އަންނަ މާޗު މަހުގެ ތެރޭގައި ރާއްޖެއާއި ބަންގުލަދޭޝް ފުޓުބޯޅަ ޓީމު އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

ގައުމީ ފުޓުބޯޅަ ޓީމުން ބަންގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗަށް ކަނޑައަޅާފައިވާ ތާރީހަކީ 24 މާޗެވެ. ބަންގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗު އެފްއޭއެމުން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެކަމަށް އިޝާރާތެއް ދެއްވައިފައެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝްއާއި ރާއްޖެ ވާދަކުރި މެޗުގެ ފޮޓޯއަކާއެކު ބައްސާމް ކުރެއްވި ޓުވީޓްގެ ކެޕްޝަންގައި ޖަހާފައި ވަނީ 24 މާޗު 2022 އެވެ.

ލީގު ފުޓުބޯޅަ މެދުކަނޑާލައި ކްލަބުތަކުން ދެން ފީފާގެ ރަސްމީ އިންޓަނޭޝަނަލަށް ބްރޭކަކަށް ދާނީ އަންނަ މާޗު މަހުގެ 21 އިން 29 އަށެވެ. އެ ބްރޭކް ތެރޭގައި ބައެއް ބައްރުތަކުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފައިނަލް ބުރުތައް ކުޅުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ޔޫރަޕްގެ ވޯލްޑް ކަޕް ފައިނަލް ކޮލިފިކޭޝަންގެ މެޗުތައްވެސް އޮންނާނީ އެ މުއްދަތުގައެވެ.

ރާއްޖެއިން އޭޝިއަން ކަޕްގެ ފައިނަލް ބުރަށް ތައްޔާރުވަމުން އަންނައިރު، ފައިނަލް ބުރުގައި 24 ޓީމުން ވާދަކުރާނެއެވެ. އެ 24 ޓީމުގެ ތެރެއިން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ދާނީ 11 ޓީމެވެ. ބެލެވޭ ގޮތުގައި ކޮލިފައިން ފަހު ބުރުގައި ރާއްޖެ ކުޅޭ މެޗުތައް ކުޅެން ހަމަޖައްސާފައި ވަނީ އިންޑިއާ ގައެވެ.

މިދިޔަ އަހަރު ރާއްޖެއިން ވަނީ ދެ މުބާރާތެއްގައި ބަންގުލަދޭޝް ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅެފައެވެ. ފުރަތަމަ މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބަންގުލަދޭޝް ބަލިކުރި ނަމަވެސް އޭގެ ފަހުން ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގައި ބަންގުލަދޭޝް ވަނީ 2-1 އިން ރާއްޖެ ބަލިކޮށްފައެވެ. ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް އިން ހޯދި މޮޅަކީ މިދިޔަ 18 އަހަރު ތެރޭގައި އެގައުމުގެ ސީނިއާ ޓީމުން ރާއްޖޭގެ ސީނިއާ ފުޓުބޯޅަ އަތުން ހޯދި ފުރަތަމަ މޮޅުވެސް މެއެވެ.

ފޯ ނޭޝަންސް ކަޕަށް ފަހު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ ގައުމީ ޓީމު ބަދަލުކުރަން ޖެހޭ ކަމަށާއި، އެ މަސައްކަތް ކުރާނެ ކަމަށެވެ. އެ މުބާރާތަށްފަހު އަދި ގައުމީ ޓީމަށް ރަސްމީ މެޗެއް ލިބިފައި ނުވާ އިރު، މޮރިއޭރޯ ވަނީ އެންމެފަހުން އައި އިންޓަނޭޝަނަލް ބްރޭކުގައިވެސް ގައުމީ ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ. އެ ތަމްރީނުތަކަށް ބައެއް އާ ކުޅުންތެރިންވެސް ނެރެފައިވެއެވެ.