ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކޮންމެ ޕާޓީއެއްގެ ކެނޑިޑޭޓެއް އިންތިހާބުކުރި ނަމަވެސް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް އެގޮތަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޝްރޫއުތައް ހިންގޭނީ އެ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ ކެންޑިޑޭޓް ހޮވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމަށް އިޝާރަތްކުރައްވައި ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަފާތު ކުރުމެއްނެތި ހުރިހާ ރަށެއްގަވެސް މަޝްރޫއުތައް ހިންގަވާނެ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
"ކޮންމެ މީހަކު އިންތިހާބު ކުރިނަމަވެސް ޕްރޮޖެކްޓްތައް ކުރިޔަށްދާނެ. އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިފިނަމަ 2023 ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނާނެ،" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ ވާދަވެރިކަންވެސް އަދި ފޯރިވެސް ގަދަވީ އެމްއެންޕީން އަބްދުލް ހަންނާނު އިދުރީސް ކޮމަންޑޫ ދާއިރާއަށް ވާދަކުރެއްވުމުން ކަމަށެވެ. އަދި އެ ދާއިރާއަކީ ވޭތުވެދިޔަ ސަރުކާރުތަކުން ބޮޑުތަނުން އިހުމާލުވެފައި އޮތް ދާއިރާއެއް ކަމަށާއި ރައްޔިތުންގެ އާދޭސްތަކުގެ އަޑު ސަރުކާރަށް އިއްވައިދިނީވެސް ހަންނާނު ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރަޝީދުގެ ކެމްޕޭނަށް އިއްޔެ ށ. މަރޮއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ވެސް ޕީޕީއެމް އާއި އެހެން ޕާޓީތަކުގެ ފިކުރުގެ މީހުން އުޅޭނެ ކަމަށާއި ނަމަވެސް މި އިންތިހާބުގައި އެ ރައްޔިތުން ވިސްނަން ޖެހޭނީ ތަރައްގީއަށް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީގެ ފިކުރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި މުހިންމީ އެ ދާއިރާގެ ތަރައްގީއަށް ކަމަށާއި ވެރިކަންކުރާ ޕާޓީއެއްގެ މެމްބަރުން ހުރުމުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށެވެ.