މައްސަލަތައް ބަލާއިރު، ޖިނާއީ އިޖުރާއަތުގައި ބުނާ މުއްދަތުތަކަށް އަމަލު ނުކުރާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ދޭން، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ކޯޓުތަކުން މައްސަލަތައް ނިންމުން ލަސްވާ މައްސަލައިގައި ހަސަން ލަތީފު މިއަދު ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނާއި، ކޯޓުތަކުގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނު އިސްލާހުކޮށް، މުޅި ޖީނާއި އިޖުރާއަތުގެ ނިޒާމަށް މަޖިލީހުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެނިޒާމުގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް ކޯޓުތަކުން އަމަލު ކުރާނަމަ، ޖިނާއީ މައްސަލައެއް ފެށޭ ހިސާބުން، ޝަރީއަތްކޮށް ހުކުމްކޮށް މައްސަލައެއް ނިންމަން ބޭނުންވާނީ ހަތަރުމަހެއްހާ ދުވަސް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް އަމަލު ކުރަމުންދާތަން ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"ނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ ފެނިގެންދާ މަންޒަރަކީ އެ މުއްދަތުތަކުގެ ތެރޭގައި އަމަލު ކުރެވެމުން ނުދާކަން، ފަނޑިޔާރުގެތަކުން

މައްސަލަތައް ލަސްވަމުން ދިއުމަކީ އެންމެންވެސް ގަބޫލުކުރާ ކަމެއް،"

ހަސަންލަތީފް ވިދާޅުވީ، ފަނޑިޔާރުންނަށް އިނާޔަތް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް އެ އިނާޔަތްތަކާ ބައްދަލުވާގޮތަށް އެބޭފުޅުން މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެނޫނީ ރައްޔިތުންގެ ފާޑުކިޔުން އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖީނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަމުން އަންނައިރު، ކަންތައްތައް ހިނގަނީ އެ ގާނޫނާ އެއްގޮތަށްތޯ ބަލައި، އޭގައި ހުރި މުއްދަތުތަކަށް އަމަލު ކުރަމުންދޭތޯ ބެލުމަކީ ޖޭއެސްސީގެ މަސްއޫލިއްޔަތެއް ކަމަށެވެ. ހާއްސަކޮށް ޖިނާއީ މައްސަލަތައް ބެލުމުގައި ފަނޑިޔާރުގެއިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުތަކަށް އަމަލު ކުރަމުންނުދާ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަކީވެސް ޖޭއެސްސީން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ފަނޑިޔާރުންނަކީވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރަންޖެހޭ ބައެއް ކަމަށާއި، ގާނޫނުއަސާސީ އާއި ހުރިހާ ގާނޫނެއްގައިވެސް އެހެން ބުނެފައިވާކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނާ އެއްގޮތަށް އަމަލު ނުކުރާނަމަ އެ މަގާމުތަކުގައި ފަނޑިޔާރުން ތިއްވައިގެން ނުވާނެ ކަމަށެވެ.