ޚަބަރު

ޕޮޒިޓިވް އަދި ކޮންޓެކްޓުވާ ސިވިލްސާވިސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި

ރިފާ ހަލީލު

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މުވައްޒަފުންނާއި ކޮންޓެކްޓް ވާ މުވައްޒަފުން ކަރަންޓީނުގެ މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވާ މުވައްޒަފުންނާއި ކޮންޓެކްޓުވާ މުވައްޒަފުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ އިން ކަނޑައަޅާފައިވާ މުއްދަތަށް ކަރަންޓީނުގައި ތިބޭއިރު ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން މިހާރު އަމަލު ކުރަން ފަށާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން، ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ކަރަންޓީނުވާން ޖެހޭނީ ހަތް ދުވަހުގެ މުއްދަތަކަށެވެ. މި ހަތް ދުވަސް ފަހުން އަލާމާތެއް ނެތްނަމަ އެމީހަކަށް ބޭރަށް ނިކުމެވޭނެ ކަމަށާއި ނަމަވެސް އެއްވެސް އަލާމާތެއް ހުރި ނަމަ އެ މީހަކަށް ބޭރަށް ނިކުމެވޭނީ އަލާމާތެއް ނެތި 24 ގަޑި އިރު ހަމަވުމުންނެވެ.

އުސޫލުގައިވާ ގޮތުން ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާ ކޮންޓެކްޓުވެފައިވާނަމަ އެމީހަކު 10 ދުވަހަށް ކަރަންޓީނު ކުރެވޭނެ ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ ނަމަ އެމީހަކު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަނީ އިއްޔެއިން ފެށިގެން ޕޮޒިޓިވް ވާ ސިވިލް ސާވިސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އިންތިޒާމުކޮށްފައިވާ ގޮތުގެ މަތިން މަސައްކަތް ކުރަން އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އިއްޔެ އެކަނިވެސް 1200 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.