ހައްޖަށް ގެންދަން 72 މީހުންއަތުން ފައިސާ ނެގުމަށް ފަހު އެ މީހުން ހައްޖަށް ގެންގޮސްނުދިން މައްސަލައިގައި ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލު ކުރުމުން، އެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލްކޯޓުގެ މައްޗަށް ހައި ކޯޓުން ކުރި އަމުރަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓު ރިސެސްގައި އޮތުމަށްފަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މީގެ އިރުކޮޅެއްކުރިން ވަނީ މި މައްސަލައިގެ ހުކުމް އިއްވައިފައެވެ.

މިއީ މ.އެކްސެލް މުސްތަފާ މުހައްމަދުދީދީ އަލް ފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުރެ، އެކުންފުނީގެ ނަމުގައި2013 (1435) ވަނަ އަހަރު ރާއްޖެއިން މީހުން ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރި 125 މީހުންގެ ކޯޓާގެ އިތުރަށް، އެ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ 72 މީހެއްގެ އަތުން 5.6 މިލިއަން ރުފިޔާ އާއި 105000 އެމެރިކާ ޑޮލަރު ނެގުމަށް ފަހު އެމީހުން ހައްޖަށް ގެންގޮސް ނުދިން މައްސަލައިގައި، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާއެކެވެ.

މީގެ އިތުރުން 72 މީހެއްގެ އަތުން 5.6 މިލިއަން ރުފިޔާ އާއި 105000 އެމެރިކާ ޑޮލަރު މުސްތަފާގެ އަތުން އެފަރާތްތަކަށް ނަގައިދިނުމަށް ވެސް ދައުލަތުން ދައުވާކޮށްފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، މި މައްސަލާގައި ލިބިފައިވާ ހެކި، ގަރީނާއާ ގުޅިގެން ޝަރީއަތަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ބަލާއިރު، މި ދައުވާގައި މުސްތަފާއަށް ނިސްބަތްކޮށްފައިވާ އަމަލުތަކަކީ ވައުދާ ހިލާފުވުމުގެ ޒާތުން ނުކުމެ ޖިނާއީ ނިޔަތެއް އޮތްކަމަށް ބަލަންޖެހޭ ފަދަ ކަންތައްތަކެއްކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އޭގެ އިތުުރުން މި ދައުވާ އެމައްޗަށް ބިނާކޮށްފައިވާ ތަހުގީގަކީ ފުރިހަމަ ނޫން، ގާނޫނީ ގޮތުން ބާތިލު ތަހުގީގެއް ކަމަށް ކަނޑައަޅައި، މުސްތަފާގެ މައްޗަށް ދައުލަތުން ކުރި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މިދައުވާ، ގާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާކަމަށް ހުކުމްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ހުށަހަޅާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއަކީ، މިގަޒިއްޔާގެ ހުކުމުން ކަނޑައެޅި ނިޔާގެ ބާރުން ބާތިލު ދައުވާއަކަށްވާތީ އެ ދައުވާ ފޯމު ބާތިލުކުރާ ކަމަށްވެސް ހުކުމްގައި ވެއެވެ.

މި ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުގައި ބުނެފައި ވަނީ، ހިޔާނާތްތެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށެވެ. އެ ދައުވާ ބާތިލުކުރީ އެ މައްސަލައިގައި ކުރި ތަހުގީގަކީ ބާތިލު ތަހުގީގެއް ކަމަށް ކަނޑައެޅުމަށް ފަހު ކަމަށާއި، ހިޔާނާތުގެ އުންސުރުތައް ފުރިހަމަ ވޭތޯ އެ މައްސަލައިގައި ދަށު ކޯޓުން ބަލާފައި ނުވާ ކަމަށް ވެސް ހައި ކޯޓުން ބުނެފައިވެއެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖިނާއީ ތަހުގީގު ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ކަށަވަރު ކުރުމާއި، ދައުވާ ކުރުމާއި ނުކުރުމުގެ ބާރު އޮތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ކަމަށާއި ކޯޓުތަކުގެ ޒިންމާއަކީ ދައުވާ އުފުލުމުން އެއާ މެދު ގޮތެއް ކަނޑައެޅުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށް އެ މައްސަލަ ނިންމިއެވެ.

މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަކީ، ހައިކޯޓުން ކޮށްފައިވާ އަމުރު، މުސްތަފާ މުހައްމަދުދީދީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ.

ތިން ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރުގެ ގޮތުގައި، އިންނެވި، ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު އިއްވެވި ހުކުމްގައި ވަނީ، މި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓަށް އަންގަައި ކޮށްފައިވާ ހުކުމަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.

ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރުގެ ރައުޔަށް ފަނޑިޔާރު އުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ސުޖޫން ވަނީ ތާއީދު ކުރައްވައިފައެވެ.