ކުޅިވަރު

ސަންތިއާގޯ ބާނަބޭއޫގައި ރެއާލް ކޮޅަށް ގޯލު ޖެހި ޓާނާ، "ކެނެރީ ރީނދޫ"އަށް އަލްވަދާއު ކިޔައި ރާއްޖެއަށް

ސަންތިއާގޯ ބާނަބޭއޫ ސްޓޭޑިއަމްގައި ސާޖިއޯ ރާމޯސް ކައިރިން ނައްޓާލައިފައި ގޯލު ޖެހި ސްޕެއިންގެ މިޑްފީލްޑަރެއް ދިވެހި ޕްރިމިއާ ލީގަށް އައުމާއެކު ގިނަ ބައެއްގެ ޝައުގުވެރިކަން އެކަމަށް ހުއްޓިއްޖެއެވެ. މާޒިޔާއިން އިއްޔެ އިއުލާން ކުރި ޕެޑްރޯ ޓަނައުސޫ ޑޮމިނިގޭޒް (ޓާނާ) ގެ ކެރިއަރަކީ ޝައުގުވެރި ކެރިއަރެކެވެ. ސްޕެއިންގެ ފުޓުބޯޅައިގެ ކެރިއަރެކެވެ. އުފަންވީ ޓާނާގެ ހޯމް ކްލަބު ނިސްބަތްވާ ލާސް ޕާމާސްގެ ކެނެރީ އައިލެންޑްއަށެވެ. ލާސް ޕާމާސްގައި ގިނަ ދުވަސްތަކެއް ހޭދަކޮށް އެ ކްލަބާއެކު ލަލީގާގައިވެސް ކުޅެފައި، ޓާނާ ކުއްލިއަކަށް ރާއްޖެއަށް މިސްރާބު ހިފުން ވީ ދިވެހި ލީގު ޝައުގުވެރި ކޮށްލި ކަމަށެވެ.

ޓާނާއަށް އެއީ އުނދަގޫ ނިންމުމެކެވެ. އެއީ ހޯމް ކްލަބު، ހޯމް ޓައުން ދޫކޮށް އަންނަން ޖެހުނީތީއެވެ. ޓާނާގެ ވަދާއީ މެސެޖުގައި އެވާހަކަ ސާފުކޮށްދިންވެސް މެއެވެ. އުމުރުން 31 އަހަރުގައި ރާއްޖެ ފަދަ ގައުމަކަށް ޓާނާގެ ކެރިއަރުގެ މިސްރާބު ހިފުންވީ ތަފާތު ޗެލެންޖަކަށް އޭނާ ނިންމި ނިންމުމަކަށެވެ. މާޒިޔާއަށް ސޮއިކޮށް ޓާނާ ބުނެފައި ވަނީ ބޭނުން ވަނީ މާޒިޔާގެ ފެންވަރު އެހެން ކްލަބުތަކަށް ދައްކަން ކަމަށެވެ. ކޮންމެއަކަސް ޓާނާ ވެގެންދާނީ ރާއްޖޭގެ ލީގުގެ ތާރީހުގައި ކުޅޭ އެންމެ ލެވެލް މަތި އެއް ކުޅުންތެރިޔާއަށެވެ. ޓާނާ އަތުގައި ލަލީގާގެ 88 މެޗެއްގެ ތަޖުރިބާ އެބައޮތެވެ. ޔޫރަޕްގެ ބޮޑެތި ސްޓޭޑިއަމްތަކުގައި ކުޅެ، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާވެސް ޓާނާގެ އެބަހުރިއެވެ.

ކެރިއަރަށް ނަޒަރެއް، ރެއާލް ކޮޅަށް ދެމެޗެއްގައިވެސް ގޯލު ޖެހި

ޓާނާ ސީނިއަރ ކެރިއަރު ފެށީ ވިލާ ސަންޓާ ބްރިގީޑާއިންނެވެ. އޭގެ ފަހުން ވެސިންޑާރިއޯގެ އެކި ޑިވިޝަންތަކުގެ ޓީމުތަކަށް ޓާނާ ކުޅެފައިވާ އިރު، އޭނާގެ ހޯމް ޓީމު ލާސް ޕާމާސްގެ ސީ ޓީމުން އެ ކްލަބުގެ ދަތުރު ފެށީ 2012 ވަނަ އަހަރުއެވެ. ޓާނާ ލާސް ޕާމާސްއާއެކު ދަތުރު ފެށި ހިސާބަކީ ކްލަބަށްވެސް ތާރީހީ ވަގުތުކޮޅެކެވެ. އެޓީމުން 1970-80 ގެ އަހަރު ތަކުގައި ސްޕެއިންގެ ފުރަތަމަ ޑިވިޝަންގައި 19 އަހަރު އޮތުމަށްފަހު، އަލުން އެ ފެންވަރަށް ދާން އޭރު ދިޔައީ މަސައްކަތް ކުރަމުންނެވެ. ޓާނާއަށް ކްލަބުގެ އުންމީދީ ދުވަސްތަކެއްގައި އެ ކްލަބަށް ހިދުމަތްކުރެވުން ވީ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއަށެވެ.

ދެހާސް ތޭރަ ވަނަ އަހަރުން 2020 ވަނަ އަހަރަށް ޓާނާ ލާސް ޕާމާސްގެ ސީނިއާ ޓީމުގައި ކުޅެފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި 2015 ވަނަ އަހަރުން 2018 ވަނަ އަހަރަށް ލާސް ޕާމާސް ކުޅުނީ ސްޕެއިންގެ ފުރަތަމަ ޑިވިޝަންގައެވެ.

ޓާނާ ވަނީ ލާސް ޕާމާސްއަށް 129 މެޗު ކުޅެފައެވެ. ކްލަބުގައި ޓާނާ ވަނީ ކުރިން ބާސެލޯނާއަށް ކޯޗުކަން ކޮށްދިން ގޫގޭ ސެޓިއަންގެ އިރުޝާދުގެ ދަށުންވެސް ކުޅެފައެވެ. އެ ދުވަސްވަރަކީ ޓާނާގެ ކެރިއަރުގައިވެސް ކާމިޔާބު ދުވަސްތަކެކެވެ. ރެއާލް މެޑްރިޑް ކޮޅަށް ދެ މެޗެއްގައި ޓާނާ ގޯލު ޖެހިއެވެ. އެންމެ ތާރީހީ މެޗަކަށް ޓާނާގެ ކެރިއަރުގައި ވާނީ 2017 ވަނަ އަހަރު ސަންތިއޭގޯ ބާނަބޭއޫގައި ރެއާލްއާ ދެކޮޅަށް ލާސް ޕާމާސްއިން ނުކުތް މެޗެވެ.

އެ މެޗު 3-3 އިން އެއްވަރު ވެގެން ނިމުނު އިރު، މެޗުގެ 10 ވަނަ މިނެޓުގައި ޓާނާގެ ގޯލު ފެނުނީ ހިތްގައިމު ކޮށެވެ. ސާޖިއޯ ރާމޯސް ނައްޓާލައި، އޭރިއާ ތެރެއަށް ވަދެ ޓާނާ ގޯލު ޖެހީ ކީޕަރަށް ހުރި ކޭލޯ ނަވާސް ބީޓް ކޮށްލައިފައެވެ. އޭގެ ފަހުން ސެވިއްޔާ ކޮޅަށްވެސް ޓާނާ ވަނީ އެ ސީޒަނުގައި ގޯލު ޖަހައިފައެވެ. ލާސް ޕާމާސްގެ ރައީސް މިގޭލް އެންހޭލް ރަމިއަރޭޒް ވިދާޅުވިހެން ޓާނާއަކީ ލާސް ޕާމާސްގެ އެންމެންގެ ލޯބި ހޯދި "ހޯމް ބޯއީ" އެކެވެ.

ކްލަބުގައި ހިތްހަމަ ޖެހުމުގައި ކުޅެމުން އަންނަނިކޮށް ޓާނާގެ ކެރިއަރުގައި ނާއުންމީދުތަކެއްވެސް ދިމާވިއެވެ. އަހުލާގީ މައްސަލަތަކެއްގައި ކަމަށް ބުނެ، ޓާނާގެ ކޮންޓްރެކްޓްވެސް ލާސް ޕާމާސްއިން ކުއްލިއަކަށް 2020 ވަނަ އަހަރު ބާތިލު ކުރި އިރު، އެ މައްސަލައިގައި ޓާނާ ކޯޓަށްވެސް ދިޔައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ކެރިއަރު ކުރިއަރުވަން ޓާނާ ޕީކުގައި މިސްރާބު ޖެހީ ދެކުނު އޭޝިއާއަށެވެ. އެއީ ރާއްޖޭގެ ލީގަށެވެ. ޔަގީންނުންވެސް ފައިސާއަށްވުރެ ބޮޑަށް ޓާނާގެ ނިންމުން ބިނާވަނީ އާ ޗެލެންޖަކަށެވެ.

މީގެ ކުރިން ޓާނާ އޭޝިއާގައި ހޭދަކުރީ 2019 ވަނަ އަހަރެވެ. 2019 ވަނަ އަހަރު ޓާނާ ހޭދަކުރީ ޗައިނާގެ ކްލަބެއް ކަމަށްވާ ޒެއިޖިއާން ގްރީންޓައުންގައެވެ. އެ ކްލަބުގައި ޓާނާ ހޭދަކުރި އަހަރަކީ ލޯން އެއްބަސްވުމެއްގެ ދަށުން ހޭދަކުރި އަހަރެކެވެ. މިދިޔަ އަހަރު ޓާނާ ފެނުނީ ސްޕެއިންގެ ދެވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލްބަސޭޓޭއިންނެވެ. އެ ކްލަބަށް ގޮސް ހުރީ ހިލޭ ޓްރާންސްފާއެއްގައެވެ. އެ ކްލަބުގައި ހުރެފައި ރާއްޖެ އައި ނަމަވެސް ޓާނާގެ އަލް ވަދާއު އަމާޒުވީ ލާސް ޕާމާސްއަށެވެ.

ލާސް ޕާމާސްއަށް އަސަރުގަދަ އަލްވަދާއެއް، ދެން އޮތީ ރާއްޖޭގައި ފެންވަރު ދެއްކުން

ޑިސިޕްލިން މައްސަލައެއްގައި ޓާނާގެ ކޮންޓްރެކްޓް ކްލަބުން ބާތިލު ކޮށްލިކަމަށް ބުނެފައިވާތީ އެ މައްސަލަ ކޯޓަށްވެސް ގޮސްފައިވެއެވެ. މައްސަލައިގައި ކޯޓު ކޭސް ކާމިޔާބުކުރީ ޓާނާއެވެ. އެ މައްސަލައިގައި ޓާނާއާއި ލާސް ޕާމާސްއިން އެއްބަސްވީ ސެޓަލްމެންޓަކަށް ގޮސް، މައްސަލަ ނިންމާލާށެވެ. ލާސް ޕާމާސްގެ ރައީސް ރަމިއެރޭޒް ވަނީ އެ މައްސަލައިގައި ކަންކަން ސާފުކޮށްދީ ކްލަބުން ޓާނާއާ ދޭތެރޭ އަބަދުވެސް ގާތްކަން ބާއްވާނެ ކަމަށް ބުނެފައެވެ.

އެ މައްސަލައަށް ކޮންމެވެސް ވަރަކަށް ބަލައިލަން ޖެހުނީ ޓާނާގެ ވަދާއީ މެސެޖުގައި ލާސް ޕާމާގެ ސަޕޯޓަރުންނަށް އެ ވާހަކަތައް ސާފު ކޮށްދީފައިވާތީއެވެ.

"އަހަރެން ހަޔާތް އެ ކްލަބެއްގެ މައްޗަށް ބިނާވެފައި އޮތް (ލާސް ޕާމާސް)އާއެކު އަހަރެން ބިނާކުރި ކެރިއަރު މިހާރު ވަނީ ނިމުމަކަށް އައިސްފައި. ލާސް ޕާމާސްގެ ރީނދޫ ޖާޒީއަށް އަހަރެން ކުޅުނީ ޝަރަފާއެކު. މި ކެރިއަރު ނިންމާލަން ގަސްދުކުރި ވަރަށް ވުރެ މާ އަވަހަށް ނިމިގެން މިދިޔައީ. އެއީ ހިތްދަތިކަމެއް. އަހަރެންގެ ފަރާތުންވެސް ގޯސްތަކެއް ހެދިފައި ހުންނާނެކަން ޔަގީން. އެކަމަކު އަބަދުވެސް ބުނަމުން ދާނަން އަހަރެން އަބަދުވެސް އަމަލުކުރީ ޕްރޮފެޝަނަލްކޮށް. އަހަންނަކީ އެއްވެސް އަހުލާގީ މައްސަލައެއް ހުރި ކުޅުންތެރިއެއް ނޫންކަން މައްސަލައިން ފާހަގަވާނެ. އެކަން ޔަގީން ކުރަން،" ޓާނާ ބުނެފައިވެއެވެ.

ޓާނާ އިތުރަށް ފާހަގަކޮށްފައި ވަނީ ކްލަބުގެ އެތައް ކަމެއްގައި ނޭނގިވެސް ގުރުބާނީތަކެއް ވެފައިވާނެ ކަމަށާއި، އަމިއްލަ ދިރިއުޅުމަށްވުރެވެސް ކްލަބު އިސްކޮށް، އެތަކެއް ބުރަ މަސައްކަތެއްގައި ދާ އޮހޮރުވާފައިވާނެ ކަމަށެވެ.

"ލާސް ޕާމާސްއަށް ކުޅުމަކީ އަހަރެން އެންމެ ކުޑައިރުން ފެށިގެންވެސް ދެކެމުން އައި ހުވަފެން. އެއީ އުނދަގުލުން ނަމަވެސް މިހާރު އަހަރެން ހާސިލު ކޮށްފައިވާ ހުވަފެނެއް. އެއީ އެތަކެއް ދުވަހެއްގައި އޮހޮރި ދާ. އެކަމަކު އޭގެން ކޮންމެ ދާ ތިއްކަކީވެސް ވޯތު ދާތިއްކެއް. އަހަރެން ހުރީ ކްލަބުގައި އުފަލުން. އަހަންނަށް ލާސް ޕާމާސްއަކީ އަދިވެސް ހޯމް. މި އަލްވަދާއު ކިޔަން ޖެހުމަކީ އުނދަގޫ ކަމެއް. ވަރަށް ބޮޑު ހިތާމައެއް. އެހެންނަމަވެސް ކްލަބު ދޫކޮށްލަނީ ފުރިހަމަ އިހުތިރާމާއެކު. އެކަމަކު ނިންމުން ނިންމީ އާއިލާއާއެކު ކެރިއަރަށް މަސައްކަތް ކުރުމަށް. ކޮންމެ ކަމެއް ވެފައި އޮތަސް، ސަޕޯޓަރުންނަށް ލޯތްބާއެކު ޝުކުރު އަދާކުރަން،" ޓާނާ ބުނެފައިވެއެވެ.

ޓާނާ ބުނީ ލާސް ޕާމާސްއަކީ އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ބައްޓަން ކޮށްދިން ކްލަބު ކަމަށާއި، އެ ކްލަބަށް ތާ އަބަދު އިހުތިރާމު އޮންނާނެ ކަމަށެވެ.

ހޯމް ކްލަބު ދޫކޮށް ޓާނާ ރާއްޖެ އައީ އާ ޗެލެންޖަކަށެވެ. އޭއެފްސީ ކަޕާއި ރާއްޖޭގެ ލީގަކީ އޭނާއަށް އޮތް ޗެލެންޖެވެ. ރާއްޖެއަށް މަރުހަބާއެވެ. ދެން އޮތީ ނަތީޖާއަށް ބެލުމެވެ.