ގުޅިފަޅުގެ ޕްލޭން ރިވައިސްކޮށް ރައްޔިތުންނަށް ގެދޮރު ދިނުމަށް މި ސަރުކާރުގައި ތަކުރާރުކޮށް އެދުމުންވެސް މިހާތަނަށް އެމައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ މައްސަލައިގައި ސަރުކާރާ ދެކޮޅަށް ކޯޓަށް ދާން މާލޭ ސިޓީ ކައުންސިލުން ދެންމެ ފާސް ކޮށްފިއެވެ.
އެގޮތަށް ފާސްކުރީ މިހާރު ކުރިއަށްދާ އެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި މާލޭ ސީޓީކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގުޅިފަޅާމެދު ސަރުކާރުން ގެންގުޅޭ ސިތާސަތަށް މާލޭ ސިޓީކައުންސިލުން ތާއީދު ނުކުރައްވާ ކަމަށެވެ.
މޭޔަރު މުއިއްޒު މީގެކުރިން ވިދާޅުވީ، ގުޅިފަޅުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތަކުރާރުކޮށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި އެ ކައުންސިލުން ބޭނުންވަނީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުގައި ޕޯޓު ގާއިމް ކުރަން ނިންމައި، ގުޅިފަޅާއި ތިލަފުއްޓާއި ވިލިމާލޭގެ އިތުރުން މާލެ، ބުރިޖަކުން ގުޅައިލުމަށް ނިންމައިފައެވެ.
ގުޅިފަޅު މައްސަލައިގައި މަޝްވަރާތަކުން ހައްލެއް ނުލިބިއްޖެނަމަ މާލޭ ސިޓީ ކައުންސިލުން ކޯޓަށްވެސް ދާނެ ކަމަށް މޭޔަރު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ސިޓި ކައުންސިލުން މި މައްސަލާގައި ކޯޓަށް ދާނީ އިތުރު އެއްވެސް ގޮތެއް ނެތް ހާލަތެއްގައި ކަމަށެވެ. އަދި ހަގީގަތުގައި މި މައްސަލައިގައި ކޯޓަށް ދާންވެސް ބޭނުން ނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް