ޚަބަރު

ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފި

މުހައްމަދު އިޝާން

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވަނީ އެތަނުގެ އިސްވެރިންގެ އިހުމާލުން ކަމަށް ބެލެވޭތީ، އެމީހުން ޖަވާބުދާރީ ކުރުވުމަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް، ކުޑަކުދިންގެ އޮމްބަޑްސްޕާސަންސްގެ އޮފީހުން ފުލުހުންގެ ކިބައިން އެދިފައިވާތީ އެ މައްސަލަ ބަލަން ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ، ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި އެ ތަހުގީގަކީ ކުޑަކުދިންގެ އޮމްބަޑްސްޕާސަންސްގެ ފަރާތުން އެދުމުން ފަށާފައިވާ ތަހުގީގެއް ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

ކުޑަކުދިންގެ އޮމްބަޑްސްޕާސަންސް އޮފީހުން މިމަހުގެ 18 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތައް އަލިފާނުގެ ހާދިސާތަކުން ސަލާމަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ހުރުން ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމުކޮށްފައި ވިޔަސް އެ ވަސީލަތްތައް ހިޔާގައި ނެތް ކަމަށެވެ.

އަލިފާނުގެ ހާދިސާތަކުން ސަލަމާތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ނެތުމުން، ހިޔާއަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަން ޖެންޑާ މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އަދި އަލިފާނުން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމެއް ނެތި ކުދިން އެތަނުގައި ބައިތިއްބާ ކަމަށެވެ.

ބަޔާނުގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ އުސޫލު ބަޔާންކުރާ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފެސިލިޓީތަކުގެ ރައްކާތެރިކަމުގެ މިންގަނޑާއި އެމަޖެންސީގެ ހާލަތުތަކުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލެއް ޖެންޑާ މިނިސްޓްރީން އެކުލަވައިލަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުންޏަސް އެކަން ވެސް ކޮށްފައިނުވާ ކަމަށެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ހިޔާ ހިންގާތީ އާއި މިދިޔަ އަހަރުގެ މެއި މަހުގެ ހަތަރުވަނަ ދުވަހާއި ޖޫން މަހުގެ ހަ ވަނަ ދުވަހު އެތަނުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެ މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީ ކުރުވަން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައިވެއެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި އިހުމާލުވާ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން އޮމްބަޑްސްޕާސަންސްއަށް ދީފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހާއްސަކުރި ތަނުގައި މިދިޔަ އަހަރު ވަނީ އަލިފާނުގެ ހަތަރު ހާދިސާއެއް ހިނގައިފައެވެ. އެތަނުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ކުދިންތަކެއް ނިދާ ކޮޓަރިއެއްގައެވެ.