މާލޭގެ ލޯކަލް މާރުކޭޓާއި، މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއަށް ބިން ހަވާލުކުރުން ލަސްވަނީ، އެ ބިމާ ގުޅޭގޮތުން މީގެ ކުރިން ގާނޫނާ ހިލާފަށް އެއްބަސްވުންތަކެއް ހަދާފައިވާތީކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ޒަމާނީ ފެންވަރުގެ މާރުކޭޓެއް ތަރައްގީކުރަން މި ސަރުކާރުން ތިންވަނަ ފަރާތަކާ އެކު އެއްބަސްވުމެއް ހަދާފައިވަނީ ކުރީގެ އެއްބަސްވުންތައް ދެމިއޮއްވައި ގާނޫނާ ހިލާފަށް ކަމަށާއި، އެ މަޝްރޫއަށް ބިން ދޫކުރެވޭނީ ކުރީގެ އެއްބަސްވުންތައް ގާނޫނީ ހަމަތަކުގެ މަތިން ބާތިލުކުރުމަށްފަހު ކަމަށެވެ.
އާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު 2022 ވަނަ އަހަރު ބިޑްކުރި ފަރާތަކާ އެކު އެއްބަސްވުމެއް ހަދާފައި އޮއްވައި، ފަހުން ބިޑަކާ ނުލައި އެހެން ކުންފުންޏަކާ އެކު ނުވަ މިލިއަން ޑޮލަރަށް އަގު ބޮޑުކޮށް ދެވަނަ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުންތައް ބާތިލުނުކޮށް އޮއްވައި، މިދިޔަ މާޗު މަހު ސަރުކާރުން "ޓްރަސްޓެންގް މޯލްޑިވްސް" ކިޔާ ކުންފުންޏަކާ 126 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކުރުމަކީ ގާނޫނީ ގޮތުން ބޮޑު އޮޅުންބޮޅުންގަނޑެއްކަމަށް އާޒިމް ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން ބިން ހަވާލުކޮށްދިނުމަށާއި ބިމުގެ ރަޖިސްޓްރީ މިނިސްޓްރީއަށް ބަދަލުކޮށްދިނުމަށް އެދިފައިވީ ނަމަވެސް، އާޒިމް ވިދާޅުވީ އެ ބިމަކީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށްވާތީ ބިމުގެ ގާނޫނީ ބާރުވެރިކަން ދޫކޮށްނުލެވޭނެ ކަމަށެވެ. އަދި މިހާރު މަޝްރޫއު ހަވާލުކުރި ކުންފުންޏަކީ އެކަމުގެ ގާބިލުކަން ހުރި ބައެއްކަން އެނގޭނެ އެއްވެސް މައުލޫމާތެއް ނުވަތަ އެއްބަސްވުމުގެ ކޮޕީއެއްވެސް ކައުންސިލާ ހިއްސާކޮށްފައި ނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.
ކައުންސިލުން ބޭނުންވަނީ ވީހާވެސް އަވަހަށް ރައްޔިތުންނަށްޓަކައި މި މާރުކޭޓު އެޅުމަށްކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ކަންކަން ފުރިހަމަނުކޮށް ބިން ހަވާލުކޮށްފި ނަމަ، ކުރީގެ އެއްބަސްވުންތަކުގެ ސަބަބުން ކައުންސިލުން ބޮޑު ބަދަލެއް ދޭންޖެހުމުގެ ބިރު އެބައޮތްކަމަށް އާޒިމް ވިދާޅުވިއެވެ.
އެހެންކަމުން، މިއަދުގެ ޖަލްސާގައި ކައުންސިލުން ނިންމާފައިވަނީ ސަރުކާރުން އެދިފައިވާ ކަންކަމަށް ޖަވާބުދީ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން ބިން ހަވާލުކުރުމަށެވެ.
މުހައްމަދު އިޝާން
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް
ކޮމެންޓް