އެއީ ބޯޓު ބަނުމާއި ކިއްސަރު ވަޑާމުގެ ރަށެކެވެ. ރަށަށް އަރާ ހިސާބުންވެސް ރަށުގެ ލަގަބު "ބިލްޑާސް އައިލެންޑް" ފެނެއެވެ. މަރުހަބާ ކިޔަނީ އެ ޝިޔާރާ އެކުގައެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ދެ ކްލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ވެލެންސިއާއަށް މީގެ ދެ ދުވަސް ކުރިން ސަގާފީ މަރުހަބާއެއް އަލިފުށިން ކީ، ފުޓުބޯޅައިގެ ބޮޑު އީދަކަށެވެ. އާދީއްތަ ދުވަހު އަލިފުށީ ސްޓޭޑިއަމްގައި އޮންނަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލު ވެގެންދާނީ މުޅި އަތޮޅާއި ރަށުގެ އެންމެ ރައްޔިތުންނަށް ލިބޭނެ ޝަރަފެކަށެވެ. ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ތަށި، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އަލިފުށްޓަށް ދިޔުން ވީ އެރަށަށް އައި އުފަލަކަށެވެ.

"ވަރަށް މުހިއްމު އިވެންޓެއް ލިބިގެން މިދިޔައީ. ވަރަށް ޝަރަފުވެރި ފައިނަލެއް އަލިފުއްޓަށް މި ލިބުނީ. ކަންތައްތައް ރާވާލަން ލިބުނު ވަގުތު ތަންކޮޅެއް ކުޑަވި ނަމަވެސް މުޅި ރަށް މިއޮތީ ފުރިހަމައަށް ތައްޔާރުވެފައި. މިއީ ރަށަށް އައި ކުޅިވަރުގެ އީދެއް،" އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން "ވަން" އަށް ވިދާޅުވިއެވެ.

މިއީ ޕްރެސިޑެންޓްސް ކަޕް ވެރި ރަށް މާލޭން ބޭރުގައި ކުޅޭނެ ތިންވަނަ ފަހަރެވެ. މާލޭން ބޭރުގައި އެންމެ ފުރަތަމަ ކުޅުނު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލަކީ 1970 ވަނަ އަހަރުގެ އައްޑޫގައި ކުޅުނު ފައިނަލެވެ. އެ ފައިނަލުގައި ޑީއެންސީ އާއި މާލޭ ޒަމާނީ މިއުޒިކީ ކްލަބް 1-1 އިން އެއްވަރުވެ ޖެހުނީ ދެ ޓީމަށް ޖޮއިން ޗެމްޕިއަންކަން ދޭށެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް މާލޭން ބޭރުގައި ކުޅުނެވެ. އެފަހަރުގެ މުބާރާތް ހދ. ކުޅުދުއްފުއްޓާއި ސ. ހިދަތޫގައި ކުޅުނު އިރު، ފައިނަލް ކުޅުނީ އައްޑޫގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިފަހަރުގެ ފައިނަލުގައި އެއްކޮޅުން ކުޅޭ މާޒިޔާއެވެ.

ރައްޔިތުންގެ ނަޒަރުގައި މާދަމާގެ ފައިނަލަކީ އަލިފުއްޓަށް ލިބުނު ފުރުސަތެކެވެ. ހާއްސަ ޝަރަފަކާއެކު ފައިނަލުން ފަހިވާނެ ފުރުސަތުވެސް ބޮޑެވެ.

"ރައީސްވެސް ވަޑައިގަންނަވާ ގޮތަށް އޮތީ. އެފްއޭއެމްގެ މި ނިންމުމާއެކު އަތޮޅު ފުޓުބޯޅައަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް މިއީ. އެފްއޭއެމްގެ އާ ފޯމެޓަށް ބަލާ އިރު، މިއީ އެޅިގެންދާ ބިންގަލެއް. ރަނގަޅު ފެންވަރުގެ މެޗުތަކެއް ބަލައިލުމަކީ މި ރަށުގެ، އަތޮޅު ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް. ފެންވަރު ރަނގަޅު ކޯޗުންވެސް އައިސް މި ތަނުގައި މެޗުތައް ކުޅުމަކީ އެކަޑެމީތައް ފަށަންވެސް ލިބޭނެ ފުރުސަތެއް. ލިންކްތަކެއް އެޅިގެން ދިޔުން އެއީވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" އިމްރާން ވިދާޅުވިއެވެ.

އިމްރާނުގެ ނަޒަރުގައި މެޗު ބެލުމަށް ގިނަ ބަޔަކު އަލިފުށީ ސްޓޭޑިއަމަށް ދާނެއެވެ. އަތޮޅު ތެރޭގެ ރަށްތަކުން ދާ ސަޕޯޓަރުންނަށް އެމްޓީސީސީގެ ފެރީ ތާވަލުވެސް ފަސޭހަ ކޮށްލައިފައި އޮތް އިރު، މާދަމާގެ ފައިނަލް ހާއްސަވާނީ އެ ނަޒަރުންނެވެ. ރ. އަތޮޅުގެ އާބާދީގެ ތެރެއިން ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކަށް މެޗު ހާއްސަ ވާނެތީއެވެ.

މާދަމާގެ ފައިނަލަށް ތައްޔާރުވުމަށް މާޒިޔާ އާއި ވެލެންސިއާއިން ވަނީ މިހާރު އަލިފުށީ ދަނޑުގައި ތަމްރީނުތައްވެސް ހަދާފައެވެ. ހުރިހާ ގޮތަކުންވެސް އަލިފުށީ އޮތީ ތައްޔާރަށެވެ.