ފީފާގެ ފެއާ ޕްލޭ އެވޯޑު، ކްރިސްޓިއަން އެރިކްސަންއަށް ވަގުތީ ފަރުވާ ދިން ޑެންމާކުގެ މެޑަލް ޓީމަށް ދިން އިރު، "ދަ ބެސްޓް" އެވޯޑު ހަފުލާގައި ހޮވި އެންމެ މޮޅު ގޯލަކަށް ޓޮޓެންހަމްގެ އެރިކް ލަމެލާ އާސެނަލް ކޮޅަށް ޖެހި "ރަބޯނާ" ގޯލު ހޮވިއްޖެއެވެ.
ސްވިޒަލޭންޑުގެ ޒިއުރިޗްގައި ރޭ ބޭއްވި އިވެންޓްގައި ޑެންމާކުގެ މެޑިކަލް ޓީމަށް ފެއާ ޕްލޭ އެވޯޑު އަރުވާފައިވަނީ މިދިޔަ އަހަރު ބޭއްވި ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި ޑެންމާކުން ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި، ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމުން ދިން އަވަސް ފަރުވާއަށް ބަލައިފައެވެ.
ޑެންމާކުން ޔޫރޯ 2020 ގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑުމައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. މެޗު އިމަޖެންސީގައި މެދު ކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައި ދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.
އެ ވަގުތު ޑެންމާކު އަދި ފިންލޭންޑް ސަޕޯޓަރުން ދެއްކި ނަމޫނާއަށް ފީފާއިން ވަނީ އެ ދެގައުމުގެ ސަޕޯޓަރުންނަށް ފީފާ ފޭން އެވޯޑުވެސް ރޭގެ ހަފުލާގައި އަރުވައިފައެވެ.
ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލަކީ މިދިޔަ އަހަރު މާޗު މަހުގެ ތެރޭގައި ޓޮޓެންހަމްއިން އާސެނަލްއާ ދެކޮޅަށް ކުޅުނު ލަންޑަން ޑާބީގައި ޖެހި ގޯލެކެވެ. އާސެނަލް ދަނޑުގައި ކުޅުނު މެޗުގައި ލޫކާސް މޯރާ އޭރިއާ ތެރެއަށް ކޮންޓްރޯލް ކޮށްލި ބޯޅަ ލަމެލާ ގޯލަށް ވައްދާލީ ރަބޯނާއެއް ޖަހައިގެންނެވެ. އެ ގޯލަށް ޕުސްކާސް އެވޯޑު ލިބުނީ އާންމުންގެ ވޯޓުންނެވެ.
ރޭގެ އެވޯޑު ހަފުލާގައި ފީފާއިން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކްރިސްޓީ ސިންކްލެއާ އަށް ހާއްސަ އެވޯޑެއް އަރުވައިފައެވެ. ރޮނާލްޑޯއަށް އެވޯޑު އެރުފީ މިދިޔަ އަހަރު ތެރޭގައި އިންޓަނޭޝަނަލް ޓީމުތަކަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޭނާ މުގުރާލުމުންނެވެ. ކެނެޑާގެ އަންހެން ފޯވަޑް ކްރިސްޓީއަށްވެސް ފީފާއިން އެވޯޑު އެރުވީ މިދިޔަ އަހަރު ތެރޭގައި އަންހެން އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޭނާ މުގުރާލައިފައިވާތީއެވެ.