ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު، އެކަކު އަނެކަކާ ވާދަކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްރީ ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ, ވެރިކަމުގައި އެމްޑީޕީ އޮތުން ކުރިއަށްވުރެ މާ ބޮޑަށް މުހިންމު ވެއްޖެ ކަމަށެވެ. އަދި ޑިމޮކްރަސީ ކުރިއަށް ގެންދިއުމަށް އެއީ ކުރަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނަންތޯ އެ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެއީ އަބަދުވެސް ގެންގުޅުއްވާ ވިސްނުންފުޅެއް ކަމަށާއި އެކަން ބަދަލު ނުވާ ކަމަށެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުވެސް ދޫ ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި ރައީސް ސޯލިހު ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވީ, އިންތިހާބެއްގައި އެމަނިކުފާނާއި ރައީސް ސޯލިހު، އެކަކު އަނެކަކާ ވާދަކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީ ވެރިކަމުގައި ބޭއްވުމަށް "ކުރެވެން ހުރި ހުރިހާ ކަމެއް" ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެކަކު އަނެކަކާ ވާދަކުރާތަނެއް އަޅުގަނޑަކަށް ނުފެނޭ. ރައީސް ސޯލިހުގެ އެކަން ކުރައްވާނެ ކަމަކަށް ނުބެލެވޭ. ވާދަކުރާނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ލީޑަރަކަށްވެސް ވެދާނެ." ނަޝީދު ވިދާޅުވި ކަމަށް ނޫހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު