ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕިއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަލްސަފާއަކީ، ވެރިމީހާއަށް ރައްޔިތު މީހާ ބިރުގަންނަން ޖެހޭ ފަލްސަފާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، މުހައްމަދު ރާޝިދު (ރާޑޯ) އަށް ކެމްޕެއިން ކުރެއްވުމަށް ށ. މަރޮއްޓަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަށަކަށް ވަޑައިގެންނެވި ނަމަވެސް އުޅުއްވާނީ ވަރަށް އެކަހެރިކޮށް ކަމަށާއި އެއީ އެމްޑީޕީގެ ފިކުރާއި ޕީޕީއެމްގެ ފިކުރާ ހުރި ތަފާތެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ފަލްސަފާއަކީ ވެރިންނަށް ރައްޔިތު މީހާ ބިރުގަންނަން ޖެހޭ ފަލްސަފާ ކަމަށާއި އެ ފަލްސަފާ ދޫކޮށްލީ އެމްޑީޕީން ކަމަށެވެ. އަދި އެމްޑީޕީން ބޭނުންވަނީ ހަލާލު މަސައްކަތް ކޮށްގެން އާމްދަނީ ހޯދައި ދިރިއުޅުމުގެ ހަރަދުބަރަދު ބަހަލައްޓާ މީހާ ކަމަށް ވިދާޅުވިއެވެ.

"އެބަޔަކު ދެކޭ ގޮތުގައި ވެރިން ތިބެން ޖެހޭނީ ފޮރުވިފައި، ވެރިން ތިބެން ޖެހޭނީ ހައިބަތުގައި، ވެރިން ތިބެން ޖެހޭނީ ރައްޔިތުންނަށް ނުފެނި، ރައްޔިތުން ވެރިންނަށްޓަކައި އަބަދުވެސް ސަނާ ކިޔަން ޖެހޭ. އަބަދު ވެރިން ދެކެ ބިރުގަންނާން ޖެހޭ ޖެހިލުންވާން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ދައުރުގައި މަރޮށީގައި ހިންގި މެގަ މަޝްރޫއަކީ ބަށި ބޯޓެއްގެ މަޝްރޫއު ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީން ބޭނުންވަނީ ހާސްކަމެއް ނެތި ދިރިއުޅޭ ރައްޔިތެއް އުފެއްދުން ކަމަށާއި އެމްޑީޕީއާ ގުޅިފައިވާ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީންވެސް ބޭނުންވާ ގޮތަކީ އެއީ ކަމަށެވެ.