"ހޭ މޭން. އަހަރެން ވަރަށް ލޯބިވޭ ތި މީހުން ދެކެ. އަހަރެން ފެމިލީ މީހުން ދެކެވެސް ވަރަށް ލޯބިވޭ. ބުނައްޗޭ އެމީހުން ގާތުވެސް އަހަރެން ލޯބިވާ ވާހަކަ. އަސްލު ދެން މިހާރު ދިރިއުޅުމުގެ މާނައެއް ނެތްކަންނޭނގެ، އަދި ވާނެ މޫވީ ބަލަން ފްރެންޑުންނާއެކީ. ގުޅާނަން އިނގޭ ފަހުން."

މިއީ މިދިޔަ ހުކުރުދުވަހުގެ ރޭ ގެއްލިގެން ހޯދަމުން އަންނިކޮށް ލަންކާގެ ވެއްލަވައްތަ ބީޗުގައި އިއްޔެ މަރުވެފައި އޮއްވައި ފެނުނު އަފްހާމް ނަސީރު އެންމެ ފަހުން އޭނާގެ ގާތް ރަހުމަތްތެރިޔާގާތު ދެއްކި ވާހަކަ އެވެ. އެކަމަކު މިހުރިހާ ވާހަކައެއް ކުއްލި ގޮތަކަށް އޭނާ ދެއްކި ސަބަބެއް ރަހުމަތްތެރިޔާއަކަށްވެސް ނޭނގެ އެވެ.

މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރުން ފެށިގެން ލަންކާގައި ދިރިއުޅެމުން އަންނަ އަފްހާމް ނަސީރު (އަފޫ) ލަންކާއިން އެންމެ ފަހުން ދިމާވި އޭނާގެ ގާތް ރަހުމަތްތެރިޔާ "ވަން" އަށް މިއަދު ބުނީ އަފޫއާއެކީ ހުކުރު ދުވަހުގެރޭ 10:00 ވަންދެން އޭނާ އުޅުނު ކަމަށެވެ. ނަމަވެސް އޭނާގެ ފަރާތުން އާދަޔާ ހިލާފު ކަމެއް ފާހަގަ ނުކުރެވޭ ކަމަށްވެސް ބުންޏެވެ.

"އަފޫ ވަރަށް ކޫލްވާނެ. ވަރަށް މަޖާވެސް ކުރާނެ. އަފޫ ގެ ޗޭންޖު ވާންވެގެން އެރޭ އުޅުނީ، އޭނާ ދިރިއުޅޭ ގެއިން ބެކްޕެކެއް ހިފައިގެން އައިސް އޭނާ ގުޅީމަ ދެ މީހުން އެއްކޮށް އުޅެފަ އަހަރެން ދިޔައީ އެގޭ ކައިރިން ދެން ގެއަށް. އޭގެ ފަހުން އަފޫގެ ފޯނު ކޯލެއް އައީ އެރޭ ދަންވަރު 12:00 ޖަހާ ބޮޑުވި ފަހުން. ގުޅާފަ ބުނީ ވަރަށް ލޯބިވެޔޭ. ދެން އަހަރެން ބުނިން ކަލޭ އޯކޭހޭ. ހީހީފަ ދެން ކުއްލިޔަކަށް އެހެން ބުނީމަ މަޖާވީ. ދެން ބުނި ނޫނެކޭ ފެމިލީ މީހުން ދެކެވެސް ލޯބިވެޔޭ. އެވާހަކަ އެ މީހުން ގާތު ބުނައްޗޭ. ދެން އަހަރެން ބުނިން އޯކޭހޭ ހުރިހާ ކަމެއް. އާނއެކޭ އެބަގުޅަމޭ ކިޔާފަ ފޯނު ބޭއްވީ." ހަތަރު ފަސް މިނިޓަކަށް ދެމިގެން ދިޔަ އެ ފޯނު ކޯލުގެ ވާހަކަ ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

މިއީ އަފޫގެ ހަށިގަނޑުކަން ޔަގީންތޯ އެހުމުން އަފޫގެ ރަހުމަތްތެރިޔާ ބުނީ އޭނާއަށް ޔަގީން ކަމަށެވެ. ސަބަބެއް ކަމަށް ބުނީ އަފޫ ވަރަށް ފަހުން ބޯ ކޮށާލައި މުޅިން ތަފާތު މީހަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އަފޫ މަރުވެފައި އޮއްވައި ފެނުނުއިރު ލައިގެން ހުރި ޓީޝާޓު ބަދަލު ކުރީ އޭނާގެ ކުރިމަތީގައި ކަމަށްވެސް ބުންޏެވެ.

ދ. މީދޫއަށް އުފަން އުމުރުން 24 އަހަރުގެ އަފޫ އަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާއިން ލަންކާގައި ތައުލީމު ހާސިލުކުރަމުން އަންނަ ޒުވާނެކެވެ. އަފޫ މަންމައަކީ އައްޑޫ ސިޓީއަޑް ނިސްބަތްވާ މީހެކެވެ. އަދި ބައްޕަ އަކީ ދ. މީދޫ މީހެކެވެ.

ލަންކާގައި އަފޫ އެންމެ ފަހުން ދިރިއުޅުނު ގޭގެ މީހަކު "ވަން" އަށް ބުނީ އަފޫ އާއިލާ ބައެއްގެ ގާތަށް އަބަދުވެސް ގޮސް ހަދާ ކަމަށެވެ. އެކަމަކު ހުކުރު ދުވަހުގެރޭ އެނާ އެގެއަށް ބަދަލުވާން ބޭނުންވާ ވާހަކަ ބުނި ކަމަށާއި އަދި އެގެއަށް ބަދަލުވާންވެގެން ހުކުރު ދުވަހުގެ ރޭ ލެޕްޓޮޕް ހިފައިގެން ދިޔަ ކަމަށެވެ. އަދި ބާކީ ހުރި އެއްޗެހި ބަލައި ފަހުން އަންނާނެ ކަމަށް ބުނެ އަފޫ ނިކުމެގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.

"ހުކުރު ދުވަހުގެރޭ 8:00 ހާއިރު އަފޫ ފެމިލީ ގެއަކަށް ދާން މިދިޔައީ. އަހަރެންވެސް މީ ދުރުތާ ތިމާގަ މީހެއް. އެކަމަކު އެއީ މާ ގާތް ބައެއް. އަފޫ އަހަރުމެން ގާތު ހުރީ އަފޫ މަންމަ އެހާ ގަބޫލެއް ނޫން އެގެއަށް ބަދަލުވާކަށް. ދެން އަފޫ މަންމައާ އެމީހުންނާ ޖެހިފަ އިން ކޮންމެވެސް މައްސަލައެއްގެ ސަބަބުން ހެން ހީވަނީ އެގޭގަ އަފޫ ހުންނަން ގަބޫލު ނުވަނީ. އެކަމަކު އަފޫ ދާނެ އަނެއްހެން އެގެއަށް. އެގޭ ކުދިންނާ އޮންނަ ގާތް ކަމެއްގެ ސަބަބުން. ދެން އެގޭ މީހުންނާވެސް ވާހަކަ ދައްކާފަ ދާން ނިންމީ. މާކުރީއްސުރެ ޕްލޭންކޮށްގެން. އެރޭ އެގެއަށް ދިޔަ ކަމަށްވެސް ވޭ. އެކަމަކު އެގޭ މީހުން ބުނަނީ ނުދެޔޭ. ނުދެކެމޭ." އަފޫ ލަންކާގައި ދިރިއުޅެމުން އަންނަ ގޭ މީހާ ބުންޏެވެ.

މިވާހަކަތަކާ ލަންކާގެ ސީނިއާ ޑީއައިޖީ، އިންޗާޖް އޮފް ކްރައިމްސް އޮފް ޓްރެފިކް ރޭންޖު އަދި ލަންކާ ފުލުހުންގެ އިސް ތަރުޖަމާނު އަޖިތު ރޯހާނާ "ވަން" އަށް މިއަދު ވިދާޅުވި ވާހަކަތަކާ ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން އޭނާ ވިދާޅުވީ އަފޫ ގެއިން ނިކުމެގެން ދިޔައީ އެގެއިން އޭނާ ނިކުންނަން އެންގުމުން ކަމަށެވެ.

އަޖިތު ވިދާޅުވީ އަފޫ ލަންކާގައި ދިރިއުޅެމުން ދިޔައީ ރައްޓެހި ދިވެހި ބައެއް ކައިރީގައި ކަމަށާއި އަދި އެގެއިން އޭނާ ނިކުންނަން އެންގީ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ ގޭ މީހުންގެ އާއިލާ މީހުން ލަންކާއަށް އަންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި އަފޫ ދިރިއުޅޭތާ ދެއަހަރާއި ބައިވެފައިވާއިރު އަފޫ ގެއްލިގެން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެރޭ 10:30 ކަން ހާއިރު ކަމަށް އެނާ ވިދާޅުވި އެވެ.

"ލަންކާގަ އޭނަ (އަފްހާމް) ދިރިއުޅެމުން އައި ގޭ ފިރިހެން ކުއްޖަކު މި ބުނީ އޭނަ ފެމިލީ މީހުން އަންނާތީ ގެއިން ނިކުމެގެން ދާން. ބުނީމަ އަފްހާމް ހުރީ ވަރަށް ފްރަސްޓްރޭޓްވެފަ ކަމަށް ރައްޓެހިންގެ ފަރާތުން ތަހުގީގަށް މިހާތަނަށް ހާމަވީ. ދެން އޭނަ ބަދަލުވާން ޖެހުނީ އޭނަގެ ލޯބިވެރިޔާގެ ގެއަށް، އެވެސް ދިވެހި ކުއްޖެއް. ދެން އޭނަ އެބަހުރި ވަރަށް ގިނަ ކޯލްސްތައްވެސް އެކި މީހުންނަށް ކޮށްފަ. ލަންކާ ރައްޓެއްސަކަށާއި ލޯބިވެރިޔާއަށްވެސް މެސެޖުކޮށްފަ، ގުޅާފަވެސް އެބަހުރި. ޑިޕްރެސްވެފަ ހުރީ އެ ގެއިން ނިކުންނަން ޖެހުނީމަ ކަމަށްވެސް ވެދާނެ." އޭނާ ވިދާޅުވި އެވެ.

އަޖިތު ވިދާޅުވީ މިހައިތަނަށް ތިން މީހަކާ ސުވާލު ކޮށްފައިވާ ކަމަށެވެ. އެގޮތުން އަފޫ ދިރިއުޅުނު ގޭގެ ފިރިހެން މީހާ އާއި އަފޫގެ ލޯބިވެރިޔާ އާއި އަފޫގެ ލަންކާ ރައްޓެއްސަކާ ސުވާލު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އަފޫގެ ހަށިގަނޑުގެ ކަރާއި ކޮނޑުމައްޗާއި ދިމާލުން ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

އަޖިތު އިތުރަށް ވިދާޅުވީ އަފޫ މަރާލީ ކަމެއް ނުވަތަ އަމިއްލަ އަށް މަރުވީ ކަމެއް އެނގޭނީ ޕޯސްޓް މޯޓަމް ހެދުމަށްފަހު ކަމަށެވެ. އަދި މާދަމާ އޭނާގެ ޕޯސްޓް މޯޓަމް ހަދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އަފޫގެ ކިޔެވުން ކޮވިޑުގެ ސަބަބުން ވަނީ މެދުކަނޑާލާފަ އެވެ. އެހެންވެ އަފޫގެ މަންމަ އަފޫ ގާތު ރާއްޖެ އައުމަށްވެސް ވަނީ އެދިފަ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ ދިވެއްސެއްގެ ހަށިގަނޑު ކަމެއް ލަންކާގެ ކަމާ ގުޅޭ އިދާރާތަކުން ދިވެހި ސަރުކާރަށް ޔަގީންކޮށްދީފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ލަންކާ ފުލުހުންނާ ގުޅިގެން ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ވަން" އަށް ލިބިފައިހުރި ފޮޓޯތަކުން ފެންނަ ގޮތުގައި އަފޫގެ ކަރުގައި ފުން ޒަހަމެއް ވަނީ ލިބިފަ އެވެ. އަދި އޭނާގެ އަނގަ ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.