ސަރުކާރުން ކޮމަންޑޫ ދާއިރާގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ހުރަސް ނާޅާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ، އަބްދުލް ހަންނާނު އިދުރީސްގެ ހުޅުމާލޭ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ކޮށްދޭ ކަންކަން ބާރަށް ކުރިއަށް ގެންގޮސް ނިންމާލުމަކީ އެޕާޓީން އެދޭ ގޮތް ކަމަށެވެ.

އެ ދާއިރާއަށް ވައުދުވެފައިވާ އެއާޕޯޓު ވުޖޫދަށް އަންނަން އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެން ބޭނުންވޭ ސްލިޕްވޭ އަޅައިދޭން، އަޅުގަނޑުމެން ބޭނުން އެރަށުގައި ޒުވާނުންނަށް ކޮށްދޭން ވިދާޅުވެފައި ހުރި ކަންކަން ކޮށްދޭން. އެހެންކަމުން އެ ޖަލްސާގައި އެކިއެކި ފާޑުފާޑުގެ ވާހަކަ ދެއްކެވުމެއް ނެތް. އަޅުގަނޑުމެން ބޭނުންވަނީ ވައުދު ފުއްދުމަށްޓަކައި އެތަންތަން ފުރާ މަންޒަރު ފެންނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނުވާނަން އެއްވެސް ހުރަހަކަށް" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީން ބޭނުންވަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން މިހާރު ތިބި ބިކަ ހާލަތުން ފުދުންތެރި އަދި ތަނަވަސް ހާލަތަކަށް އެ ރައްޔިތުން ގެންގޮސްދިނުން ކަމަށާއި ޕާޓީގެ ތަސައްވަރަކީވެސް ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

އެއްތަނަކަށް މީހުން ތޮއްޖެއްސުމަކީ އެމްއެންޕީން ބޭނުންވާ ކަމެއް ނޫންކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާބަން ސެންޓަރުތައް ގާއިމު ކުރާނެ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ހަންނާނު ހޮއްވަވައިދެއްވައިފިނަމަ ކޮމަންޑޫއަކީ، ތައުލީމީ ރަށަކަށް އަލުން ހައްދަވައިދެއްވާނެ ކަމަށާއި އެ ދާއިރާގެ ރައްޔިތުންނަށް ފާގަތިކަން ގެނެސްދެއްވާނެ ކަމަށެވެ.

ސަރުކާރުން ކޮމަންޑޫ ދާއިރާގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ހުރަސް ނާޅާނެ ކަމަށް ނާޒިމް ވިދާޅުވެފައިވާއިރު، ސަރުކާރުން ކޮމަންޑޫ ދާއިރާގައި މިހާރު ފަށާފައިވާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ދެ ކޮމަންޑޫ ގުލައިލުމުގެ މަޝްރޫއު ހުއްޓުވަން ބަޔަކު އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.