ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 271 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ ފުވައްމުލަކު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހަވީރު 4:55 ގައި މަރުވެފައިވާ ކަމަށެވެ.
މިމަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ތިން ސަރަހައްދަކުން ހަތަރު މީހަކު ވަނީ ކޮވިޑުގައި މަރުވެފައެވެ. އަދި މިދިޔަ އަންގާރަ ދުވަހު ވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުންދިޔަ އަންހެނަކު މަރުވެފައެވެ.
މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 271 އަކަށް އަރާފަ އެވެ. އެއީ 253 ދިވެހީންނާއި 18 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.