ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް ހަދަންޖެހޭ ދިރާސާ މިއަހަރު ނިންމުމަށްފަހު އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގައި ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ) އަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް މިއަދު ކޮމަންޑުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމީ ދިރާސާއެއް ހެދުމަށްފަހު ކަމަށެވެ. އެ ދިރާސާގެ ލިޔުން ވެސް ރައީސް ވަނީ ޖަލްސާގެ ބައިވެރިންނަށް ދައްކަވައިފައެވެ. ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ 13،000 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
ތައުލީމީ ދާއިރާގެ މުސާރަތަކަށް ފަހު ދެން ބޮޑުކުރާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު އެކަން ކުރެވޭނީ ދިރާސާތަކަށްފަހު ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުވާއިރު ފަންނީ މުވައްޒަފުންނާއި އެ ދާއިރާގެ އެހެން މުވައްޒަފުންގެ މުސާރަތައް ވެސް ބޮޑުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރަން ބޭނުންވާ ކަންކަން މިއަދުގެ އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި ތަފްސީލު ކޮށްދެއްވާފައިވާނެ ކަމަށެވެ. ރިޔާސީ ބަޔާނުގައި ހުރި ކަންކަމަކީ ހަމަ ކުއްލިއަކަށް ނުވަތަ ހަމަ ހުންނަވާފައި ވިދާޅުވި ވާހަކަފުޅުތަކެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަލްސާގައި ރައީސް ވަނީ އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފަށައިގެން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރައްދު ދެއްވައިފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި މިހާރު ކުރިއަށްދާ މަޝްރޫއުތައް ފެށިގެން ކުރިއަށް އެދަނީ ރައްޔިތުން އިސްކަންދޭ ތަރުތީބުން ކަމަށެވެ. ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ސަރުކާރުން އިސްކަންދިނީ އެއީ އެ ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވި މަޝްރޫއަށްވުމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީ އަށް ގޮނޑި މަދުވެގެން ނޫޅޭ ކަމަށާއި ނަމަވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް މުހިއްމު ވަނީ ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމަށްޓަކައި ސަރުކާރުގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދިއުމަށް އެހީތެރިވާނެ މެންބަރުން ތިބެންޖެހޭތީކަން ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކޮމަންޑު ދާއިރާގައި އެމްޑީޕީގެ ފިކުރު އޮތްކަން ސާފު ކަމަށެވެ. އެކަން ސާފުވަނީ އެ ދާއިރާގެ ރައްޔިތުން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓަކު އިންތިހާބުކުރުމުން ކަމަށެވެ. އަދި ވަނީ ކޮމަންޑޫ ދާއިރާގައި އޮތް އެމްޑީޕީ ޕިކުރު އިތުރަށް ދެއްކުމަށްޓަކައި ރަޝީދަށް ވޯޓުދިނުމަށް އެދިވަޑައިގެންފައެވެ.