ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.

މި މައްސަލައިގައި ދައުވާ އިއްވުމަށް މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުން ވިދާޅުވީ ރިސޯޓެއް ގޮތުގައި ތަރައްގީކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ދައުލަތުން އިއްވާފައިވާ ދައުވާ ސާފު ނުވާ ކަމަށެވެ. އެގޮތުން ދައުވާގައި ރައީސް ޔާމީން ކުށުގެ އަމަލު ކުރި ވަގުތާއި ތަން އަދި ކުރި ގޮތް ދައުލަތުން ވިދާޅުނުވާ ކަމަށް ވިދާޅުވިއެވެ.

ދައުވާއަށް ރައީސް ޔާމީންގެ ފަރާތުން އިންކާރުކުރެއްވުމުން ދައުލަތުން ދައުވާ އިތުރަށް ސާފުކޮށްދެއްވަމުން ވިދާޅުވީ، ރައީސް ޔާމީނަށް ކުރާ ތުހުމަތަކީ ވަކި ތަނެއްގައި ނުވަތަ ވަކި ވަގުތެއްގައި ކުރެވޭ ކުށަކަށްނުވުމުން އެކަން ދައުވާގައި ހިމެނުން މުހިންމު ނޫން ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ފޯނުން ގުޅުއްވައި ޔޫސުފު ނައީމާ ދެކެވުނު ވާހަކަތަކެއް ދައުލަތުން ފާހަގަކުރިއެވެ.

ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ގަބޫލުކުރި ފައިސާއަކީ ކުށުގެ އަމަލެއް ހިންގައިގެން ލިބުނު ފައިސާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ. އަދި އެ ފައިސާ ހޯދުމަށްފަހު އޭގެ އަސްލު އޮޅުވާލުމުގެ ބޭނުމުގައި ރައީސް ޔާމީން ވަނީ އެ ފައިސާ އެކިއެކި އެކައުންޓުތަކަށް ބަދަލު ކޮށްފައިވާ ކަމަށާއި އެއީ މަނީ ލޯންޑަރިންގެ ކުށުގެ އަމަލުކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުން ދައުވާތައް ތަފުސީލު ކޮށްދެއްވުމުންވެސް ދައުވާ ސާފު ނުވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އެހެންވެ ދައުލަތުން އެދުނީ ގާޒީ އަރިހުގައި ދައުވާ ސާފުވުމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށެވެ. އެގޮތަށް ރައީސް ޔާމީންގެ ފަރާތުންވެސް ވަނީ ގަބޫލުކޮށްފައެވެ.

ދެ ފަރާތުން އެގޮތަށް އެދުމުން ގާޒީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާ ލިބޭ ފަރާތަށް ދައުވާ ސާފުކޮށްދޭންޖެހޭ ހުރިހާ ކަމެއް ދައުލަތުން ކޮށްފައިވާ ކަމަށެވެ. ގާޒީ އެހެން ވިދާޅުވުމުން، ފުރުސަތަކަށް އެދިވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ދެއްކެވި ވާހަކަ އަޑު އިވިވަޑައިގެންނެވި ކަމަށާއި އެއިން އެއްވެސް ކަމަކީ ކުރެއްވި ކަމެއް ނޫން ކަމަށެވެ.

މިއަދުގެ ޝަރީއަތް އެ ހިސާބުން ވަނީ ނިންމާލައިފައެވެ. މި މައްސަލަ ބައްލަވަނީ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ވަނީ ރައީސް ޔާމީންއާ ހިއްސާ ކުރައްވައިފައެވެ. ތާވަލުގައިވާ ގޮތުން އެ މައްސަލައިގެ ހުކުމް އިއްވާ ޝަރީއަތް ބާއްވާނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.