ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ދެން އޮންނަ ޝަރީއަތެއް ލައިވްކުރުމަށް މަސައްކަތްކުރައްވާނެކަމަށް އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓިމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު ވަނީ ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ. ޑރ. ޖަމީލު ވިދާޅުވީ މީގެ ކުރިން ވެސް ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، އެ މައްސަލައިގައި ދެން ބާއްވާ ޝަރީއަތަކަށް މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ދެން މި މައްސަލައިގައި އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.
އެއަށްފަހު ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުކުރަން ހެކި ހޯދާފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެހެކިތައް ބަލައި ނުގަނެވޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ، ހެކި ހޯދާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި މިއަދުގެ ޝަރީއަތުގައި ހެކި ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.
ޝަރީއަތުގެ އަޑުއެހުން ނިންމާލުމަށްފަހު ކުރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، އެމްޑީޕީން ގެންދަނީ ކުރިމިނަލް ކޯޓުގެ ގާޒީންނަށް ބިރު ދައްކައި އިންޒާރުދެމުން ކަމަށެވެ. ނަމަވެސް އެފަދަ އިންޒާރުތަކަށް ކޯޓުގެ ގާޒީން ކުޑަކަކޫ ޖަހައި ނުސިހޭނެ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ޑރ. ޖަމީލު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ރައީސް ޔާމީން ޖަލަށްލާނެ ކަމަށް ވިދާޅުވުމުން، ކޯޓަށް ނުފޫޒު ފޯރުވަމުންދާކަން ހާމަވާ ކަމަށެވެ. އަދި އެފަދަ ނުފޫޒެއް ކޯޓަށް ނެތްކަން ރައްޔިތުންނަށް އެނގިގެންދާނީ ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިޔުމުން ކަމަށާއި ދެން އޮންނަ ޝަރީއަތެއް ލައިވްކުރަން މަސައްކަތް ކުރައްވާނެ ކަމަށް އިސް ގާޒީ ވިދާޅުވުމުން ކޯޓަށް ނުފޫޒު ވަނަ ނުދިނުމަށް ގާޒީ މަސައްކަތްކުރައްވާކަން އެނގިގެންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު