ޚަބަރު

"އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާއިން ދޭ އެހީތެރިކަން ހުއްޓުވުމަށް ހިންގާ ސިޔާސީ ގޭމެއް: ފައްޔާޒު

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ، "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާއިން މި ސަރުކާރަށް ދޭ އެހީތެރިކަން ހުއްޓުވުމަށް ހިންގާ ސިޔާސީ ގޭމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، 241 ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގެ ދިރާސާއަށް މިއަދު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންވެސް ހާޒިރުކޮށްފައެވެ.

ކޮމިޓީއަށް ހާޒިރުވެ ފައްޔާޒު ވިދާޅުވީ, އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބި ކަމަށް ބުނެ ހިންގާ އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުކޮށް, ސިޔާސީ މަންފާއެއް ހޯދުމަށް ކުރާ ކަމެއް ކަމަށެވެ.

"ސަރުކާރާ ހަވާލުވެ, ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިންޑިއާއިން ވަރަށް ގިނަ އެހީތެރިކަމެއް އެބަ ލިބޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އެހީތެރިކަން ހުއްޓުވުމަށް ސިޔާސީ ގޮތުން ކުރާ ކަމެއް މިއީ," ފައްޔާޒު ވިދާޅުވިއެވެ.

ކާޑުގެ ބާވަތްތަކާއި ތަރައްގީއަށް ބޭނުންވާ ތަކެތި ހާއްސަ ކޯޓާއެއްގެ ދަށުން އިންޑިއާއިން ފޯރުކޮށްދޭކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ, އެފަދަ ކަންކަމަށް ބުރޫ އަރާނެ ކަމެއް ކުރުމުގެ ކުރިން ސިޔާސީ މަންފާއެއް ހޯދުމަށް ކަމެއް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިނަކީ ސިޔާސީ ކަމެއް ނަމަވެސް, އަތުން ދޫވެ, އެކަމުގެ އަސަރު މިހާރުވެސް ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ނުހިފެހެއްޓޭނެ މިގޮތަށް ކަންކަން ކުރީމަކާ. ސިޔާސީ ބޭނުމަށް މި ކުރާ ކަންކަން އަތުން ދޫވެގެން ގޮސް ވަކި ހިސާބަކުން މިތާ ތިބި އިންޑިއާ ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް އެބަ ދޭ،" ފައްޔާޒު ވިދާޅުވިއެވެ.