ޚަބަރު

ކޮވިޑުގައި މިއަދުގެ ހަތަރު ވަނަ މަރު، ރާއްޖޭގެ ޖުމުލަ އަދަދު 269 އަށް

ރިފާ ހަލީލު

ލާމު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި މީހަކު މަރުވެ، އެބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 269 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ލާމު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 84 އަހަރުގެ ފިރިހެނަކު މިއަދު މެންދުރު 1:47ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑު ޖެހިގެން މިއަދުގެ މިހާތަނަށް މަރުވި ހަތަރު ވަނަ މީހާއެވެ. އަދި ލާމު ކޮވިޑު ފެސިލިޓީގައި މަރުވި ދެވަނަ މީހާ އެވެ. މިއަދު އެންމެ ފުރަތަމަ މަރުވީ ލާމު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި 79 އަހަރުގެ ފިރިހެނެކެވެ. ދެވަނައަށް މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި 63 އަހަރުގެ އަންހެނެކެވެ. މި ދެ މީހުންނަކީވެސް ލ. ފޮނަދޫއަށް ނިސްބަތްވާ ދެމީހުންނެވެ. ތިން ވަނަ އަށް މަރުވެފައި ވަނީ އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 76 އހަރުގެ ފިރިހެނެކެވެ.

މާލެ ފިޔަވައި ކޮވިޑު ބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އައްޑޫ ސިޓީންނެވެ.

މިއަދުގެ ހަތަރު މަރާއެކު ރާއްޖެއިން މިހާތަނަށް 269 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 251 ދިވެހިންނާއި 18 ބިދޭސީ އެކެވެ.