ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ މުހައްމަދު ރާޝިދު (ރާޑޯ) އަށް ވޯޓޫދޭން ޖެހެނީ ދައުލަތުގެ ކުރިއެރުމަށްޓަކައި ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާޝިދުއަށް ތާއީދު ހޯއްދެވުމުގެ ގޮތުން މިއަދު ށ. ކޮމަންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި މުހިއްމު ވަނީ ހަމައެކަނި އެ ދާއިރާގެ ތަރައްގީއަށް އެކަނި ނޫން ކަމަށެވެ. ރާޝިދަށް ވޯޓު ދޭން ޖެހެނީ ދައުލަތުގެ ކުރިއެރުމަށް ކަމަށާއި އެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް މުހިއްމު ކަންކަން ފަހިވެގެންދާނެ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރަށް ރައްޔިތުންގެ ތާއިދާއި އެއްބާރުލުން އޮންނަކަން ބޭރު ގައުމުތަކަށް އެނގިގެން ދިއުމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނަގާއިރު ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ. ގާސިމް ވިދާޅުވީ އެކަމުގެ ސަބަބުން ގައުމުތަކުން ހިލޭ އެހީ ހޯދަން ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މިހާރު ވެސް އޮތީ އެމްޑީޕީއަށް ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެމްޑީޕީން ބޭނުންނަމަ މިހާރު ވެސް ގާނޫނޫއަސާސީ ބަދަލުކުރެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް މުހިންމުވަނީ ގައުމުގެ ކުރިއެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބާޔަނަށް ގާސިމް ވަނީ ތައުރީފުކުރައްވައި ވާހަކަ ދައްކަވައިފައެވެ. ރިޔާސީ ބަޔާނަށް ތައުރީފު ކުރައްވައި ގާސިމް ވިދާޅުވީ، ރައީސް އިއްވެވީ ވަރަށް ފުރިހަމަ ރިޔާސީ ބަޔާނެއް ކަމަށެވެ. އަދި އެއީ މިހާތަނަށް އިއްވި އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމަށްވެސް ވިދާޅުވިއެވެ.