ޚަބަރު

އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގެ ހުކުމް އިއްވުން ނޮވެމްބަރު 25ގައި

މުހައްމަދު އިޝާން

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ހުކުމް އިއްވުން ނޮވެމްބަރު މަހަށް ތާވަލުކޮށްފިއެވެ.

އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އާރަށު މައްސަލަ ތަހުގީގުކޮށްފައިވަނީ ފުލުހުންނެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު، ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެއެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި ދެ ޝަރީއަތް ވަނީ ދައުލަތުގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ލިޔެކިޔުންތައް ފޯރުކޮށް ނުދިނުމުގެ ސަބަބުން ކުރިއަށް ނުގެންދެވިފައެވެ. މިއަދު ވަނީ އެ މައްސަލަ ތިންވަނަ ފަހަރަށް ތާވަލުކޮށް ޝަރީއަތް ބާއްވައިފައެވެ.

މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމާއި އިބްތިދާއީ މަރުހަލާ އަންނަ މެއި މަހާ ހަމައަށް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ފަހު، އަންނަ އޮކްޓޯބަރު މަހު ހުލާސާ ބަޔާން ހުށަހަޅައި، ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.

ޝަރީއަތް ލައިވްކޮށް ދެއްކޭނެ ވަސީލަތްތައް މިވަގުތު ކޯޓުގައި ނެތް!

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ، ރައީސް ޔާމީނަކީ ކުރީގެ ރައީސެެއް ކަމަށްވުމުން މިއީ އާއްމު މަސްލަހަތު ހިމެނޭ މައްސަލައެއްކަން ފާހަގަކޮށް މީގެ ކުރިން ބޭއްވި ޝަރީއަތް ލައިވްކުރި ގޮތަށް މި ޝަރީއަތް ވެސް ލައިވްކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.

އެ ވާހަކަތަކާ ގުޅިގެން އިސް ގާޒީ ޝަކީލު ވިދާޅުވީ، ޝަރީއަތް ލައިވްކޮށް ދެއްކޭނެ ވަސީލަތްތައް މިވަގުތު ކޯޓުގައި ނެތް ކަމަށާއި އެހެންކަމުން ޝަރީއަތް ލައިވް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ވަސީލަތްތައް ލިބުމުން ލައިވް ކުރާނެ ކަމަށެވެ. އަދި ލައިވް ނުކުރިޔަސް، އެ ޝަރީއަތް ކުރިއަށްގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ވެސް އިސް ގާޒީ ވިދާޅުވިއެވެ.

އިސް ގާޒީ ޝަކީލު ވިދާޅުވީ ޝަރީއަތް ލައިވްނުކުރިޔަސް އެ މައްސަލަ ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތަކަށް ކޯޓުގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ. ޝަރީއަތް ކުރާއިރު ބަލާނީ ކޯޓުގައި ދައްކާ ވާހަކަތަކަށް ކަމަށާއި، ބޭރުތެރެއިން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދޭނެކަމަށް ވެސް އިސް ގާޒީ ޝަކީލު ވަނީ ވިދާޅުވެފައެވެ. އިސް ގާޒީ ޝަކީލު އެގޮތަށް ވިދާޅުވީ މިއަހަރުގެ ރޯދަމަހުގެ ކުރިން ޔާމީން ޖަލަށްލާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައިވާތީ، އެކަމުގެ ޝަކުވާ ޑރ. ޖަމީލު ކުރެއްވުމުންނެވެ.

ދައުލަތުން ވިދާޅުވީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް އަބަދުވެސް ލައިވްކުރާ ކަމަށާއި، މި ޝަރީއަތް ވެސް ލައިވްކޮށްދިނުމަށް އެދޭ ކަމަށެވެ.

ރައީސް ޔާމީނަށް ދައުވާ ސާފެއް ނުވޭ!

ޝަރީއަތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ ސާފުނުވާ ކަމަށެވެ. ދައުވާއިން ސާފުނުވަނީ ކޮން ކަމެއްތޯ އިސް ގާޒީ ޝަކީލު ސުވާލުކުރެއްވުމުން ރައީސް ޔާމީން ވިދާޅުވީ އޭގެ ކުރިން އެމަނިކުފާނުގެ ވަކީލުންނާ އެކަމުގައި މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވުމުން، އިސް ގާޒީ ޝަކީލު ވިދާޅުވީ، ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް މިއަދު ގެންދާނެ ކަމަށެވެ. އަދި އަދި އަންނަ މަހުގެ ދިހަވަނަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ ޔޫސުފް ނައީމަށް ވެސް ދައުވާކުރެއެވެ. ސިއްހީ ސަބަބުތަކަށްޓަކައި ނައީމް މިއަދު ކޯޓަށް ހާޒިރު ނުވެވޭތީ އޭނާގެ ބައި މިއަދު ކުރިއަށް ނުގެންދަން ވަނީ ނިންމައިފައެވެ. އިސް ގާޒީ ޝަކީލު ވިދާޅުވީ ނައީމްގެ ބައި އަންނަ މަހުގެ ދެވަނަ ދުވަހު ކުރިއަށް ގެންދަވާނެ ކަމަށެވެ. އެއަށްފަހު އެ މައްސަލަ ކުރިއަށް ގެންދަވަނީ ޔާމީނާއި ނައީމްގެ ބައި ވެސް އެއްކޮށެވެ.