ޚަބަރު

"އިންޑިއާ އައުޓް" ކެމްޕެއިންގެ މައްސަލައިގައި ހޯމް މިނިސްޓްރީއާއި ފުލުހުން މިއަދު ކޮމިޓީއަށް ހާޒިރުކުރަނީ

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ، "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގެ ދިރާސާއަށް ހޯމް މިނިސްޓްރީއާއި ފުލުހުން މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.

އެ މައްސަލަ ދިރާސާކުރުމާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހަ އިދާރާއަކާ ސުވާލު ކުރުމަށް ހުށަހެޅުއްވިއެވެ. އެއީ އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީއާއި ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މެންބަރުންނެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސް ހާޒިރުކުރުމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހުށަހެޅުއްވި އިރު، އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ވިޔަފާރީގެ ގޮތުން ރާއްޖެއަށް ލިބޭނެ ގެއްލުންތައް ބެލުމަށް އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވިއެވެ.

ނަމަވެސް އެދުވަހުގެ ބައްދަލުވުމުގައި އިދާރާތައް ކޮމިޓީއަށް ހާޒިރުކުރާނެ ވަކި ދުވަހެއް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުން މީޑިއާތަކާ ހިއްސާކޮށްފައިވާ ކޮމިޓީތަކުގެ ޝެޑިއުލް ދައްކާ ގޮތުން މިއަދު މެންދުރުފަހު 2:30ގައި 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފައެވެ.

އެ ބައްދަލުވުމުގެ ޝެޑިއުލްގައި ބުނެފައިވާ ގޮތުން އެއީ އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީއާއި ފުލުހުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

އެ ބައްދަލުވުން ބާއްވާނީ އާންމުކޮށް ހުޅުވާލައިގެން ކަމެއް އަދި ނޭނގެއެވެ. ނަމަވެސް މި މައްސަލައިގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެކަން ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ވަނީ ނިންމައިފައެވެ.