ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
ފްރާންސްގެ ޕެރިހުގައި ރޭ ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގައި ލިއޮނަލް މެސީ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި އިރު، ޕީއެސްޖީގެ ގޯލު، ފަހު މިނެޓުގައި ޖަހައިދިނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ. ރެއާލްއިން ލޯ އަޅަމުން އަންނަ ފޯވަޑް އެމްބާޕޭގެ އެ ގޯލާއެކު ޕީއެސްޖީއަށް ވަނީ ކުއާޓާއަށް ފުރުސަތު ބޮޑުވެފައެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ޔޫއެފާއިން ވަނީ އަވޭ ގޯލު އުސޫލު އުވާލައިފައެވެ. އަވޭ ގޯލަކީ ފައިދާ ބޮޑު ގޯލެއްގެ ގޮތުގައި އޮތް އޮތުމަށް މިއަހަރު ނިމުން ގެންނަން ޔޫއެފާއިން ނިންމާފައިވާ އިރު، މިއީ 1965 ވަނަ އަހަރަށްފަހު އަވޭ ގޯލުން ފައިދާ ވާ އުސޫލު ޔޫއެފާއިން އުވާލި ފުރަތަމަ ފަހަރެވެ.
ފުރަތަމަ ހާފުގައި ޑޮމިނޭޓް ކޮށް ކުޅުނީ ޕީއެސްޖީންނެވެ. ބްރެޒިލްގެ ތަރި ނޭމާ ނެތްތަން ޕީއެސްޖީންގެ އެޓޭކުން ދެއްކި ނަމަވެސް ޕީއެސްޖީން ވަނީ ފުރަތަމަ ހާފުގައިވެސް ހަނި ފުރުސަތުތަކެއް ތަނަސް ކޮށްފައެވެ. ރެއާލްއިން ވަރަށް ބޮޑަށް ފަހަތަށް ޖެހި ޕީއެސްޖީގެ އެޓޭކަށް އުނދަގޫތައް ކުރިމަތި ކުރުވި އިރު، ލިއޮނެލް މެސީއާއި ޕީއެސްޖީއަށް ފުރަތަމަ ހާފުގައި ލިބުނީ މަދު ފުރުސަތެކެވެ. އަނެއްކޮޅުން ރެއާލްއަށް އެންމެ ހަމަލާއެއްވެސް ޕީއެސްޖީ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
ޕީއެސްޖީން ފުރަތަމަ ހާފުގައި ފަހިކުރި އެންމެ ރަނގަޅު ފުރުސަތު ކިލިއަން އެމްޕާބޭއަށް ލިބުނު އިރު، މަތިމަތިން އެއްލި ބޯޅައަށް އޭރިއާ ތެރެއަށް ވަދެ އެމްބާޕޭ ޖެހި ބޯޅަ މަތަކުރީ ތީބޯ ކޯޝުއާއެވެ. މުޅި މެޗުގައިވެސް ކޯޝުއާގެ ކުޅުން ތަފާތު މޮޅުކޮށް ފެނުނު އިރު، ޕީއެސްޖީއަށް ގޯލެއް ޖަހަން އެންމެ ބޮޑު ހުރަހަކަށްވީވެސް ބެލްޖިއަމް އެއް ނަންބަރު ގޯލްކީޕަރެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އެމްބާޕޭ ތިރިތިރީން ފޮނުވާލި ބާރު ހަމަލާއެއްވެސް ކޯޝުއާ މަތަކުރި އިރު، އެންމެ ފާހަގަކުރެވުނީ މެޗުގެ 62 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ މަތަކުރުމުގައި އޭނާ ދެއްކި ހުޝިޔާރު ކަމެވެ. ރެއާލްގެ އޭރިއާ ތެރެއިން ޑެނީ ކަވަހާލް އެމްބާޕޭއަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން ކޯޝުއާ ވަނީ ރަނގަޅު ފަޅިއަށް ޑައިވްކޮށް މަތަކޮށްފައެވެ.
އެ ސޭވާއެކު ރެއާލްއަށް ބޮޑު ހިތްވަރެއް ލިބި އެޓީމުން ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. ޓީމުން ދެވަނަ ހާފުގައި އުފެއްދި ހަމައެކަނި ހަމަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ ޓޯނީ ކްރޫސް ދުރުން ޖެހި ބޯޅައެކެވެ. އެ ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ.
ރެއާލްއަށް ޕީއެސްޖީ އެޓޭކް އިތުރަށް އުނދަގޫވީ ފަހު 20 ވަރަކަށް މިނެޓަށް ނޭމާ ކުޅެން ނުކުތުމުންނެވެ. ނޭމާގެ ދެ ހަމަލާއެއް ފާހަގަވެގެން ދިޔަ އިރު، މެޗުގައި ޕީއެސްޖީގެ ހަމައެކަނި ގޯލުވެސް ފެނުނީ ނޭމާގެ އެހީއަކާ އެކުގައެވެ. މެޗުގެ ފަހު މިނެޓުގައި އެމްބާޕޭ ޖެހި ހިތްގައިމު ގޯލަކީ ނޭމާގެ ބެކްހީލް ޕާހެއް ހިފައިގެން އޭރިއާ ތެރެއަށްވަދެ، ރެއާލް ދެ ޑިފެންޑަރުން ނައްޓަލައިފައި ޖެހި ގޯލެކެވެ.
ޕީއެސްޖީއާއި ރެއާލް ވާދަކުރާ ދެވަނަ ލެގުގެ މެޗު ސްޕެއިންގެ ސަންތިއޭގޯ ބާނަބޭއޫގައި އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ.