ކޮވިޑު-19އިގެ ކޭސްތައް އިތުރުވަނީ މީ ކޮވިޑުގެ ހަތަރު ވަނަ ރާޅު ކަމަށްވުމުން ކަމަށާއި މަހެއްހާ ދުވަސް ވަންދެން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްނުވެ ހިނގައިދޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑު ބަލީގެ އެންމެ ބޮޑު ޕީކެއް ރާއްޖެއަށް އައީ މިދިޔަ އަހަރުގެ މޭ މަހު ކަމަށެވެ. ޑެލްޓާ ވޭރިއަންޓާއެކު ކުރިމަތިވި އެ ޕީކުގައި ބަލީގެ ހާލަތު ގޯސްވީ މާލެ ސަރަޙައްދުގައެވެ. ނަމަވެސް އޮމިކްރޯން ޕީކު ނޫނީ ހަތަރު ވަނަ ޕީކުގައި މާލެއެކޭ އެއްގޮތަށް އަތޮޅުތަކުން ފެންނަ ކޭސްތައް އިތުރު ވަމުންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑުގެ މިވަގުތުގެ ހާލަތު ވަރަށް ގޯސްކަމަށެވެ. އަދި މި މަސް ނިމިގެންދާއިރު ކޭސްތައް ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ތިން ޕީކަކާ ކުރިމަތިލައިފި. މިހާރު ހަތަރު ވަނަ ވޭވެއް މި އައީ. ކުރިއަށް ލަފާކުރާގޮތުން ދައްކަނީ، މިއީ ކުރީ ފަހަރުތަކަށްވުރެ މާ ބޮޑު ނުރައްކާ ވޭވަކަށް ވާނެކަމަށް، އެންމެ ފަހުގެ ޕީކްގައި އެއް މަހަށް ދެމިގެންދިޔަ. ނަމަވެސް މިފަހަރު ކުރިއަށްވުރެ ބަލި ޖެހޭ މީހުން އިތުރުވާނެކަމަށް ލަފާކުރެވޭތީ މި ވޭވް މަހަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެކަމަށް ލަފާކުރެވެނީ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑަށް ޓެސްޓުކުރާ ސާމްޕަލްތަކުގެ 25 ޕަސަންޓު މިހާރު އެ ބައްޔަށް ޕޮޒިޓިވްވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން، ކޮވިޑު އަވަހަށް ފެތުރޭތީ އެއީ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ބަލާނެ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނަމަ ބަލީގައި ހާލު ސީރިއަސްވާ މީހުން ގިނަވާނެ ކަމަށެވެ.

އަތޮޅުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ރަނގަޅަށް ތަންފީޒު ނުކުރެެވޭ ކަން ފާހަގަ ކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، މަސައްކަތްކުރަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކޮވިޑު ކޮންޓްރޯލް ކުރަން ކަމަށެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް ކޮވިޑުގެ އަދަދުތައް ދަށް ނުވާނަމަ އެހެން ފިޔަވަޅުތައް އަޅާނެ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.