ހާއްސަ އެހީއަށް ބޭނުންވާ 13 އަހަރުގެ ކުއްޖަކާއި ޖިންސީ އަމަލު ހިންގައި އެކުއްޖާ ބަނޑުބޮޑުވި މައްސަލައެއްގައި ބިދޭސީ ދެ މީހަކު 10 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކުރީ ރަނގަޅަށްކަމަށް އިއްޔެ ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ބަންގުލަދޭޝްގެ ދެ މީހުން ކަމަށްވާ ޝެޕޮން ދަލި އާއި މޮހައްމަދު އަލް އަމީން، 2016 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 18 ޖުލައި 2017 ވަނަ ދުވަހާ ދެމެދު އެކި ދުވަސް މަތިން، އެ ދެ މީހުން ވަޒީފާއަދާކުރާ "އެއްލޭ ސްޓިޗާސް" ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކާ އެކު ޖިންސީ އަމަލު ހިންގައިފައެވެ. އަދި އެކުއްޖާއެކު ހ. ރެދަން މާލެ، އަބްދުއްރަހީމް ގާސިމް ވެސް ވަނީ 2017 ވަނަ އަހަރުގެ އެކިދުވަސް މަތިން، އެކުއްޖާއާއެކު ޖިންސީ އަމަލު ހިންގައިގައެވެ.
އެހެންވެ ދައުލަތުން ވަނީ އެ ތިން މީހުންގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނެފައިވަނީ، "އެއްލޭ ސްޓިޗާސް" ތެރޭގައި ކުއްޖާގެ ފުރަގަސްފަރާތުގައި ޝެޕޮން ދަލުގެ ކުރިމަތި ފަރާތް ކާއްތާ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލާފައިވާކަމަށެވެ. އަދި މޮހައްމަދު އަލް އަން، 2016 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 18 ޖުލައި 2017 ވަނަ ދުވަހާދެމެދު އެކި ދުވަސް މަތިން، އެކުއްޖާއާ ޖިންސީ ގުޅުން ހިންގާފައިވާކަން ޝައްކެއްނެތް މިންވަރަށް ސާބިތުވެފައިވާތީ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
އަބްދުއްރަހީމް ގާސިމް 2016 ވަނަ އަހަރުގެ އެކިދުވަސް މަތިން ކުއްޖާގެ ޖިންސީ ގުނަވަންތަކުގައި އަތްލައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އެކުއްޖާގެ ހަށިގަނޑުގައި އަތްލާފައިވާކަން އެކަށީގެންވާ މިންވަރަށް ސާބިތު ނުވާ ކަމަށެވެ.
ބަންގްލަދޭޝްގެ ދެ މީހުން ވަނީ ކުރިމިނަލް ކޯޓުގެ އެހުކުމް ހައި ކޯޓުގައި 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ. އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވަނީ ތިން އިސްތިއުނާފީ ނުކުތާއާ އެކުގައެވެ. އެގޮތުން ފުރަތަމަ ނުކުތާގައި ބުނެފައިވަނީ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި ހުކުމްކުރީ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ވަރަށް ހެކި ހުށަހަޅާފައި ނުވަނީސް ކަމަށެވެ. ދެވަނަ ނުކުތާގައި ބުނެފައިވަނީ ހުކުމްކުރީ ގޯސްކޮށް ހެކި ވަޒަން ކުރުމަށްފަހު ކަމަށެވެ. އަދި ތިން ވަނަ ނުކުތާގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުން ހެކި ވަޒަން ކުރީ މަތީ މަރުހަލާގެ ހެކި ވަޒަންކުރާ ގޮތާ ހިލާފަށް ކަމަށެވެ.
ދައުލަތުގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން ބުނެފައިވަނީ، މަތީ މަރުހަލާއިން ހެކިވަޒަން ކުރާ ގޮތަށް ދަށުކޯޓުން ހެކި ވަޒަން ކޮށްފައިވާ ކަމަށާއި، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ވަރަށް ކުށް ސާބިތުކުރަން ހެކި ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން ކުއްޖާގެ ދިން އިންޓަވިއު އާއި ސައިކޮލޮޖިސްޓުގެ ރިވިއުގެ އިތުރުން މާއްދީ ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.
ދެ ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު ހައި ކޯޓުން ހުކުމްކުރީ ދަށު ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަށް ބަދަލު ގެންނަން ނުވަތަ ބާތިލުކުރަން ޖެހޭ ޝަރުއީ ގާނޫނީ ސަބަބެއްވެސް ނެތް ކަމަށެވެ.
ހައި ކޯޓުގެ އެ ހުކުމުގައި ބުނެފައިވަނީ އަނިޔާ ލިބޭ ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އެންމެ ބާރުހުރި ހެކި ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި މައްސަލަ ސާބިތުކުރަން ބޭނުންވާނެ ހުރިހާ ބާވަތެއްގެ ހެކި ނެތް ނަމަވެސް، ލިބިފައިވާ ހެއްކަށް ބަލާއިރު އެކަށީގެންވާ ޝައްކެއް ނެތި ޝަރީއަތަށް ކުށް ސާބިތުވާނަމަ ހުކުމް ކުރެވޭނެކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި ކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ވެސް ފާހަގަކޮށްފައިވާކަމަށް ހުކުމުގައި ބުންޏެވެ. މި މައްސަލައިގައި އެކުއްޖާ ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައި ވަނީ ހާދިސާ ހިނގިތާ ދެ މަސް ފަހުން ކަމަށްވިޔަސް އެއީ ކުއްޖާގެ ބަސް ގަބޫލުނުކޮށް ދޫކޮށްލެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަބްދުﷲ ހަމީދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު