މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ގްރެފިޓީތައް ފޮހެ، ސާފު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނީ މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގޭންގު ކުރައިމް ސަޕްރެޝަން އާއި މާލެ ސިޓީ ކައުންސިލު ގުޅިގެންނެވެ.

އެ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ފޮހެ ނައްތާލާފައިވާ ކަމަށެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން، މާލެ ސިޓީގެ އިތުރު ސަހަރައްދުތަކުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާނެ ކަމަށް އެ މުޢައްސަސާއިން ބުނެއެވެ.