ސްޕެނިޝް ލަލީގާގައި ގިނަ މެޗުތަކެއް ކުޅެފައިވާ ސްޕެއިންގެ ފޯވަޑް ޕެޑްރޯ ޓަނައުސޫ ޑޮމިނިގޭޒް (ޓާނާ) ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ޓާނާ މާޒިޔާއާ ގުޅުނުކަން މިއަދު ކްލަބުން ވަނީ އިއުލާން ކޮށްފައެވެ. ސްޕެއިންގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ސްޕެނިޝް ލަލީގާގައި ޓާނާ ވަނީ 88 މެޗު ކުޅެފައެވެ. ސްޕެއިންގެ ފޯވަޑް ޓާނާއަކީ އެޓޭކިން މިޑްފީލްޑަރެއްގެ މަގާމަށާއި، ވިންގަށްވެސް ކުޅޭ ކޮލިޓީ ރަނގަޅު ކުޅުންތެރިއެކެވެ.

ސްޕެއިންގެ ލާސް ޕާމާސްގެ ކޭނަރީ އައިލެންޑަށް އުފަން ޓާނާ ސީނިއާ ކެރިއަރު ފެށީ ވިލާ ސަންޓާ ބްރިގީޑާއިންނެވެ. އޭގެ ފަހުން ވެސިންޑާރިއޯގެ އެކި ޑިވިޝަންތަކުގެ ޓީމުތަކަށް ޓާނާ ކުޅެފައިވާ އިރު، އޭނާގެ ހޯމް ޓީމު ލާސް ޕާމާސްގެ ސީ ޓީމުން އެ ކްލަބުގެ ދަތުރު ފެށީ 2012 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރުން 2020 ވަނަ އަހަރަށް ޓާނާ ލާސް ޕާމާސްގެ ސީނިއާ ޓީމުގައި ކުޅެފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި 2015 ވަނަ އަހަރުން 2018 ވަނަ އަހަރަށް ލާސް ޕާމާސް ކުޅުނީ ސްޕެއިންގެ ފުރަތަމަ ޑިވިޝަންގައެވެ.

ޓާނާ ވަނީ ލާސް ޕާމާސްއަށް 129 މެޗު ކުޅެފައެވެ. އެ ކްލަބުގައި ކުރިން ބާސެލޯނާއަށް ކޯޗުކަން ކޮށްދިން ގޫގޭ ސެޓިއަންގެ އިރުޝާދުގެ ދަށުން ކުޅެފައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ޓާނާ ހޭދަކުރީ ޗައިނާގެ ކްލަބެއް ކަމަށްވާ ޒެއިޖިއާން ގްރީންޓައުންގައެވެ. އެ ކްލަބުގައި ޓާނާ ހޭދަކުރި އަހަރަކީ ލޯން އެއްބަސްވުމެއްގެ ދަށުން ހޭދަކުރި އަހަރެކެވެ. މިދިޔަ އަހަރު ޓާނާ ފެނުނީ ސްޕެއިންގެ ދެވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލްބަސޭޓޭއިންނެވެ.

ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުން އަންނަ މާޒިޔާގެ މެއިން ފޯކަސް މި ސީޒަންގައިވެސް ހުރީ އޭއެފްސީ ކަޕަށެވެ. މިދިޔަ ދެ އަހަރު ރާއްޖޭގެ ލީގު ކާމިޔާބުކުރި މާޒިޔާއިން ތަޖުރިބާކާރު ކޯޗެއް ކަމަށް ސާބިއާގެ މަޔޮޑްރަގް ޖެސިކް ކްލަބަށް ގެންގޮސްފައިވާއިރު، އޭނާއަކީ އެފްރިކާ، އޭޝިއާގެ އިތުރުން ޔޫރަޕްގައި ކާމިޔާބީތައް ހޯދައިފައިވާ ކޯޗެކެވެ.

މާޒިޔާއިން ސީޒަނުގައި ކުޅުނު ފުރަތަމަ މުބާރާތް، ޕްރެސިޑެންޓްސް ކަޕް ފައިނަލުގައި ބަލިވި ނަމަވެސް އެ ކްލަބަކީ ފަހުގެ ތާރީހުގައި ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބެވެ. އެ ކްލަބުން ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި އެންމެ ފަހުގެ ޕްރިމިއާ ލީގު ދެ ސީޒަންވެސް ކާމިޔާބުކޮށްފައެވެ. މިއަހަރުގެ ޕްރެސިޑެންޓް ކަޕުގެ ފައިނަލުގައި ވެސް ވާދަކުރި މާޒިޔާއިން ވަނީ 2015 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ.