މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތައް އަވަސްކޮށްދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައިވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަން ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވާ އައްބާސް ފާއިޒު އިއްޔެ ވަނީ އެ މައްސަލައިގެ ހިމެނޭ މީހުންގެ ޝަރީއަތް ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އައްބާސް ވިދާޅުވީ ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް ލަސްވުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެއީ ވަރަށްވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެމީހުންނަށް ދައުވާ އުފުލިތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ހަމައެކަނި ހުކުމްކޮށްފައިވަނީ އެންމެ މީހަކަށް ކަމަށް ވެސް އައްބާސް ވިދާޅުވެފައިވެއެވެ. އަދި އެމީހުންގެ ޝަރީއަތްތައް އެއްކޮށް ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާފައިވާކަންވެސް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "ވަން" އަށް ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާދިން މީހުންގެ ޝަރީއަތް އަވަސް ކޮށްދިނުމަށް ކުރިމިނަލް ކޯޓުގައި އަނގަބަހުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެގޮތަށް އެދިފައިވަނީ ކޮން ޝަރީއަތެެއްގައި ކަމެއް އޭނާ ވިދާޅެއްނުވެއެވެ.
ރައީސް ނަޝީދަށް ހަމަލާދިނުމުގައި އެއްމެ އިސްކޮށް އުޅުން ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ. އަދުހަމް ކުށަށް އިއުތިރާފުވެފައިވާތީ އެ މައްސަލަ ނިންމައި އޭނާ 23 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
ރައީސް ނަޝީދަށް ހަމަލާދިން މައްސަލައާ ގުޅިގެން ދެން ދައުވާކޮށްފައިވަނީ ތަހުމީން އަހުމަދު، އަލީ ހައިޝަމް، މުހައްމަދު ނާޒިމު، ފަހުމީ، އިސްހާގު މުޖާޒު އަހުމަދު، އަބްދުﷲ އަލީމަނިކު އަދި މުހައްމަދު ތަސްލީމު އެވެ.
މި ހުރިހާ މީހުންގެ ޝަރީއަތް ވެސް ކުރިއަށްދަނީ ލަސް ސްޕީޑެއްގައެވެ. އެ މީހުން އެންމެ ފަހުން ކޯޓަށް ހާޒިރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެފްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ޕީޖީގެ ފަރާތުން ވަނީ އެ މައްސަލަ އަވަސްކޮށްދިނުމަށް ކޯޓުގައި އެދިފައެވެ. އެއީ ދައުވާ އިއްވުމަށް ބޭއްވި ޝަރީއަތެވެ.
އެހެންކަމުން ޝަޕީއު އެ ވިދާޅުވަނީ އެ ޝަރީއަތުގެ ވާހަކަމަށް ބެލެވެއެވެ. ޝަޕީއު އިތުރަށް ވިދާޅުވީ އެ މީހުންގެ ޝަރީއަތް އަވަސް ކޮށްދިނުމަށް އެދިފައިވަނީ އާއްމު މަސްލަހަތު ހިމެނޭތީ ކަމަށެވެ. އަދި ޕީޖީން އެދުނު ގޮތަށް ޝަރީއަތް އަވަސްކޮށްދޭން ޖެހޭ ކަމަށް ގަބޫލުކުރަނީ އެއީ އާއްމު މަސްލަހަތު ހިމެނޭ މައްސަލައަކަށްވުމުން ކަމަށް ޝަފީއު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާނީ ކޯޓުގައި ޝަރީއަތް ކުރިއަށްދަނިކޮށް އަނގަބުހުން އެދިފައި، އަދި އަޅުގަނޑުމެން ގަބޫލުކުރަން އެއީ އާއްމު މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުން ޝަރީއަތް އަވަސްކުރަން ޖެހޭ ކަމަށް." ޝަފީއު ވިދާޅުވިއެވެ.
މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާއެއް ދީފައިވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އައިއީޑީ ގޮއްވާލާފައިވަނީ ރައީސް ނަޝީދު އެ ސައިކަލާ އަރައި ހަމަވިވަގުތުއެވެ. އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. އަދި އެ ސައިކަލު އެތާގައި ޕާކުކުރީ ތަހުމީން އެވެ.
އައިއީޑީގެ ބާރު ގަދަކުރުމުގެ ގޮތުން އެއަށް ވަނީ ރޭޒާ ފުށް އަޅައިފައެވެ. ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ވަނީ ފުރާނައަށް ނުރައްކާވާރުގެ އަނިޔާތަކެެއް ލިބިފައެވެ.
އެމަނިކުފާނު ބޮޑަށް އަނިޔާވެފައި ވަނީ ރޭޒާ ފުށްތަކުގެ ސަބަބުން ކަމަށް އޭޑީކޭ ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު