މިއަދު ކުރިއަށްގެންދިޔަ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ފޯރިގަދަ ކެމްޕޭނެކަށް ފަހު މިއަދުގެ އިންތިހާބު ރާޝިދު ކާމިޔާބުކުރެއްވީ އިންތިހާބަށް ބެހެއްޓުނު ހަތް ވޯޓު ފޮށިން ޖުމުލަ 1401 ވޯޓު ހޯއްދަވައިގެންނެވެ. ރާޝިދާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމުލަ 1161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 324 ވޯޓެވެ.

ރާޝިދު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ހުރިހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ކެމްޕޭނުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

https://twitter.com/ibusolih/status/1489986209753755649?s=21

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރުމަށްޓަކައި ކުރެއްވި ކެމްޕޭންތަކުގައި ރައީސް ސޯލިހު ދެ ފަހަރެއްގެ މަތިން ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވިއެވެ. އަދި އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ އެ ދާއިރާގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ވެސް ފައްޓައިފައެވެ.

މިއީ މި ފަހުން ރާއްޖޭގައި ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ބައި އިލެކްޝަނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑިއާ އެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގޮނޑީގެ އަދަދު މިވަނީ އަނެއްކާވެސް 65 އަށް އަރައިފައެވެ.

މި އިންތިހާބާ ބެހޭ ބައެއް މައްސަލަތައް ހުށަހެޅިފައިވީ ނަމަވެސް އިންތިހާބަށް ބަދަލެއް އަންނާނެ ވަރުގެ ޝަކުވާއެއް ހުށަހެޅިފައިވާކަމުގެ މައުލުމާތު ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު މިއަދު ވަނީ "ވަން" އަށް ވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި މީގެ ކުރިން ފުރުއްވަމުން ގެންދެވީ އެމްޑީޕީ މެންބަރު ހުސެއިން ވަހީދެވެ. ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިދިޔަ ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ގޮނޑި ވަނީ ހުސްވެފައެވެ.