ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ މުހައްމަދު ރާޝިދު (ރާޑޯ) ނޫން އެހެން ކެންޑިޑޭޓެއް އެ ގޮނޑިއަށް އިންތިހާބުކޮށްފިނަމަ އެއީ ލިބިގަންނަ ނިކަމެތިކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާޝިދުއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ގާސިމް އިއްޔެ ށ. ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ސަރުކާރު ހިންގަނީ އެމްޑީޕީއިން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަކީ ވެސް އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ. ގާސިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގެ މުހިންމުކަން ރައްޔިތުން ވިސްނާވަޑައި ގަންނަވަން ޖެހޭ ކަމަށެވެ. ދާއިރާގެ ރަށްތަކަށް ތަރައްގީ އާއި ކުރިއެރުން ލިބޭނީ ކޮން ޕާޓީއެއްގެ ކެންޑިޑޭޓަކު ހޮވައިގެންކަން ވިސްނާވަޑައިގަތުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދިނުން ނޫންގޮތެއް ކޮމަންޑޫ ދާއިރާގެ ރައްޔިތުން އިހުތިޔާރު ކޮށްފިނަމަ އެއީ ލިބިގަންނަ ވަރަށްބޮޑު ނިކަމެތިކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އެ ނިކަމެތިކަން ލިބިނުގަތުން އޮތީ ދާއިރާގެ ރައްޔިތުން އަތްމަތީގައި ކަމަށާއި ކޮމަންޑޫ ދާއިރާއަށް ފައިދާ ބޮޑުވާނީ ސަރުކާރުގެ ރުހުން ލިބިގެންކަމަށް ވެސް ގާސިމް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހަކީ އަމާނާތްތެރިއެއްކަމާއި އިންސާފުވެރިކަމާއެކު ވެރިކަން ކުރައްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަށް އެންމެންގެ އެއްބާރުލެއްވުމާއި ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް މިހާރުވެސް ސަރުކާރުން މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އާ މަޝްރޫއުތައް ފަށާނެ ކަމަށެވެ. އެހެންކަމުން ދާއިރާގެ ރައްޔިތުން ތިބީ ތިބީތަރައްގީއާ އެކުގައިކަން ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން އިގްތިސޯދު އެއްކޮށް ހުއްޓުނު އިރުވެސް ރައީސް ސޯލިހު ރަށްރަށުގެ ތަރައްގީ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށާއި، އެހެންކަމުން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ވޯޓު ދިނުން ބުއްދިވެރި ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި އެ ދާއިރާގެ ރައްޔިތުން މީގެ ކުރިން އެމްޑީޕީއަށް ދީފައިވާ ކަމަށެވެ. އަދި ގޮނޑި އެމްޑީޕީއަށް ދީފައިވަނީ ފަސް އަހަރަށް ކަމަށެވެ.