މިދިޔަ އަހަރު ބޭއްވި ޔޫރޯ 2020 ގައި ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުނު ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން، އަލުން ކުޅުމަށް ތައްޔާރުވެ ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ސޮއިކޮށްފިއެވެ.

ބްރެންޓްފޯޑުން އެރިކްސަންގެ ސޮއި ހޯދީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

ޑެންމާކުން ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. މެޗު އިމަޖެންސީގައި މެދުކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައި ދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

ހިތަށް އައިސީޑީއެއް ލައްވައި، 29 އަހަރުގެ އެރިކްސަން މިދިޔަ އޯގަސްޓް މަހު އެނބުރި އޭރުގެ ކްލަބު އިޓަލީގެ އިންޓަ މިލާނަށް ދިޔަ ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަން އަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. އެހިސާބުން އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލާފައިވާ އިރު، އޭނާ ވަނީ ފިޓްނެސް ހިފެހެއްޓުމަށް ކެރިއަރުގެ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އިތުރުން އަޔެކްސްގައިވެސް ތަމްރީނުތަކުގައި ބައިވެރިވެފައެވެ.

އެރިކްސަން އަނެއްކާވެސް ދަނޑު މައްޗަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، އޭނާ އެނބުރި ޕްރިމިއާ ލީގުން ފެނުން ވެގެންދާނީ ހާއްސަ ކަމަށެވެ. އެރިކްސަން އިންޓައަށް ދިޔުމުގެ ކުރިން ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށް ކުޅެފައިވެއެވެ. އެ ކްލަބަށް ގިނަ މެޗުތަކެއް ކުޅުނު އެރިކްސަން ވެފައި ވަނީ ޕްރިމިއާ ލީގުގެ އެ ދުވަސްވަރު ކުޅުނު އެންމެ މޮޅު އެއް މިޑްފީލްޑަރަށެވެ.

ދަނޑު މައްޗަށް ނުކުމެ ކުރީގެ ފޯމަށް އެނބުރި އަންނަން ތައްޔާރަށް ހުރި އެރިކްސަން ދާދިފަހުން ބުނެފައި ވަނީ އޭނާގެ ޓާގެޓަކީ ވޯލްޑް ކަޕްގައި ކުޅުން ކަމަށާއި، ޑެންމާކާއެކު މިއަހަރު ފަހުކޮޅު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ދާން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.