ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލެވިފައިވާގޮތަށް ބަދަލު ގެންނައިރު، މެޖޯރިޓީ އޮންނަން ޖެހޭނީ ޖުޑީޝަރީ ދާއިރާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މެންބަރު ސަލީމް މިހެން ވިދާޅުވީ، ޖޭއެސްސީގައި މިހާރު މެންބަރުން ހިމެނޭ ގޮތަށް ބަދަލު ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބަންޑާރަ ނާއިބާއި ސިޔާސީ އެއްވެސް ފަރާތެއް ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބިލުގެ ބަހުސްގައެވެ.
ސަލީމް ވިދާޅުވީ، ބާރުތައް ވަކި ވެފައިވާ މިނިޒާމުގެ ތެރެއިން ޖުޑީޝަރީއަށް މިހާރަށްވުރެން ބޮޑު މިނިވަންކަމެއް ދޭންޖެހޭނެ ކަމަށެވެ.
އެގޮތުން "ޖޭއެސްސީ އަލަށް އެކުލަވާލާއިރު އޭގެ މެޖޯރިޓީ ޖުޑިޝަރީ ދާއިރާއަށް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް މިހެން ވިދާޅުވިއިރު، ސަލީމުގެ ކުރިން މި މައްސަަލައިގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރަައީސް މުހައްމަދު ނަޝީދު ވަނީ، ޖޭއެސްސީގައި ތިއްބަވާ ޖުޑިޝަރީގެ ބޭފުޅުން މަދު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ސިޔާސީ މީހުންނަކީ ސީދާ ރައްޔިތުން އިންތިހާބު ކުރާ ބައެއް ކަމަށާއި، އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރިގޮތް ތަމްސީލު ކުރުމަށް މަޖިލީހުގެ މެންބަރުން ނޫން ބައެއް އަދިވެސް ނެތް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގައި މަޖިލިސް މެންބަރުން ހިމެނުނު ނަމަވެސް އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލު ވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ޖޭއެސްސީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި އެފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނޭ، ޖޭއެސްސީއަކީ ގާނޫނުއަސާސީން އުފައްދާފައިވާ، ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު މުއައްސަސާއެއްކަމަށްވާއިރު އެތަނުގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލު ވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް، އެހެންކަމުން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން އެއީ ބޭނުންތެރިކަމެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު