އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރެއަށް ތާވަލުކޮށްފިއެވެ.
އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި އިސްކަންދަރު ސްކޫލުގެ ހޯލުގައެވެ.
މާދަމާ ރޭގެ ޖަލްސާގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވާނެ ތާރީހުތައް ކަނޑައެޅުން އޮންނާނެ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
މާދަމާ ރޭގެ ޖަލްސާގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ތާރީހު ކަނޑައެޅުމާއި އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާއި ޕާލިމެންޓަރީ ގްރޫޕުގެ ލީޑާޝިޕުގެ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިހާބުތައް ބާއްވާނެ ތާރީހުތައް ކަނޑައެޅުމެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ތާރީހު ކަނޑައެޅުމަށް މާދަމާ ރޭގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އިރު، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ގޮވައިލައްވަމުންނެވެ.
ނަޝީދު ވަނީ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑީގެ ބައި އިލެކްޝަންގެ ނަތީޖާ އައި ގޮތުން ރާއްޖޭގައި ވެރިކަން ހިންގާ ނިޒާމު, ބަރުލަމާނީ ނިޒާމަށް ބަދަލުނުކޮށްފިނަމަ, އެމްޑީޕީއަށް ދެން ވެރިކަމުގައި ނުތިބެވޭނެކަން ޔަގީންވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވަނީ ނިޒާމު ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމްއާ މަޝްވަރާކުރައްވައިފައެވެ.
ނަޝީދު ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ކަންކަން އިތުރަށް ކުރިއަށްގެންދާނީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ ނިޒާމު ބަދަލު ކުރާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށްފަހު ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ހަސަން ލަތީފުގެ ދައުރު މާދަމާ ހަމަވާނެއެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރީ ކޮށްފައިވަނީ 11 ފެބްރުއަރީ 2017 ގައެވެ. އޭނާ އެމަގާމަށް އިންތިހާބުކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މަހުގެ އެއްވަނަ ދުވަހު ވަނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑާޝިޕްގެ ދައުރު ވެސް ހަމަވެފައެވެ. އެގޮތުން ޕާލިމެންޓަރީ ގްރޫޕްގެ ލީޑާޝިޕް ހޮވާފައިވަނީ 2 ޖުލައި 2019 ގައެވެ. ޕީޖީ ގްރޫޕްގެ ލީޑަރަކަށް މިހާރު ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމެވެ. ޗީފް ވިޕަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ޕީޖީ ގްރޫޕްގެ އަމީން އާންމަކަށް އިންތިހާބު ކޮށްފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ.
މީގެ އިތުރުން އަންހެނުންގެ ރޫހުގެ ދައުރު ވެސް ވަނީ ހަމަވެފައެވެ. އެ ރޫހުގެ ރައީސް އާއި ނައިބު ރައީސް ކަނޑައަޅާނީ އަންހެނުންގެ ރޫހުގެ މެމްބަރުންގެ ވޯޓަކުންނެވެ. އަދި ޒުވާނުންގެ ހިތްވަރު ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ ޒުވާނުންގެ ހިތްވަރުގެ ރަޖިސްޓަރީ ކުރާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ގައުމީ މަޖިލީހުގައި ޖުމުލަ 146 މެމްބަރުން ތިބެއެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ މެމްބަރުންނާއި ދާއިރާތައް ތަމްސީލުވާ ގޮތަށް ހޮވާފައިވާ މެމްބަރުންނެވެ.