން ފަންޑިތަވެރިޔާ އަށް ބައިކަދި މަސް ދޭނެއެވެ. އާންމު ގޮތަކީ ފުރަތަމަ ހަތަރު ބައިކޮށް އެއްބައި ނެގުމެވެ. އެއިގެ ފަހުން މަސް ބަހާނީ ތިރީގައި މި ދަންނަވާ ގޮތަށެވެ. މައިކެޔޮޅަށް ތިން ކަދި، އައްދަރި ކެޔޮޅަށް ދެ ކަދި ބައި، އައްދަށި ކެޔޮޅަށް ދެ ކަދި، އެންކެޔޮޅަށް ދެ ކަދި، ފެންކެޔޮޅަށް ދެ ކަދި، ދެ ކެޑެފަލި ދޮޅު ކަދި، ލާގައްފަލި އެއް ކަދި، ސާރިމަތި އެއް ކަދި، ކާހައްފަލި ދޮޅު ކަދި، ބަނޑުފަލި އެއްކަދި، މެދެރި ބައި ކަދި، ދެލަށް ހަތަރު ދަނޑިއާއެކު ދެ ކަދި، ފަންޑިތަ އެއް ކަދި، ހުވަނި ހަދާ މީހާޔަށް އެއް ކަދި، ފާވައް ބައި ކަދި، ވެޑިވަޑޮ ކަހައި ކަނދު އަޅާ މީހާ ޔަށް ބައި ކަދި، މި އުސޫލުންނެވެ.

މަސްވެރިކަން ރަނގަޅުނަމަ އާންމުކޮށް މަދުވެގެން ހަ ހިޔަ، ހަތް ހިޔަ މަސް ބާނާނެއެވެ. މަސް ބަހާއިރު އިތުރު ބައެއް އަޅާނެއެވެ. އެ މަސްބައި ބަހާނީ މަހުން އައިސް ދޯނި އެހެލަން އެހީވާ މީހުންނާއި ފަޅުވެރިންގެ މަސައްކަތަށް ބަލައި އެއިގެ ތެރެއިން ކެޔޮޅުމީހާޔަށް ދޭން ފެންނަ ބަޔަކަށެވެ. ބައެއް ދޯނިފަހަރުގައި ތިން މެދެރި މަހަށް ގެންދާނެއެވެ. އަދި ދިޔަ ހިއްކާފައި ވެސް ހަތަރުފައި ތިންފައި ގެންދާނެއެވެ. އެހެންކަމުން މަސް ބައިއަޅާއިރު އާންމުކޮށް ކިޔަނީ 32 ކަދި ކަމުގައެވެ. ކޮންމެގޮތަކަށް ބައި އެޅުނަސް ހިޔައަކުން ދެ މަސް އެންމެ މަދުން ލިބޭ މީހަކަށް ވެސް ލިބޭނެއެވެ.

އަޅުގަނޑަކީ ވެސް މީގެ ފަންސާހަކަށް އަހަރު ކުރިން މަސްވެރިޔަކީމެވެ. އެހެންކަމުން އޭރުގެ އާދަކާދަޔާއި ބޭނުންކުރި ބަސްތައް ހަނދާން ހުރެއެވެ. ނަމަވެސް މިލިޔުމަށް ފުވައްމުލަކު ކެޔޮޅުންގެ ތެރެއިން ރަންބުސްތާނުގެ ހަސަން އަހުމަދު އާއި ހަވޭލި އަހުމަދު އިބުރާހީމާއި ކަޅުފެހިގޭ (ހެލަބެލިމާގެ) އަބުދުﷲ އިބުރާހީމްގެ ފަރާތުން މައުލޫމާތު ހޯދީމެވެ. އަބުދުﷲ އިބުރާހީމަކީ ކެއުޅެއްގެ އިތުރުން މާލިމީއެކެވެ. އެހެންކަމުން ރަށުގެ މިފަދަ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭ މީހުންގެ ތެރޭގައި އޭނާ ހިމެނޭނެއެވެ.

*********

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.