ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ބިންހިއްކުމާއި ޑްރެޖިން މަސައްކަތުގެ 54 އިންސައްތަ ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަޕްޑޭޓް ދެމުން އެމްޓީސީސީން މިއަދު ބުނީ އެ ރަށު ބިންހިއްކުމާއި ޑްރެޖިން މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު އެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތް ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 123.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަނީ އެމްޓީސީސީ އިންނެވެ. 59.07 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު