ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކޮށްފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ހުކުމް އިއްވުން އަވަސްކުރީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހުރިހާ މައްސަލަތަކެއް އެއްކޮށް ނިންމަން ކަމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވެެއްޖެއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ މިއަދުގެ ޝަރީއަތުގައި މައްސަލައިގެ ތާވަލަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށެވެ.

ޑރ. ޖަމީލު ވަނީ ރައީސް ޔާމީންގެ މައްސަލައިގެ އެންމެ ފުރަތަމަ އެކުލަވާލި ތާވަލަށް އަމަލުކުރަން އެދިވަޑައިގެންފައެވެ. އެގޮތަށް އެދުނީ ދައުވާތަކުން ދިފާއުވާން ވަގުތު ބޭނުންވާތީ ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލުވިދާޅުވީ، ކޯޓުން އަބަދުވެސް ހަސްމުންނަށް ފަސޭހަ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި ވަކި މީހަކަށްވީތީ ތަފާތުކުރުން ނުގެންގުޅޭނެ ކަމަށެވެ.

އެގޮތުން ފުށްގިރި މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތަށް ނިމެން ކައިރިވެފައިވާ އިރު، އާރަށު މައްސަލައިގެ އިބްތިދާއީ މަރުހަލާ އަދި ފެށުނީކަން ފާހަގަކުރައްވައި އިސް ގާޒީ ވިދާޅުވީ، އެ ދެ މައްސަލަވެސް އެއްކޮށް ނިންމޭނެ ގޮތަށް ތާވަލަށް ބަދަލު ގެނައީ ކަމަށެވެ.

އިސް ގާޒީ އިތުރަށް ވިދާޅުވީ، ތާވަލު ދުރާލައި ކަނޑައަޅާފައި އޮތަސް، ދިމާވާ ކަމެއްގެ ސަބަބުން ތާވަލެއް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ އެކަމެއް ކުރައްވާނެ ކަމަށެވެ. އަދި ވަކި މައްސަލައަކަށްވާތީ ތަފާތު އުސޫލެއް ގެންގުޅުމުގެ ވިސްނުމެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އާރަށު މައްސަލައިގައި އެންމެ ފުރަތަމަ ކޯޓުން އެކުލަވައިލި ތާވަލުގައި ހުކުމް ކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން ކޯޓުން ވަނީ މައްސަލަ އަވަސްކޮށް ޖޫން 30 ވަނަ ދުވަހު ރައީސް ޔާމީންގެ ދެ މައްސަލަވެސް ނިންމުމަށް ތާވަލުކޮށްފައެވެ. އާރަށު މައްސަލައިގެ ދެން އަޑުއެހުމެއް ބާއްވާނީ މިމަހު 16 ވަނަ ދުވަހުއެވެ.

މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ ޝަރީއަތް ލައިވްކޮށް ދިނުމަށް އެދިފައެވެ. އަދި ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅޭކަމުގެ ކަންބޮނޑުވުން ފާޅުކުރެއްވިއެވެ. ދައުލަތުންވެސް ވަނީ ޝަރީއަތް ލައިވްކުރުމަށް އެދިފައެވެ.

އެކަމާ ގުޅިގެން އިސް ގާޒީ ޝަކީލު ވިދާޅުވީ ޝަރީއަތް ލައިވްކުރުމާމެދު ގޮތެއް ކަނޑައަޅާނީ ގާޒީންގެ މަޖިލީހުން ކަމަށެވެ. އިތުރަށް ވިދާޅުވީ މިވަގުތު ކޯޓުގައި ޝަރީއަތް ލައިވްކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އެހެނިހެން ވަސީލަތް ނެތް ކަމަށެވެ.