ފުވައްމުލަކަކީ އެ ރަށާ ކައިރީގައި އޮންނަ އައްޑު އަތޮޅާއި ހުވަދު އަތޮޅު ފަދަ މަސްވެރިކަން ކުރުމުގައި ބޭނުންވާ ގުދުރަތީ ވަސީލަތެއް ކަމަށްވާ އެންވެރިކަމުގެ ރަށެއް ނޫނެވެ. ނަމަވެސް ފުވައްމުލަކަކީ ވެސް ރަށުގައި ބަޔަކު އުޅޭން ފެށި ދުވަހުން ފެށިގެން ވެސް މަސްވެރިން އުޅުނު ރަށެކެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ތާރީޚީ ގޮތުން ފެންނަން އޮތް ފުވައްމުލަކުގެ މަސްވެރިކަމާއި އެ މަސްވެރިކަން ކުރުމުގެ އާދަކާދަތަކުގެ މައްޗަށެވެ. ލިޔުމުގައި ބޭނުން ކުރާނީ ފުވައްމުލަކުގެ މީހުން މި މަސައްކަތުގައި ބޭނުން ކުރާ ބަސްބަހެވެ. މަސްވެރިން މަސް ބަހާގޮތުގެ ތެރެއިން މަސް ދޯނިފަހަރުގެ މަސް ބެހުމާއި މަސްވެރިން ބޭނުންކުރި ބައެއް ބަސް ބަހުގެ މައްޗަށެވެ.
ފުވައްމުލަކުގައި މަސްވެރިކަމަށް ބޭނުންކުރި މަސްދޯނިފަހަރަކީ 17 ރިޔަނާއި 18 ރިޔަނާ ދެމެދުގެ ދޯނިފަހަރެވެ. އެއީ ތިރީސް އަށް ފޫޓު ތިން އިންޗި އާއި ސާޅީސް ފޫޓް ހަ އިންޗިއާ ދެމެދެވެ. ވަދު ދޯނިފަހަރަކީ 7 ރިޔަނާއި 8 ރިޔަނާ ދެމެދު އުޅަނދުތަކެވެ. އަދި ބޮއްކުރާފަހަރަކީ 5 ރިޔަނާއި 6 ރިޔަނާ ދެމެދުގެ އުޅަނދުފަހަރެވެ. މީގެ ތެރެއިން ވަދު ދޯނިފަހަރުގެ މަސްވެރިކަމާއި ބޮއްކުރާފަހަރުގެ މަސްވެރިކަން ތަފާތެވެ. އެހެން ލިޔުމެއްގައި އިރާދަކުރެއްވިއްޔާ އެ މަސްވެރިކަމުގެ މައްޗަށް ބަލައިލާނަމެވެ.
މަސްވެރި ދޯނިފަހަރުގެ މަސްވެރިކަން އުފެދެނީ އިރުވައި މޫސުމުގައި އެއްފަހަރު އަދި އަތަހިތަ ހުޅަނގުގައާއި އައްސިދަ ހުޅަނގުގައެވެ. އިރުވައި މޫސުމުގައި އެން ލިބެނީ އުތުރަހަޅަ ޖަހާ މަޑުވުމުންނެވެ. އިރުވައި މޫސުމުގައި އެންމެ ރަނގަޅަށް އެން ލިބުނު ކަމަށް ބެލެވެނީ ހިޖުރީ ގޮތުން 1350 ވަނަ އަހަރުގައެވެ. ހުޅަނގު މޫސުމުގައި އެންމެ ރަނގަޅަށް އެން ލިބުނު ކަމަށް ބެލެވެނީ ހިޖުރީ ގޮތުން 1348 ވަނަ އަހަރުއެވެ. މި ދެ ފަހަރު ވެސް އެމުގެ ގޮތުގައި ފެނުނީ މުގުރާމެވެ. 1348 ވަނަ އަހަރު މުގުރާން އަރައި ރަސްގެފަންނު އޮޅުން ވެސް މުގުރާން ވަން ކަމަށް ތާރީީޚީ ލިޔުންތަކުން ފެނެއެވެ.
ހުޅަނގު މޫސުމުގައި އެން ހިފައިގެން ކުރާ މަސްވެރިކަން ފެށެނީ ރޭވަ ނަކަތުން ފެށިގެންނެވެ. އެއީ އައްސިދަ ހުޅަނގެވެ. އަތަހިތަ ހުޅަނގުގައި އެންވެރިކަން ފެށެނީ ނުރަދޮށައިގައެވެ. ފުވައްމުލަކުގެ މަސްވެރިން އެން ހިފަނީ ރަށުގެ ހޭ ބޭރުންނެވެ. ރަށު މީހުން ހިފާ އެމަށް އެ މީހުން ކިޔަނީ ރަބާލި (ރައްބުރަކި)، ދޮންބޮރޮކި، ކަޅުބޮރޮކި އަދި ބައެއް ފަހަރު މުގުރާމެވެ.
އެން ހިފުމަށް ދެ ގޮތަކަށް އަމަލު ކުރެއެވެ. އެއީ އެމަށް ފިލި ޖަހައިގެން ދަލަށް އެރުވުމާއި ފިލި ނުޖަހައި ދަލަށް އެރުވުމެވެ. ފިލި ނުޖަހައި ދަލަށް އެން އަރުވަނީ ރަށުގެ އުތުރު ފަރާތު އެކި ދިމަދިމާލުގައި ހުންނަ ފާހަގަ ތަކުންނެވެ. އެ ތަންތަނަށް ކިޔަނީ "ނިރި" އެވެ. އޭގެ ތެރޭގައި އަނބުލުފަންނުގެ އުތުރުން މިހާރު އޮތް ކާނަށް ވުރެ އަނބުލާ ކައިރީގައި ހުރި ޅޮސް ގަހާ ދިމާލަކީ އެއް ނިރެވެ. އަދި ކެޑޭރެ މިސްކިތްފަންނުގެ އުތުރު ފަރާތުގައި އޭރު ހުރި ދިގު ރުކާ ދިމާލަކީ ވެސް ނިރެކެވެ. އަދި ރަށު މީހުން ކިޔާ ރެއްކާ ދޮށާއި، ރިވެތި ފަޅަގަނޑު ސަރަހައްދަކީ ވެސް ނިރު ހުންނަ ތަންތަނެވެ. ރެއްކާ އަކީ ގާތްގަނޑަކަށް ލާލުގެއިން ފެށިގެން ހީނާޑިއެފަންނާ ދެމެދެވެ. ރިވެތި ފަޅަގަނޑަކީ ގާތްގަނޑަކަށް ލާލުގެއާއި މަގިމިސްކިތްފަންނާ ދެމެދެވެ.
މަތީގައި ދެންނެވި ތާރީޚުތަކުގެ ފަހުން ވެސް އާންމު ގޮތެއްގައި މަސްވެރިކަން ކުރެވޭ ވަރަށް އެން ލިބެއެވެ. މަސްދޯނިފަހަރުގެ މަސްވެރިކަން އެންމެ ފަހުން ކުރީ 1980 ގެ އަހަރު ތަކުގައެވެ.
މޫސުން ލައިގަތުމުން އާންމުގޮތެއްގައި މަސްވެރިން އެން ހުރޭތޯ ބަލާނެއެވެ. މި ގޮތަށް ބެލުމުގެ އިތުރުން ބޭނޭ ފަރުމަހުގެ ބަނޑުން އެމުގެ ބާވަތެއް ފެނޭތޯ ބަލަމުން ދާނެއެވެ. ހޭބޭރުން ރައްބުރަކި ނުވަތަ އެނޫން ވެސް އެމުގެ ބާވަތެއް ފެނުމުން ދޯނި ތައްޔާރު ކުރާނެއެވެ. ދޯނި ލާފައި ހުންނަ ހަރުގެތަކުން ނެރެ ފެން ޖަހާ ދޮވެ ބޭރުގައި ކޮންމެވެސް އެއްޗެއް ލާނެއެވެ. ފަލި ތަންޑު ތައްޔާރުކޮށް މެއްކުގައި ޅާނބު ހަރުކުރާނެއެވެ. ދެ ފަޅި ހަރުކުރުމުގެ އިތުރުން "ވަބައިން" އަޅާނެއެވެ. އެކަކު އަނެކަކަށްވުރެ ރީތިކޮށް ވަރުގަދަކޮށް ޅާނބުގެ މަސައްކަތް ނިންމަން އުޅޭނެއެވެ.
ލަބަރި (މެދެރި) މަހަށް ފޮނުވާ މީހުން އެ އެއްޗެހި މަރާމާތު ކުރާނެއެވެ. ފުވައްމުލަކުގެ މީހުން ގެންގުޅުނު މެދެރިއަކީ ގާތްގަނޑަކަށް 8 ފޫޓް ދިގުކޮށް މެދަށް ފަލަކޮށް ދެކޮޅު ހިމަކޮށް ހުރުއްފެށިން ގަތާފައި ހުންނަ އެއްޗެކެވެ. ފަލަ ހިސާބުގެ ވަށަމިނުގައި ދެ ފޫޓުވަރު ހުންނާނެއެވެ. ކޮޅުގައި ފަނަރަ އިންޗިވަރު ހުންނާނެއެވެ. މެދެރިއެއްގައި ހަ ވެނި އޮވެއެވެ. ދެ ވެނި ދޭތެރޭގައި ދެ ފޫޓް ހުރެއެވެ. ވެނި ހަދަނީ މިދިލި މުލުންނެވެ. މެދެރީގެ ދެ ކޮޅުގައި ހުންނަ ބަޔަށް ކިޔަނީ ބޮލެވެ. ބޯ ހުންނަނީ ކޮންމެވެސް ކަހަލަ ލުއި ލަކުޑިއަކުން ހަދާފައެވެ. ބޮލުން ބައެއް ބޭރަށް ހުރެއެވެ. ގަތާ ފެށީގެ ކޮޅު ހުންނަނީ ބޮލުގައި ނަގާފައި ހުންނަ ކޮރަށް ފައްތާފައެވެ. ބޭރުގައި ދިހި ހުންނާނެއެވެ. ބޮލުގައި ވެސް ދިހި ހުންނާނެއެވެ. އެއީ ކަނދުގައި ހަރުކުރަން ފަސޭހައަކަށް ހުންނަ އެއްޗެކެވެ.
އެން ހިފާ ދައު މަހަށް ފޮނުވާއިރު ދަލުގައި ކޮށިފައި ތަނެއް ހުރިނަމަ މަރާމާތު ކުރާނެއެވެ. އެންމެ ބޮޑު ދަލުގައި ހުންނަނީ 18 މުށާއި 14 މުށެވެ. އެންމެ ކުޑަ ދަލެއްގައި 14 މުށާއި 10 މުށެވެ. ދަލާއެކު މަހަށް ފޮނުވާ ހަތަރު ދަނޑި ތައްޔާރު ކުރާނެއެވެ. ދިޔަ ހިއްކާ ފައި މަހަށް ފޮނުވާ މީހުން ފައި ތައްޔާރުކުރާނެއެވެ.
ހުރިހާ ކަމެއް ނިމުމުން އޮންނާނީ އެން ހިފަން ނިކުތުމެވެ. ދޯނީގައި ދިހަ ފަލި ޖަހާ ދިހަ މީހުން ތިބޭނެއެވެ. ކެޔޮޅުންގެ ގޮތުގައި ބައެއް ފަހަރު ފަސް މީހުން މަދުވެގެން ހަތަރު މީހުން ތިބޭނެއެވެ. އެމީހުނަށް ފުވައްމުލަކުގައި ކިޔަނީ ކެޔޮޅު، އައްދަރި ކެޔޮޅު، އައްދަށު ކެޔޮޅު، އެންކެޔޮޅު އެވެ.
އެން ހިފަން ބައެއްފަހަރު ހެނދުނު ވެސް ނިކުމެއެވެ. އާންމުކޮށް ނިކުންނާނީ ހަވީރުއެވެ. އެން ހިފަން ނިކުމެ ފަލި ޖަހާނީ ވަރަށް މަޑުންނެވެ. އެން ބަލާ މީހާ އާންމުކޮށް އެންކެޔޮޅު އިންނާނީ ދޯނީގެ ދިރުބާކޮޅުގައި އޮންނަ "ކައުޅާފައްގަޑު" މިއީ ރިޔަންކޮޅުގެ އެންމެ ފަހަތުބައިގެ މަތީގައި ދެކަންފިޔަ އަށް އަރާ ގޮތަށް އަޅައި މޮހަރު ޖަހާފައި އޮންނަ ފައްގަޑެކެވެ. ބައެއްފަހަރު ވަޑިން މިފައްގަނޑަށް ފާމުލަދޭރި އުނބުރި ވެސް ކިޔައެވެ. އެންކެޔޮޅުގެ އިތުރުން ދެކެޑެ ފަލި ޖަހާ ދެ މީހުންނާއި ދެ ކެޔޮޅުން ވެސް އެން ބަލާނެއެވެ. އެން ފެނުމުން އެ ފެނުނު އެން އޮއި ދަށަށް ދާވަރަށް އޮއި މައްޗަށް އަރައި ފަނައި ވައްޓާލާނެއެވެ. ދެ ކޮޅުގެ ދެ ފަނައި ވެއްޓުމަށްފަހު ދޯނި ފަރު ހުރަހަށް ވާ ގޮތަށް ހައްޔަރުކޮށް މަޑުމަޑުން އޮއިދަށަށް ދޫކޮށް އެން ފެނުނު ހިސާބަށް ގެންދާނެއެވެ.
އެ ހިސާބުން ދަލުގެ ހަތަރު ކަނުގައި ދަނޑި އައްސާނެއެވެ. އައްސާއިރު ދަނޑީގެ ކޮޅުން މުށެއްހާވަރު ދޫކޮށް މަތީގައެވެ. ހަތަރުކަނުގައި އައްސާ ދަނޑިއަކީ ހަތަރު ސައިޒުގެ ހަތަރު ދަނޑިއެވެ. އެއީ ބޭރުފައްތާ ދަނޑި، އެތެރެ ފައްތާ ދަނޑި، ތަލްމައްތެ ބޭރުފައްތާ ދަނޑިއާއި އެތެރެ ފައްތާ ދަނޑިއެވެ. އެންމެ ދިގުވާނީ ބޭރެފައްތާ ދަނޑިއެވެ. އެއީ ގާތްގަނޑަކަށް ދޯނީގެ ދިގުމިނުގެ ދަނޑިއެކެވެ. އެންމެ ކުރު ދަނޑިއަކީ ތަލްމައްތެއެތެރެ ފައްތާ ދަނޑިއެވެ. ދައު ފައްތައިގެން އެމަށް ފިލި ޖަހަމުންދާއިރު ދަލުގެ މައްޗަށް ބޮޑެތި މަސް އަރަން ފެށުމުން، "ކާމަހަށް ކާންދޭށޭ ބުނެ" ދަލާއި ދުރަށް ފިލި ޖަހާނެއެވެ. ދަލަށް އެން އެރުމުން ދައު ނަގާއިރު ބޭރުފައްތާ ދެ ދަނޑީގެ މަތީކޮޅުގައި އިތުރު މީހަކު ހިފައިގެން އެކޮޅު ތިރި ކުރަން މަސައްކަތް ކުރާނެއެވެ. އެގޮތަށް ތިރި ކުރުމަށް ކިޔަނީ ފުލްއޮބަނީއެވެ. ދަލުގައި ހުންނަ އެން ހުސްކުރަނީ ތަލިތެރެ އަށެވެ. އެން ދޯނި ވަރުވުމުން ހެނދުނު ބައެއް ދުވަހު މަހަށް ދާނެއެވެ. މަހަށް ދާ ވަރަށްވުރެ ލަހުން ނުވަތަ ހަވީރު އެން ހިފުނުނަމަ މެދެރި އަޅާނީއެވެ. މިގޮތަށް މެދެރިއަށް އެން އެޅުމަށް ކިޔަނީ އެން ރޯކުރުމެވެ. މެދެރި ތައްޔާރުކޮށްފައި އަތިރިމަތީގައި އޮންނާނެއެވެ. އެން ހިފައިގެން އައިސް މަތީ ހަތަރު ފަލިޖަހާ ހަތަރު މީހުން މޫދަށް ފައިބައިގެން ފަތާފައި ގޮސް މެދެރި ހިފައިގެން އައުމުން އެން ރޯ ކުރުމަށްފަހު ދޯނި ލަފައި އެއްގަމަށް އެހެލާނެއެވެ.
ނިރި ކިޔަނީ އެންވެރިކަން ދެރަވެ އެމުގެ ބާވަތްތައް ރޭގަނޑަށް ނިދަން އެއްތަންވާ ދިމަދިމާލަށެވެ. އެ ތަނުން އެން ހިފާއިރު ފިލިޖެހުމެއް ނޯވެއެވެ. ކެޔޮޅުން އެން ބަލަން ތިބޭނީ ހެއި ފެންނަ ހިސާބުގައެވެ. ދައު ފައްތާނީ އިރު އޮއްސެން ގޮސް ރުއްރުކުގެ ހިޔަނި ކަނޑަށް އެޅޭ ވަރަށް ތިރިވުމުންނެވެ. ދައު ފައްތާއިރު ކުރިން ބޭނުންކުރި ދަނޑިއަށް ބުރިގުޅައި ދިގު ކުރާނެ އެވެ. ދަލަށް އެން އަރައިފިކަން ދެ ގޮތަކަށް އެނގެއެވެ. އެއް ގޮތަކީ ބުރަކި މަރުވެގެން މައްޗަށް އެރުމެވެ. އަނެއް ގޮތަކީ ފައްތާފައިހުރި ދަލުގެ މަތީގެ ކުލަ ބަދަލުވުމެވެ. ދައު ނެގުމުގައި އަމަލުކުރާނީ ކުރީގައި ވެސް އަމަލުކުރި ގޮތަށެވެ.
މަސްވެރިކަމުގައި އާންމުގޮތެއްގައި ރޭގަނޑު އެކަކާއި ދޭކާ ދޭތެރޭގައި މަސްވެރިން ތެދުވާނެއެވެ. އަތިރިމައްޗަށް ގޮސް ދޯނި ބާލާނީ އިރަން ދޮންވުމުގެ ކުރިން މަސްކަނޑަށް ފޯރާގޮތަށެވެ. ފުރަތަމަ ކަމަކީ ކުރީ ދުވަހު އެން ރޯ ކުރި މެދެރި ކައިރިއަށް ގޮސް މެދެރީގެ ބޯސާގައި ހިފުމެވެ. އޭގެ ފަހުން މެދެރި ދޯންޏާއި ކައިރިކޮށް އެއް ފަރާތު (ކާހައް ފަލި) ސާރިމަތި ފައްޔާއި ލާގައް ފަލި އުފުރާފައި މެއްކާއެކު އެއް ފަރާތުގައި ބާއްވާނެއެވެ. އޭގެ ފަހުގައި މެދެރި ކަނދުގައި އައްސާފައި ހުންނަ ހުރިހާ ތަނެއް މޮހައި މެދެރީގެ އަނގަ ވެސް ނެގުމަށްފަހު ހުރިހާ މީހުން ވެގެން މެދެރީގައި ހުންނަ ލޮނުން ބަޔަކާއި އެންކޮޅާއެކު ނަގާ ދޯންޏަށް ހުސްކޮށްލާނެއެވެ. މި ކަން ކުރާއިރު ވަރަށް އަވަސްއަވަހަށް އެންކޮޅަށް ގެއްލުމެއް ނުވާ ގޮތަށް މެދެރި ހުސްކުރުމަށް ސަމާލުކަން ދޭނެއެވެ. މެދެރި ހުސްކުރުމަށްފަހު މެދެރީގެ ދެ ކޮޅު ފަހަރަކު ކޮޅެއް މައްޗަށް އުފުލާލުމުން މެދެރީގައި ލަކުޑިން ހަދާފައި އޮންނަ ބޮލެޖެހިން ޖަހާނެއެވެ. މި ޖެހުން ފުރިހަމަވަނީ ތިން ފަހަރު ޖަހައިގެންނެވެ. ފާޑެއްގެ ރާގެއް އަންނަ ގޮތަށް މެދެރި އަށް ގެއްލުން ނުވާ ގޮތަށް ޖަހާ މި ޖެހުމަކީ ވަރަށް ހުނަރުވެރި ޖެހުމެކެވެ. މިގޮތަށް މެދެރީގެ ކޮންމެ ކޮޅެއް ތިން ފަހަރު އުފުލާނެއެވެ. މެދެރި ކައްވާ އަޑު އެއްގަމަށް ރީތިކޮށް އިވޭނެއެވެ. މެދެރިން އެން ހުސްކުރުމަށްފަހު ކުރީގައި ވެސް އޮތް ކަނދުގައި މެދެރި ހަރުކުރުމަށްފަހު މަސްކަނޑަށް ނިކުންނަން ފަލި ޖަހަން ފަށާނެއެވެ. ހުސްކުރި މެދެރި މަހުން އައިސް އެއްގަމަށް އަރުވާނެއެވެ. އެއްގަމަށް އަރުވައި އަވީ ނުލާނަމަ މެދެރި ފޯވުމާއެކު މެދެރީގައި ހުސްނުވެ އެންކޮޅެއް އޮތް ނަމަ ފާ (އާންމު ބަހުރުވައިން "ކުނިވުން") ވެދާނެތީއެވެ.
ރަށުގެ ދެ ކޮޅުން ވެސް މަސް ކަނޑަށް ނިކުންނާނެއެވެ. ރަށުގެ ވަށައިގެން ކަނޑު އޮތް ނަމަވެސް އާންމު ގޮތެއްގައި މަސް ކަނޑު ކަމަށް ބަލަނީ ރަށުގެ ފަރު އޮންނަ ކޮޅުން ފަރުގެ ދެ ފަރާތެވެ.
އަޅުގަނޑުމެން މިރޭ މަހަށް ދާނީ އަނބުލުން ނިކުމެގެން ރަށުގެ އުތުރު ކޮޅުން (ކެޑެވަރި) ވަށާލާފައެވެ. މިގޮތަށް ދާއިރު ރަށުން ހަމަވާ ހިސާބެއްގެ ނަން ކިޔަމުންދާނެއެވެ. މިތާނގައި ބައެއް ނަންތައް ކިޔައިދޭނަމެވެ. އަޅުގަނޑު މި ދަންނަވާ ގޮތާ މި ރަށުގެ ގިނަ ބަޔަކު ދަންނަ މަޝްހޫރު "ރަށުވެށި" އާ ފަހަރެއްގައި ތަފާތު ވެދާނެއެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.