ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މޭމަހުން ފެށިގެން ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންނަ މޭ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުވާއިރު ލިބިގެންދާނީ 56 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ސޯލިހު ވިދާޅުވީ ގައުމު ބިނާ ކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށެވެ. އެމީހުންނަށް އެކަށިގެންވާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ.

"އަޅުގަނޑު ނިންމައިފިން އަންނަ މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް. މިބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ މިއީ 56 ޕަސެންޓުގެ ކުރިއެރުމެއް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަށް ކުރިއެރުން ގެނައުމަށްޓަކައި މިސަރުކާރުން ކުރި މަސައްކަތްތައް ހިއްސާކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ނިމިދިޔަ އަހަރު 4،082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާއި ތަމްރީން ދީފައިވާ ކަމަށެވެ. އަދި 20 ޕްރިންސިޕަލަކަށް މާސްޓާސް ފެންވަރަށް ތަމްރީނު ވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދައިދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމަށްޓަކައި އެންމެ ވަރުގަދަ އުސް ބިނާއަކީ، ބިނާކުރެވޭ ހެދިހުރި ދިވެހި އިންސާނާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތް ސަރުކާރުން ބިނާ ކުރަމުން ގެންދާ ކަމަށެވެ. މި ދައުރުގައި 23 ސްކޫލެއް އެއްދަންފަޅިއަށް މުޅިން އަލަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްލާސް ރޫމާ ހަ މަލްޓިޕާޕަސް ހޯލް އިމާރާތްކޮށް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިތުރު 55 ސްކޫލެއްގައި 473 ކްލާސްރޫމާއި 27 މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހިނގަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަށް ޖުމުލަ 941 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމުގެ ނަތީޖާ އިންތިހާއަށް ފޮނި ކަމަށާއި ކޮލެޖު ނުވަތަ ޔުނިވަސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައިދެވިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން 2127 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށާއި މިގޮތުގައި ކުރިއަށް ގޮސް 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ގައުމު ބިނާކުރުމަށް ނުކުންނާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ގައުމީ ހިދުމަތަށް ނުކުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު މިކުރާ ކަމަކީ، މަތީ ތައުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތްވަރެއް ހުރި ކޮންމެ ދަރިވަރަކަށް ސަރުކާރުގެ ހަރަދުގައި ހިލޭ ޑިގްރީއެއް ލިބޭނެގޮތް ހެދުން. އެކަން އަޅުގަނޑުމެން ކޮށްފިން. މަތީ ތައުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫން. ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލުކުރުމަށް ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް، 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯނު ދޫކުރިން. މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަންދިނިން. އަދި މި ހިނގާ 2022 ވަނަ އަހަރު، މި ސްކީމްގެ ދަށުން އިތުރު 720 ފުރުސަތު، އަންނަ ހޯމަ ދުވަހު ހުޅުވައިލެވޭނެ." އެމަނިކުފާނު ވިދާޅުވި އެވެ.