ޚަބަރު

ލަމްހާގެ ބަންދަށް އިތުރު 10 ދުވަސް

މުހައްމަދު އިޝާން

1

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު ހަލީމަތު ލަމްހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަން ޝަފީއު އަހުމަދު މިރޭ "ވަން" އަށް ވިދާޅުވީ ލަމްހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަން އިތުރު 10 ދުވަސް ދީފައިވާ ކަމަށެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

ޝަފީއު ވިދާޅުވީ ދައުލަތުގެ ފަރާތުން އެދުނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ކަމަށެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ގޮތެއް ނިންމާނީ 10 ދުވަސް ފަހުން ކަމަށެވެ. ލަމްހާގެ ބަންދަށް 10 ދުވަސް ޖަހާދީފައިވަނީ ވަގުތީ ގޮތުން އެމައްސަލަ ބެލުމާ ހަވާލުވެހުންނެވި ގާޒީއެވެ.

ލަމްހާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީއެވެ.

ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ކޮޓަރި ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ލަމްހާގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ މޭރީގެ ފިރިމީހާ މާވިންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މާވިންގެ ބަންދަށް ކުރިމިނަލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ވަނީ 10 ދުވަސް ޖަހައިފައެވެ.

ދައުލަތުން މާވިންގެ އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދައުލަތުން މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.

މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.