ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިކަން އެމަނިކުފާނު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
ރައީސް ސޯލިހު މީގެ ކުޑައިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"އަޅުގަނޑު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ، އެކަން އެނގުނީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭގަ ޕީސީއާރް ހެދުމުން. މާތްﷲގެ ރަހުމަތްފުޅުން ހާލު ރަނގަޅު. މިވަގުތު މިހުރީ ގޭގައި އެކަހެރިވެގެން." އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ކުރިން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެ ބަލީން ރަނގަޅުވެފަ އެވެ.
ރައީސް ސޯލިހު ވަނީ ކޮވިޑުގެ ދެ ޑޯޒް ފުރިހަމަ ކުރައްވައި ބޫސްޓާ ޑޯޒް ޖައްސަވައިފަ އެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ދުވާލަކަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ 1500 އަށްވުރެ މަތިވެފަ އެވެ. އަދި މާލޭގެ ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށްވުރެ އިތުރުވެފައިވާތީ އަތޮޅުތަކަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓު ހަދަން ޖެހެ އެވެ. ނެގެޓިވް ޕީސީއާރާ އެކީގައި ނޫނީ ރަށްރަށަށް ދަތުރު ނުކުރުމަށް ވަނީ އަންގާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު