ތުރުކީ އާއި ރާއްޖެ އާއި ދެމެދުގެ ރަސްމީ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވުލުތު ޗައުސޯލޯގް އާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، ރައީސް ސޯލިހު ވަނީ މިދިޔަ އަހަރު އެއީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 42 އަހަރު ފުރުނު އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅުން އެ ގައުމުގެ ސަރުކާރުން ރާއްޖެއާއި ތުރުކީވިލާތާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ދެއްވާ މުހިންމުކަން ރަމްޒުކޮށްދޭ ކަމުގައިވެސް ރައީސް ވަނީ މި ބައްދަލުވުގައި ވިދާޅުވެފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ‌‏ބަދަހިކުރެއްވުމަށް ދެ ގައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކުރުމާއި، ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަން ވަރުގަދަކުރުމާއި، މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމާއި، އުމްރާނީ ތަރައްގީއާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އަނިޔާވެރިކަމާއި، ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު ވަނީ ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އަދި ދެގައުމަށް ވެސް ލާބައާއި މަންފާ ލިބޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތުން ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 28 މެއި 1979 ގައެވެ.