ޚަބަރު

ރިސޯޓެއްގައި މުވައްޒަފަކު ރޭޕްކުރި މީހެއްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

މުހައްމަދު އިޝާން

ރިސޯޓެއްގައި މަސައްކަތް ކުރި ސައުތު ކޮރެއާގެ އަންހެނަކު ރޭޕް ކުރިކަމަށް ސާބިތިވެ، ނ. މަނަދޫ، ދިލްބާހަރުގެ މުހައްމަދު ނިޔާޒު 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން ކުރިހުކުމް ރަނގަޅުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 3:30 އެހާކަންހާއިރު ރިސޯޓެއްގެ ސައުތު ކޮރެއާ އަންހެނަކު ރޭޕް ކޮށްފައިވަނީ ތިން މީހަކު ވެގެންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރި ތިން ދިވެހީންނެވެ.

އެ އަންހެން މީހާ ރޭޕްކުރީ ކަނު ބަނދެގެން، ކަރުގައި ތޫނު އެއްޗެއް ޖައްސައި ބިރުދައްކައިގެންނެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ދައުވާ ކުރީ ރޭޕް ކުރުމުގެ ދައުވާއެވެ. އަދި ބާކީ ހުރި މީހާގެ މައްޗަށް ކުރީ ރޭޕް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

އެ މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ އެ ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ހައި ކޯޓުން ހުކުމްކުރީ ތިން މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެއީ ނިޔާޒުގެ މައްޗަށެވެ. އޭނާ 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ހައި ކޯޓުގެ އެ ހުކުމް ނިޔާޒުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ހުކުމްކުރީ ނިޔާޒުގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައި ކޯޓުން ކަނޑައެޅީ ރަނގަޅަށް ކަމަށެވެ.

އެ ހުކުމުގައި ބުނީ ސައުތު ކޮރެއާގެ އަންހެން މީހާގެ ކުރިމަތި ފަރާތުން ނެގި ޑީއެންއޭ އާއި ކުށް ސާބިތުވި މީހާގެ ސްޕާމް ހެޑް ޑީއެންއޭ ދިމާވާ ކަމަށެވެ. އަދި އަންހެން މީހާގެ ކުރިމަތި ފަރާތުން ނިޔާޒުގެ ޑީއެންއޭ ފެންނަން ޖެހުނު ސަބަބެއް އޭނާ ބުނެދީފައިނުވާ ކަމަށްވެސް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ ފަތުރުވެރިޔާގެ ކޮޓަރިން ފެނުނު ބާލީސް އުރަތަކުން އެ މައްސަލާގައި ތުހުމަތު ކުރެވުނު އެހެން މީހުންގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށެވެ.

އަންހެން މީހާ ރޭޕް ކުރުމަށްފަހު އެ މީހުން އެ ކޮޓަރީގެ ތަޅުންގަނޑުމައްޗަށް ފެން އެޅި ކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށާއި ތުހުމަތު ކުރެވުނު އެހެން މީހެއްގެ ފިންގަޕްރިންޓް އެ ކޮޓަރީގައި ހުރި ފެންތަށްޓަކުން ފެނިފައިވާ ކަމަށެވެ. އަދި އެއީ ތަޅުންގަނޑު މައްޗަށް ފެން އަޅަން އެ މީހުން ގެންގުޅުނު ތަށި ކަމަށް ބެލެވޭ ކަމަށްވެސް ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ ރޭޕްކުރުން ފަދަ ކުށްތަކަކީ ސިއްރުންކުރާ ކުށްތަކަކަށްވުމުން އެފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ލުއި މިންގަނޑެއް، ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ރޭޕުގެ ޝިކާރައަކަށްވާ މީހާގެ ބަހަކީ އެންމެ މައިގަނޑު އަސާސް ކަމަށް ބަލަންޖެހޭ ކަމަށާއި އަދި އޭނާގެ ބަހަށް ބާރުދޭ ހެކި ހުރި ނަމަ ކުށް ސާބިތު ކުރެވޭނެ ކަމަށެވެ.

އެކަމަށް ބާރު ދިނުމުގެ ގޮތުން ހުކުމުގައި ވަނީ ރަސޫލާގެ ޒަމާނުގައި ކަންކަންކުރެއްވި ގޮތުގެ ހަދީސެއް ހިމަނައިފައެވެ. އެގޮތުން ހުކުމުގައި ބުނީ ކީރިތި ރަސޫލާގެ ޒަމާނުގައި އަނދިރި ތަނެއްގައި އަންހެނަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ފިރިހެން މީހަކު އަތުލައިގަނެ، ރަސޫލާ އަރިހަށް ގެންދެވުމުން އަންހެން މީހާގެ ބަހާއި ދެން ހުރި ހެކިތަކަށް ކީރިތި ރަސޫލާ ބުރަވެވަޑައިގެން އެ ފިރިހެން މީހާ ރަޖަމް ކުރަން އަމުރު ކުރެއްވި ކަމަށެވެ. އަދި އެ ހާދިސާއިން އިލްމުވެރިން ނަންގަވާ ދަލީލަކީ ރޭޕުގެ މައްސަލަތަކުގައި އަންހެން މީހާގެ ބަހަށް ބުރަދަން ދިނުމުގެ އުސޫލު ކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ އުއްމަތުގެ ދެ ވަނަ ހަލީފާ އުމަރުގެފާނުގެ ޒަމާނުގައި ވަރަށް ނިދި ގަދަ އަންހެނަކު ނިދާފައި އޮއްވައި ފިރިހެނަކު އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށާއި އެއީ ކާކުކަން ނޭނގޭ ކަމަށް ބުނުމުން އުމަރުގެފާނު އެ އަންހެން މީހާގެ ބަސް ގަބޫލު ކުރެއްވި ކަމަށެވެ. އެކަމުން އެގެނީ ރޭޕްގެ ޝިކާރައަކަށްވާ މީހާގެ ބަހަށް ދޭ ބުރަދަން ކަމަށްވެސް ހުކުމުގައި ފާހަގަކުރިއެވެ.

މީގެ އިތުރުން ޑީއެންއޭގެ މައްޗަށް އެކަނި ރިއާޔަތްކޮށް ރޭޕުގެ ކުށް ސާބިތު ނުކުރެވުނަސް ޑީއެންއޭއަށް ބާރުދޭ އިތުރުހެކި ހުށަހަޅާފައިވާނަމަ ކުށް ސާބިތުވާނެ ކަމަށެވެ. ބާރުދޭ ހެކިތަކުގެ ތެރޭގައި ރޭޕުކުރުމުގެ ނިޔަތް އޮތްކަން ސާބިތު ކޮށްދިނުމާއި އެ އަމަލު ހިންގީ ރުހުމެއް ނެތިކަމުގެ ގަރީނާ ހުށަހަޅަން ޖެހެއެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސޫއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.