މިހާރު ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އުސޫލުތަކުގެ ތެރެއިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކަނޑައެޅިފައި އޮތް ތާރީހުގައި ބޭއްވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ކަނޑާއަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އިންތިހާބު ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވެދާނެ ކަމަށާއި އުސޫލުތައް ހަރުކަށި ކުރަން ޖެހިދާނެފަދަ ހާލަތަކަށްވެސް އައިސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އުސޫލު ހަރުކަށި ކުރިޔަސް އިންތިހާބަށް ޖާގަ ދެވޭނެ. އުއްމީދު ކުރަނީ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވިގެން ދިޔުން. ގައިޑުލައިނާ ހިލާފުވެއްޖެ ހާލަތެއްގައި އިންތިހާބު ހުއްޓުވަންވެސް ހުއްޓުވޭނެ. އެކަމަކު އުއްމީދު މިކުރަނީ ހަރުކަށި ކުރާ ގައިޑްލައިނަށްވެސް ތަބާވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އިތުރުން އަލަށް އުފައްދާފައިވާ އެމްއެންޕީންނެވެ. މި ހުރިހާ ޕާޓީއަކުންވެސް އަންނަނީ ފޯރިއާއެކު ކެމްޕެއިން ކުރަމުންނެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ގޯސްވެ ދުވާލެއްގެ މައްޗަށް 2،000 އަށްވުރެ ގިނަ މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ.