ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް، ކުރިއަށްގެންދާ މަނީލޯންޑަރިން އާއި ކޮރަޕްޝަންގެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުން ލައިވް ނުކުރަނީ ކީއްވެގެންތޯ، ރައްޔިތުންގެ މަޖިލީހުން ސާފު ކުރައްވާނެ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަނަށް ބަލަދުގެނައުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، ހުށަހެޅުއްވި އިސްލާހަށް މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި، ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރާ މައްސަލައިގައި ކަންބޮޑުވެވަޑިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ސައީދު ވިދާޅުވީ، މަޖިލިސް ރައީސް ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނަވާއިރު، ވާދަވެރި ސިޔާސީ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމީނަކީ 2013 އިން ފެށިގެން 2018 އާ ހަމައަށް ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅާ ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ކުރެވިގެންދާއިރު، އެކަމުގައި ހުރި ވާހަކަތައް ރައްޔިތުންނަށް ކިޔުއްވައި ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ދައުވާގައިވެސް ޝަރީއަތް ލައިވްކޮށްދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއްޕާޓީއަށް ވާއިރު އެ މައްސަލަތައް ލައިވްކުރަން އެދޭ ރައްޔިތުންތަކެއްވެސް އެބަތިބި ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އެންމެ ޝަރީއަތެއް ނިމިގެންދިޔަގޮތުން މިހާރު ހިނގަމުންދާ ޝަރީއަތްތައް ލައިވްކުރަން ނުކެރިގެން އުޅޭ ކަމަށްވެެސް ވިދާޅުވިއެވެ.
މެންބަރު ސައީދުގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތްތައް ލައިވް ނުވެގެން އުޅެނީ ކީއްވެގެންތޯ މަޖިލީހުން ސާފު ކުރައްވާނެ ކަމަށެވެ. އަދި އެކަން ނުވެގެން އުޅޭ ސަބަބު ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށް ދަންނަވައިގެން ހޯއްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ކޯޓުތަކުގެ މަންޒަރު ލައިވް ކުރުމާބެހޭ ގަވާއިދު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް