އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޗެލްސީއާއި ލިވަޕޫލް އަދި އާސެނަލްވެސް މޮޅުވެއްޖެއެވެ.
ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފަހަތުން އަރައި ނޯވިޗް ކައިރިން މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. ޗެލްސީން ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ ހަނިކޮށް، 1-0ގެ ނަތީޖާއަކުންނެވެ. އާސެނަލްއިން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑު ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް ކުޅުނު 25 މެޗުން 57 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އިނގިރޭސި ލީގު ތާވަލުގެ ދެވަނައިގައި އޮތް އިރު، އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއްގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ޗެލްސީން 25 މެޗު ކުޅެގެން 50 ޕޮއިންޓް ހޯދާފައި އޮތް އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެ ޓީމުތަކަށްވުރެ ދެމެޗު މަދުން ކުޅެފައި އޮތް އާސެނަލް ތާވަލުގެ ހަވަނައިގައި މިވަގުތު އޮތީ 42 ޕޮއިންޓާ އެކުގައެވެ.
އާސެނަލްގެ މަތިން ލީގު ތާވަލުގެ ފަސްވަނައިގައި އޮތް ވެސްޓް ހަމްއަށް 26 މެޗުން 42 ޕޮއިންޓް ލިބިފައި އޮތް އިރު، ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އޮތީ 25 މެޗުން 43 ޕޮއިންޓް ހޯދައިފައެވެ.
ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު އަށް މެޗުންވެސް މޮޅުވެފައި އޮތް އިރު، އެޓީމަކީ ސިޓީއާ އެންމެ ގާތުން ލީގު ތައްޓަށ ޕްރެޝަރު ކުރަން އޮތް ޓީމެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިމުނު އިރު، ނޯވިޗުން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. ނޯވިޗަށް ލީޑު ނަގައިދިނީ މިލޮޓް ރަޝީކާއެވެ.
މިދިޔަ 28 އަހަރު ތެރޭގައިވެސް ނޯވިޗަށް ލިވަޕޫލްގެ ދަނޑުގައި މޮޅެއް ހޯދިފައި ނުވާ އިރު، އެ ތާރީހު ދެމިގެން ދިޔައީ ފަހަތުން އަރައި މުހައްމަދު ސަލާހާއި، ސަޑިއޯ މާނޭ އަދި ލުއިސް ޑިއާޒް ޖެހި ގޯލުތަކުންނެވެ. ސެނެގާލްގެ ތަރި މާނޭގެ ގޯލަކީ ހިތްގައިމު އޯވަހެޑް ގޯލެކެވެ. މިރޭގެ މެޗުގައި ސަލާހް ޖެހި ގޯލަކީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 150 ވަނަ ގޯލެވެ. އަދި މި ސީޒަންގައި ސަލާހް ވަނީ 17 ގޯލު ހަމަކޮށްފައެވެ.
ޗެލްސީން ޕެލެސްގެ ދަނޑުގައި ހޯދީ އުނދަގޫ މޮޅެކެވެ. ގޯލެއް ނުޖެހި ޗެލްސީން ގިނަ އިރުތަކެއް ވަންދެން މާޔޫސްކޮށް ފެނުނު ނަމަވެސް އެޓީމަށް ތިން ޕޮއިންޓް ޔަގީންވީ މެޗުގެ 89 ވަނަ މިނެޓުގައި ހަކިމް ޒިޔެޗް ޖެހި ގޯލުންނެވެ. ގޯލަށް އެސިސްޓް ކޮށްދިނީ މާކަސް އެލޯންސޯއެވެ.
އާސެނަލްއިން ބްރެންޓްފޯޑު ކޮޅަށް ޖެހި ގޯލުތައް ޖަހައިދިނީ އެމީލް ސްމިތު ރޯވް އަދި ބުކަޔޯ ސަކާއެވެ. މެޗު ނިމެން ދަނިކޮށް އާސެނަލްގެ ކްލީންޝީޓް ގެއްލުނީ ކްރިސްޓިއަން ނޯގާޑު ޖެހި ގޯލުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު